Roadha Mihaaru
އުރީދޫގެ ފައިދާ 685 މިލިއަން ރުފިޔާއަށް އަރައިފި

އުރީދޫގެ ފައިދާ 685 މިލިއަން ރުފިޔާއަށް އަރައިފި

22 ފެބުރުއަރީ 2024

އުރީދޫ މޯލްޑިވްސްގެ މިދިޔަ އަހަރުގެ ފައިދާގެ ގޮތުގައި 685 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އުރީދޫ މޯލްޑިވްސްގެ މިދިޔަ އަހަރުގެ ފައިދާގެ ގޮތުގައި 685 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

އެ ކުންފުނީގެ އަހަރީ ރިޕޯޓުގައިވާ ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ އަހަރު އެ ކުންފުންޏަށް ވަނީ ދެ ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފަ އެވެ. އެއީ 2022 ވަނަ އަހަރުގެ އާމްދަނީއަށް ވުރެ ގާތްގަނޑަކަށް 170 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. އާމްދަނީ އިތުރުވީ، ކުންފުނީގެ މައި ވިޔަފާރިތަކުން ލިބުނު އާމްދަނީ އިތުރުވުމުންނެވެ.

އުރީދޫގެ ފައިދާ ވަނީ 2022 ވަނަ އަހަރަށް ވުރެ 20 ޕަސެންޓުގެ އިތުރުވެފަ އެވެ. އެކުންފުންޏަށް 2022 ވަނަ އަހަރު ފައިދާގެ ގޮތުގައި ލިބުނީ 560 މިލިއަން ރުފިޔާ އެވެ. މިއީ އެކުންފުންޏަށް މިހާތަނަށް އެންމެ ބޮޑު ފައިދާއެއް ލިބުނު އަހަރެވެ.

އުރީދޫ މޯލްޑިވްސްގެ ޖުމްލަ ރައުސުލްމާލުގެ އަގު 4.6 ބިލިއަން ރުފިޔާއަށް އަރަ އެވެ.

އުރީދޫ، ޕަބްލިކް ކުންފުންޏަކަށް ބަދަލުކޮށް، އާއްމުންނަށް ހިއްސާ ވިއްކަން ފެށީ 2016 ވަނަ އަހަރު އެވެ. އެކުންފުނިން އަންނަނީ އެއް އަހަރުން އަނެއް އަހަރަށް ކުންފުނީގެ އާމްދަނީ އިތުރުކޮށް، ފައިދާ ބޮޑުކުރަމުންނެވެ. އަދި އެކުންފުންޏަކީ ކުރު މުއްދަތެއްގެ ތެރޭގައި ހިއްސާދާރުންނަށް ބޮޑު ފައިދާއެއް ވެސް ދެމުން އަންނަ ކުންފުންޏެކެވެ.