Roadha Mihaaru
އައިކެއާއިން 30 މިލިއަން ރުފިޔާގެ ސުކޫކެއް ވިއްކަނީ

އައިކެއާއިން 30 މިލިއަން ރުފިޔާގެ ސުކޫކެއް ވިއްކަނީ

22 ފެބުރުއަރީ 2024

ލޮލުގެ ހާއްސަ ފަރުވާތައް ދެމުން އަންނަ އައިކެއާ އިން 30 މިލިއަން ރުފިޔާގެ ސުކޫކެއް ވިއްކަން ހުޅުވާލައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ލޮލުގެ ހާއްސަ ފަރުވާތައް ދެމުން އަންނަ އައިކެއާ އިން 30 މިލިއަން ރުފިޔާގެ ސުކޫކެއް ވިއްކަން ހުޅުވާލައިފި އެވެ.

އެ ކުންފުނިން ހުޅުވާލީ، ޕެރެލަލް އިސްތިސްނާ ސުކޫކެކެވެ. އެ ސުކޫކު ވިއްކައިގެން ހުޅުމާލޭގައި ލޮލުގެ ފަރުވާދޭ ސެންޓަރެއް، ޕާކިން ފެސިލިޓީއަކާ އެކު ހަދަން ވަނީ ނިންމައިފަ އެވެ.

އެ ސުކޫކްގެ ލީޑް އެރޭންޖަރު، ފަސްޓް ނޭޝަނަލްގެ ވެބްސައިޓުގައިވާ ގޮތުން ސުކޫކުގައި އިންވެސްޓްކުރާ ފަރާތްތަކަށް ސުކޫކުގެ ފަސް އަހަރުގެ މުއްދަތުގެ ތެރޭގައި އަހަރަކު އަށް ޕަސެންޓު ރޭޓުގައި ފައިދާ ލިބޭނެ އެވެ. އެ އަދަދު ބެހުމަށް ހަމަޖެހިފައިވަނީ ދެ ބަޔަކަށް ބަހާލައިގެންނެވެ.

އައިކެއާ ކުންފުނި 2003 ވަނަ އަހަރު ފެށި އިރު ރާއްޖޭގެ އެކި ހިސާބުތަކުގައި އެކުންފުނީގެ ހަތް އޮޕްޓިކަލް ޝޯރޫމާއި ކްލިނިކު ހިންގަ އެވެ. ލޮލުގެ ފަރުވާގެ ހިދުމަތްތަކުގެ އިތުުރުން އެ ކުންފުނިން އަންނަނީ ޓޫރިޒަމް ދާއިރާގެ ވިޔަފާރިތައް ވެސް ހިންގަމުންނެވެ. އެ ކުންފުނިން އަންނަނީ ފިޔަވަޅު މޯލްޑިވްސް ރިސޯޓު ހިންގަމުންނެވެ. އަދި ސަފާރީ ބޯޓު ފަހަރު ކުއްޔަށް ދޫކުރުމުގެ ވިޔަފާރި ވެސް ކުރެ އެވެ.

ސުކޫކަކީ ޝަރުއީ ހަމަތަކާ އެއްގޮތަށް ވަކި އޮނިގަނޑަކަށް އެކުލަވާލާ، ކޮންވެންޝަނަލް ބޮންޑާ އެއްފަދައިން، ފައިދާއެއް ލިބޭ ގޮތަށް ހަދާފައިވާ އިންވެސްޓްމަންޓް ޕްރޮޑަކްޓެކެވެ. ކޮންމެ ސުކޫކެއްގެ އޮނިގަނޑު އެކުލަވާލާއިރު އެ ސުކޫކުގެ ފަހަތުގައި އާމްދަނީ ނުވަތަ މަންފާ ލިއްބައިދޭ އެސެޓެއް އެކުލެވެ އެވެ. އަދި ސުކޫކްގެ އިންވެސްޓަރުންނަށް ފައިދާ ބަހާނީ އެ ސުކޫކެއް ފަރުމާކުރުމުގައި ބޭނުންކޮށްފައިވާ މުދަލަކުން ލިބޭ އާމްދަނީ ބޭނުންކޮށްގެންނެވެ.

އައިކެއާއިން ސުކޫކެއް ވިއްކަން ހުޅުވާލި އިރު މިދިޔަ އަހަރު އޭޕްރީލްގައި މެޑްޓެކް އިން ވެސް ވަނީ 30 މިލިއަން ރުފިޔާގެ ސުކޫކެއް ވިއްކާފަ އެވެ. އެ ސުކޫކު ލިސްޓު ކުރިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވަނީ ގިނަ އަދަދެއްގެ އިންވެސްޓަރުން މެޑްޓެކް ސުކޫކުގައި ބައިވެރިވެފަ އެވެ. އެ ސުކޫކުގެ ޕީރިއަޑިކް ފައިދާއަށް ދެ މިލިއަން ރުފިޔާ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ބަހާފައިވެ އެވެ.

ފަސްޓް ނޭޝަނަލް ލީޑް އެރޭންޖަރެއްގެ ގޮތުގައި އަމިއްލަ ކުންފުނިތަކަށް ބޭނުންވާ ފައިސާ ހޯދުމަށް، ބޮންޑާއި ސުކޫކު އަންނަނީ ވިއްކަމުންނެވެ. އެގޮތުން ފަސްޓް ނޭޝަނަލް މެދުވެރިކޮށް އެމްޕީއެލް އާއި ޔޫރޯ މާކެޓުން ވެސް ބޮންޑެއް އިޝޫކޮށްފައިވެ އެވެ.