Roadha Mihaaru
ލަންކާގައި ކަރަންޓުގެ އަގު 18 ޕަސެންޓަށް ހެޔޮކުރަނީ

ލަންކާގައި ކަރަންޓުގެ އަގު 18 ޕަސެންޓަށް ހެޔޮކުރަނީ

22 ފެބުރުއަރީ 2024

ސްރީ ލަންކާގައި އާންމު ގޭބިސީތަކުގެ ކަރަންޓުގެ އަގު 18 ޕަސެންޓް ހެޔޮކުރަން ސަރުކާރުން މިއަދު ހުށަހަޅާނެ ކަމަށް ބުނެފި އެވެ.

ސްރީ ލަންކާގައި އާންމު ގޭބިސީތަކުގެ ކަރަންޓުގެ އަގު 18 ޕަސެންޓް ހެޔޮކުރަން ސަރުކާރުން މިއަދު ހުށަހަޅާނެ ކަމަށް ބުނެފި އެވެ.

ރޮއިޓާސް އިން ބުނީ ލަންކާއަށް ފަހުގެ ތާރީހެއްގައި ކުރިމަތިވި އިގްތިސާދީ އެންމެ ބޮޑު ހީނަރުކަމުގެ ސަބަބުން އާންމު ދިރިއުޅުމަށް ކޮށްފައިވާ ނޭދެވޭ އަސަރުން ސަލާމަތްވުމަށް އެހީއެއްގެ ގޮތުން އަޅާ ފިޔަވަޅެއް ކަމަށެވެ.

އާބާދީ 22 މިލިއަނަށްވުރެ ބޮޑު ލަންކާގައި ބޭރު ފައިސާގެ ރިޒާވް މަދުވެ ދަރަނިތައް އަދާނުކުރެވި އަދި ބޭނުންވާ ތަކެތި އިމްޕޯޓް ނުކުރެވި އިގްތިސާދަށް ކުރިމަތިވި ބޮޑު ހީނަރުކަމުގައި 2022 ވަނަ އަހަރު އިގްތިސާދު 7.8 ޕަސެންޓް ދަށަށް ދިޔަ އެވެ.

މި ދަތިކަމުން ސަލާމަތްވާން ލަންކާއިން އައިއެމްއެފުން ހޯދި 2.9 ބިލިއަން ޑޮލަރުގެ ބެއިލްއައުޓާ އެކު އެ އިދާރާގެ ޝަރުތުތަކަށް އަމަލުކުރުމުގެ ގޮތުން ސެޕްޓެމްބަރު 2022 ގައި ކަރަންޓުގެ އަގު 75 ޕަސެންޓް ބޮޑުކުރި އެވެ. އަދި މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އިތުރު 66 ޕަސެންޓަށް ބޮޑުކުރި އެވެ.

ކަރަންޓުގެ އަގު ބޮޑުކުރި އިރު އެހެން ޓެކްސްތަކާއި ތެލުގެ އަގު ބޮޑުކުރުމުން ސެޕްޓެމްބަރު 2022 ގައި އިންފްލޭޝަން ރެކޯޑް މިންވަރަކަށް އުފުލި 70 ޕަސެންޓާ ހަމަޔަށް ދިޔަ އެވެ. އެކަމަކު މި އަހަރުގެ ޖެނުއަރީ މަހު އިންފްލޭޝަން ވަނީ 6.5 ޕަސެންޓް ދަށްވެފަ އެވެ.

ލަންކާގެ ޕަވަ އެންޑް އެނާޖީ މިނިސްޓަރު ކަންޗަނާ ވިޖެސެކެރާ، ގާނޫނު ހަދާ މަޖިލީހުގައި އިއްޔެ ވިދާޅުވި ގޮތުގައި ވާރޭ ވެހުން އިތުރުވުމާއި ރުޕީގެ އަގު ރަނގަޅުވުމާއި އިންޓަރެސްޓް ރޭޓް ދަށްވުމާ އެކު ކަރަންޓުގެ އަގު ހެޔޮކުރުމަކީ މިހާރު ކުރެވިދާނެ ކަމެކެވެ.

"އަޅުގަނޑުމެން ގޭބިސީތަކާއި ދީނީ ކަންކަމަށް ބޭނުންކުރާ ތަންތަނުން ކަރަންޓުގެ އަގުން 18 ޕަސެންޓް ކުޑަކުރާނަން. ފެކްޓަރީތަކަށް 12 ޕަސެންޓް ހެޔޮކޮށްދޭނަން،" އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ސަރުކާރުން ބޭނުންވަނީ ދެވެން އޮތް ކޮންމެ ލުޔެއް ވީ އެންމެ އަވަހަކަށް ދޭން ކަމަށެވެ.