Roadha Mihaaru
އައިވީއެފަށް އާސަންދަ ހަމަޖެއްސިކަން އިއުލާނުކޮށްފި

އައިވީއެފްގެ ހަރަދު އާސަންދައިން ހަމަޖެއްސިކަން ރައީސް އިއުލާނުކުރައްވައިފި

05 ޑިސެމްބަރ 2023

އައިވީއެފް ހެދުމުގެ ހަރަދު އާސަންދައިގެ ތެރެއިން ލިބޭނެ ގޮތް ހަމަޖައްސައި، ފާޓިލިޓީ ކެއާއަށް ހާއްސަ ފަންޑެއް ގާއިމްކުރަން ސަރުކާރުން ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އައިވީއެފް ހެދުމުގެ ހަރަދު އާސަންދައިގެ ތެރެއިން ލިބޭނެ ގޮތް ހަމަޖައްސައި، ފާޓިލިޓީ ކެއާއަށް ހާއްސަ ފަންޑެއް ގާއިމްކުރަން ސަރުކާރުން ނިންމައިފި އެވެ.

ވަޒީރުންގެ ބައްދަލުވުންތަކަށްފަހު މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، ސަރުކާރުން ނިންމި ބޮޑެތި ކަންތައްތަކެއް ހާމަކުރައްވައިފަ އެވެ. އޭގެ ތެރޭގައި، ސިއްހީ ދާއިރާއާ ގުޅޭ މުހިއްމު ކަންތައްތަކެއް ހިމެނެ އެވެ.

އޭގެ ތެރެއިން އެއް ކަމަކީ، އެ މަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހިމެނޭ، އައިވީއެފަށް އަދި ދަރިމައިވުމުގެ މައްސަލަތަކަށް އާސަންދައިގެ ތެރެއިން ފަރުވާ ލިބޭނެ ގޮތް ހަމަޖެއްސުމެވެ. އެ މަނިކުފާނު ވިދާޅުވީ އާސަންދަ ސްކީމްގެ ގަވައިދު އިސްލާހުކޮށް، ގެޒެޓުކުރާނެ ކަމަށާއި އައިވީއެފަށް ހާއްސަކޮށް އުސޫލެއް ހަދާނެ ކަމަށެވެ.

"އައިވީއެފް، އައިޔޫއައި ހިދުމަތް ދެވޭގޮތް އިއުލާންކުރެވިގެންދާނެ. ރާއްޖޭގައި މި ހިދުމަތް ފޯރުކޮށްދޭ އަމިއްލަ ހޮސްޕިޓަލްތަކުން ވެސް މި ހިދުމަތް ދެވޭނެ ގޮތް ހަމަޖައްސައިދެވިގެންދާނެ." ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ރައީސް ވިދާޅުވި އެވެ.

ދަރިމައިވުމުގެ ފަރުވާތައް ހަރުދަނާކުރަން އައިޖީއެމްއެޗްގައި ހުރި ފާޓިލިޓީ ކެއާސެންޓަރު ފުޅާކުރާނެ ކަމަށާއި އަދި އެކަމަށް ހާއްސަ ސެންޓަރެއް ގާއިމްކުރާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އޭގެ އިތުރުން، ރާއްޖެއިން ބޭރުގައި އާސަންދައިގެ ދަށުން އައިވީއެފް ހެދޭނެ ސެންޓަރުތައް ހަމަޖައްސާނެ ކަމަށް ވިދާޅުވި އެވެ.

އެ މަނިކުފާނު ވަނީ ފާޓިލިޓީ ކެއާ އަށް ގާތްގަނޑަކަށް 30 މިލިއަން ރުފިޔާގެ ފަންޑެއް އަންނަ އަހަރު ގާއިމްކުރަން ނިންމާފައިވާކަމަށް އިއުލާންކުރައްވައިފަ އެވެ.

