Roadha Mihaaru
ރޯދަމަހު ކާބޯތަކެތި ފަސޭހަކަމާ އެކު ލިބޭނެ: އެސްޓީއޯ

ރޯދަމަހު ކާބޯތަކެތި ފަސޭހަކަމާ އެކު ލިބޭނެ: އެސްޓީއޯ

21 ފެބުރުއަރީ 2024

ކުރިއަށް އޮތް ރޯދަމަހު ކާބޯތަކެތި ފަސޭހަކަމާ އެކު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ތައްޔާރުވަމުން އަންނަ ކަމަށް އެސްޓީއޯއިން މިއަދު ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ކުރިއަށް އޮތް ރޯދަމަހު ކާބޯތަކެތި ފަސޭހަކަމާ އެކު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ތައްޔާރުވަމުން އަންނަ ކަމަށް އެސްޓީއޯއިން މިއަދު ބުނެފި އެވެ.

އެ ކުންފުނިން ބުނީ، އަންނަ މަހުގެ 11 ގައި ފަށާ ރޯދަމަހަށް އެސްޓީއޯ އިން އަސާސީ ކާބޯތަކެތި އެއްވެސް ދަތިކަމެއް ނެތި ފޯރުކޮށްދޭނެ ކަމަށާއި އެ ކަމަށް ބޭނުންވާ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.

އެސްޓީއޯ އިން މި އަހަރު ވެސް ރޯދަމަހަށް ހާއްސަކޮށް ފިޔާ، އަލުވި ބިސް އެތެރެ ކުރާނެ އެވެ. އާންމުކޮށް ކެއުންބުއިމުގައި ބޭނުންކުރާ އެހެން ބާވަތްތައް ވެސް މި ފަހަރު އެސްޓީއޯ އިން އެތެރެ ކުރަން މަސައްކަތް ކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މި ވަގުތު އެސްޓީއޯ އިން އަންނަނީ ގެންނަ ކާބޯތަކެތި ބަހައްޓާނެ ސްޓޯރޭޖުތަކުގެ ޖާގަތައް ހަދަމުންނެވެ.

އިންޑިއާ އިން ރާއްޖެ އަށް ފިޔާ އެތެރެކުރުން ހުއްޓާލި ކަމަށް ދެއްކެވޭ ވާހަކަތަކާ ގުޅޭ ގޮތުން އެސްޓީއޯއިން ބުނީ ފިޔާ ލިބުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމަށެވެ.

"ކުރިއެކޭ ވެސް އެއްފަދައިން އެސްޓީއޯ އިން ސްޓޭބަލް ސަޕްލައިއެއްގައި ފިޔާ ފޯރުކޮށްދެމުންދާނެ. ފާއިތުވި ދެ މަހުގެ މާކެޓް ޓްރެންޑަށް ބަލާ ކަމުގައިވާ ނަމަ ރާއްޖޭގެ މާކެޓްގައި ފިޔާގެ އަގު އަންނަނީ ތިރިވަމުން،" އެސްޓީއޯއިން މީޑިއާއާ ހިއްސާކުރި މެސެޖުގައިވެ އެވެ.

އިންޑިއާ އިން ފިޔާ އެކްސްޕޯޓު ކުރުން ބައެއް ގައުމުތަކަށް ހުއްޓާލި ނަމަވެސް، އެ ލިސްޓުގައި ރާއްޖެ ނުހިމެނޭ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ވެސް މިއަދު ބުންޏެވެ.