Roadha Mihaaru

އެސްޓީއޯގެ ރޯދަ ސްޓޮކް: ބިހާއި އަލުވި ވެސް ބާޒާރަށް

ކުރިއަށް އޮތް ރޯދަމަހަށް އެސްޓީއޯ އިން ބިހާއި އަލުވި ވެސް ބާޒާރަށް ނެރެ، ވިއްކަން ފަށައިފި އެވެ.

އެސްޓީއޯގެ ރޯދަ ސްޓޮކް: ބިހާއި އަލުވި ވެސް ބާޒާރަށް
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

19 ފެބުރުއަރީ 2025

ކުރިއަށް އޮތް ރޯދަމަހަށް އެސްޓީއޯ އިން ބިހާއި އަލުވި ވެސް ބާޒާރަށް ނެރެ، ވިއްކަން ފަށައިފި އެވެ.

އެ ކުންފުނިން މިއަދު ބުނީ، ބިސް ކޭހެއް މި ވަގުތު ވިއްކަނީ 320ރ. އަށް ކަމަށެވެ. އެއީ ބިހެއް 2ރ. ގެ ރޭޓުންނެވެ. އަދި އަލުވި ކިލޯއެއް 18ރ. އަށް ވިއްކާ އިރު އަލުވި ބަސްތާއެއް އެސްޓީއޯއިން ވިއްކަނީ 310ރ. އަށެވެ.

އެ ދެ ބާވަތް ވެސް ހޯލްސޭލްކޮށް ލިބެން ހުންނާނީ އެސްޓީއޯ ހޯލްސޭލް ސެންޓަރާއި އިންޑަސްޓްރިއަލް ވިލެޖު ޒޯންގައި ހުންނަ އެސްޓީއޯ ވެއާހައުސްއިންނެވެ. ރީޓެއިލްކޮށް އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން އެ ބާވަތްތައް ވެސް މިހާރު ލިބޭނެ އެވެ.

އެސްޓީއޯ އިން ރޯދަމަހަށް ހާއްސަކޮށް 24 ބާވަތެއް އިމްޕޯޓު ކުރެ އެވެ. އޭގެ ތެރޭގައި ފިޔާ، އަލުވި އަދި ބިސް ވެސް ހިމެނެ އެވެ. އެއީ ކުރީގެ ރޯދަމަސްތަކުގައި ވެސް އެސްޓީއޯ އިން ބާޒާރަށް ނެރޭ ބާވަތްތަކެވެ.

އެސްޓީއޯއިން ބުނީ ރޯދަމަހަކީ ކާބޯތަކެއްޗަށް ޑިމާންޑް އިތުރުވާ މޫސުމަކަށް ވާތީ، އެ ފަދަ އަސާސީ ތަކެތި އެކަށޭނަ އަގެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ އެ ކުންފުނީގެ އަމާޒެއް ކަމަށެވެ. އެސްޓީއޯ އިން ބުނީ، ބާޒާރުގެ އަގުތަކަށް އަންނަ ބަދަލާ ގުޅިގެން، އެ ކުންފުނިން ވިއްކާ އަގަށް ވެސް ބަދަލު ގެންނާނެ ކަމަށެވެ. ހާއްސަ ހާލަތްތަކުގައި ވަކި ސަރަހައްދުތަކެއްގެ ބާޒާރައް އަންނަ ބަދަލުތަކާ ގުޅިގެން އެސަރަހައްދެެއްގައި ވިއްކާ އަގައް ބަދަލު ގެންނާނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ. އެކަމަކު، އާންމު ހާލަތުގައި އެސްޓީއޯގެ ހުރިހާ ރީޖަނަލްތަކެއްގައި ވެސް ލިބެން ހުންނާނީ އެއް އަގެއްގަ އެވެ.

އެސްޓީއޯ އިން މިހާރު ވަނީ ފިޔާގެ އަގު ވެސް ހެޔޮކޮށްފަ އެވެ. ކުރިން 16ރ. އަށް ކިލޯއެއް ވިއްކި ނަމަވެސް، މިހާރު އެ ފިހާރައިން ކިލޯއެއް ވިއްކަނީ 14ރ. އަށެވެ. އަދި ފިޔާ ބަސްތާއެއް ވިއްކަނީ 310ރ. އަށެވެ.

އެ ބާވަތްތަކުގެ އިތުރުން އެސްޓީއޯ އިން މިހާރު ވަނީ ކާއްޓާއި ލުނބޯ ވެސް ބާޒާރަށް ނެރެ، ވިއްކަން ފަށައިފަ އެވެ.