ގުދުރަތީ ގޮތުން ދަރިން ނުލިބޭ ނަމަ އެކަމަށް ދެން އޮތް ހައްލަކީ އައިޔޫއައި އަދި އައިވީއެފް މެދުވެރިކޮށް ދަރިން ހޯދުމެވެ. މި ފަހަކާ ޖެހެންދެން ވެސް ރާއްޖޭގައި ތިބެގެން އައިވީއެފް ނުހެދޭތީ އެ ފަރުވާއަށް ގިނަ މީހުން ދަނީ އިންޑިއާއަށެވެ. ނަމަވެސް، އަމިއްލަ އަތުން ކިތަންމެ ބޮޑު ހަރަދެއް ހިނގިޔަސް އެއިން އެއްވެސް ފަރުވާއަކަށް އާސަންދައެއް ނުލިބެ އެވެ.

ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ޕްރެސް ކޮންފަރެންސްގައި ރައީސް ޑރ. މުއިއްޒު ވާހަކަފުޅު ދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ޕްރެސް ކޮންފަރެންސްގައި ރައީސް ޑރ. މުއިއްޒު ވާހަކަފުޅު ދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް

އެހެންވެ، އެ ނިޒާމު ބަދަލުކުރުމަކީ ރައީސްގެ ރިޔާސީ ވައުދެކެވެ. ސިއްހީ ދާއިރާއާ ގުޅޭގޮތުން ނިންމި އަނެއް ނިންމުމަކީ އާސަންދައިގެ ތެރެއިން މެޑިކަލް ޗެކަޕް ހެދޭނެ ގޮތް ހަމަޖެއްސުމެވެ.

ރައީސް ވިދާޅުވީ އެކި އުމުރުތަކަށް ބަހާލައިގެން މެޑިކަލް ޗެކަޕް ޕެކޭޖުތައް ހަދާނެ ކަމަށެވެ. އަދި ޑޮކްޓަރުން ލަފާ ދީފިނަމަ އާސަންދައިގެ ތެރެއިން އަހަރަކު ދެ ފަހަރު އެކި ޓެސްޓުތައް ހެދޭނެ ގޮތްތައް ހަމަޖައްސާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ސަރުކާރުގެ ހޮސްޕިޓަލްތަކާއި މަރުކަޒުތައް މެދުވެރިކޮށް މެޑިކަލް ޗެކަޕް ހަދަން ޕްލޭންތައް ކުރާއިރު، އެ ހިދުމަތް ނެތް ނަމަ އާސަންދަ ސްކީމްގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ތަންތަނުން ވެސް އެ ޓެސްޓުތައް ހެދޭނެ ގޮތްތައް ހަމަޖެހިގެންދާނެކަން ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެންގެ މައިގަނޑު އެއް ސިޔާސަތު މިއީ ބަލި ޖެހުމުގެ ކުރީގައި ބަލިން ރައްކާތެރިކުރުވުން. ޕްރިވެންޓިވް ހެލްތު ކެއާއަށް ވަރަށް ބޮޑު އިސްކަމެއް ދޭން ނިންމާފައިވަނީ." ރައީސް ވިދާޅުވި އެވެ.

ދިވެހީންގެ ތެރޭގައި ގައިންގަޔަށް ނާރާ ބޮޑެތި ބަލިތައް ފެތުރެމުންދާއިރު މެޑިކަލް ޗެކަޕް ހެދުމަކީ، ރައީސް ވިދާޅުވި ގޮތުގައި، ދުރާލާ ރައްކާތެރިވެގެންދާނެ ކަމެކެވެ.

އާސަންދައިގެ ތެރެއިން ރާއްޖެއިން ބޭރުގައި ފަރުވާ ހޯދާއިރު، ހޮސްޕިޓަލް ބަދަލުކުރާނަމަ ބަލި މީހާ އަމިއްލައަށް ދައްކަންޖެހޭ ފީ ވެސް މިހާރު ވަނީ އެ ނިޒާމުގެ ތެރެއިން ދެއްކޭ ގޮތް ހަމަޖައްސައިފަ އެވެ.