Roadha Mihaaru
ފްލެޓް ލިސްޓް ރިވިއު ކުރާނީ އިތުބާރު ކުރެވޭ ބޭފުޅުން

ފްލެޓް ލިސްޓް ރިވިއު ކުރާނީ އިތުބާރު ކުރެވޭ ބޭފުޅުންގެ ކޮމިޓީއަކުން: ރައީސް

23 ފެބުރުއަރީ 2024

ގެދޮރުވެރިޔާ ސްކީމަށް ޝަރުތު ހަމަވާ މީހުންނަށް ފްލެޓް ދޫކުރުމުގެ މަސައްކަތަށް އެކުލަވާލާ މިނިވަން ކޮމިޓީގައި ހިމެނޭނީ ރައްޔިތުން އިތުބާރު ކުރާ ފަދަ ބޭފުޅުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ގެދޮރުވެރިޔާ ސްކީމަށް ޝަރުތު ހަމަވާ މީހުންނަށް ފްލެޓް ދޫކުރުމުގެ މަސައްކަތަށް އެކުލަވާލާ މިނިވަން ކޮމިޓީގައި ހިމެނޭނީ ރައްޔިތުން އިތުބާރު ކުރާ ފަދަ ބޭފުޅުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

"އަހާ" ފޯރަމްގައި ރައީސާ އާންމު މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ ފްލެޓްތަކާ ގުޅޭ ތަހުގީގު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހިންގަމުންދާއިރު، މިހާތަނަށް ވެސް ގެދޮރުވެރިޔާ ޕޯޓަލްއަށް މިނިސްޓްރީއަށް އެކްސެސް ނުލިބޭ ކަމަށެވެ.

އެ އެކްސެސް ނުލިބޭތީ، ފްލެޓަށް ކުރިމަތިލީ މީހުންގެ މައުލޫމާތުތައް މިނިސްޓްރީއަށް ނުބެލޭނެ ކަމަށާއި އޭސީސީން ޝަރުތު ހަމަވާ ކަމަށް ނިންމާފައިވާ މީހުންގެ މައުލޫމާތު ވެސް ނުބެލޭ ކަމަށް ރައީސް ވިދާޅުވި އެވެ.

"އަދި އަޅުގަނޑުމެން އާންމުކުރަން ވެސް ބޭނުންވޭ ހަގީގަތުގައި [ލިސްޓު] ޗެކް ކުރުމަށް ފަހު. އެކަމަކު އާންމުކުރުން ވެސް [އޭސީސީ އިން] އެކްސެސް ނުދޭތީ ނުވެގެން މި އުޅެނީ،" ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ ސަރުކާރުން ނިންމާފައިވަނީ ފްލެޓްތަކަށް ކުރިމަތިލީ މީހުންގެ ލިސްޓް މިނިވަން ކޮމިޓީއެއް މެދުވެރިކޮށް ރިވިއު ކުރާށެވެ. އެ ކޮމިޓީގައި ހިމެނޭނީ ރައްޔިތުން އިތުބާރު ކުރާ ފަދަ ބޭފުޅުން ކަމަށާއި ފްލެޓްތައް ދިނުން އެއީ ސަރުކާރުން އަމިއްލަ އަމިއްލައަށް ކުރާ ކަމަކަށް ހަދަން ބޭނުން ނުވާ ކަމަށެވެ.

"ރައްޔިތުން ވެސް އެ ބައެއްގެ ބަސް ގަބޫލު ކުރާ ފަދަ ބޭފުޅުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް ހަދާފައި އޭސީސީން އެ ނިންމި ނިންމުން ލިސްޓް ކޮމިޓީ ލައްވައި ބަލާނީ. ކުރާއިރު ހަގީގަތު ވެސް ގޯސްކޮށް މީހަކަށް ފްލެޓެއް ދީފައި އޮތްތޯ ނުވަތަ ނޫންކަން ވެރިފައި ވެގެންދާނީ،" އެ މަނިކުފާނު ވިދާޅުވި އެވެ.

"އެ ޕްރޮސެސް އަށް ވެސް ދެވޭނީ ޕޯޓަލްއަށް އެކްސެސް ލިބިގެން."

"އަހާ" ފޯރަމްގެ ތެރެއިން: ފްލެޓް ލިސްޓް ރިވިއު ކުރާނީ އިތުބާރު ކުރެވޭ ފަދަ ބޭފުޅުން ކަމަށް ވިދާޅުވި - ފޮޓޯ: ފަޔާޒު މޫސާ / މިހާރު

"އަހާ" ފޯރަމްގެ ތެރެއިން: ފްލެޓް ލިސްޓް ރިވިއު ކުރާނީ އިތުބާރު ކުރެވޭ ފަދަ ބޭފުޅުން ކަމަށް ވިދާޅުވި - ފޮޓޯ: ފަޔާޒު މޫސާ / މިހާރު

އެކްސެސް ލިބުމުން ލިސްޓް ރިވިއުކޮށް، ޝަރުތު ހަމަވާ މީހުން ކަނޑައަޅައި، ލިސްޓް އާންމު ކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިފަހަރު ކުރިމަތިލީ 4،000 ފްލެޓަށް ޝަރުތު ހަމަނުވާ ކަމަށް ނިންމި ނަމަވެސް، އެ މީހެއްގެ ބޯހިޔާވަހިކަމުގެ ހައްގު އެއްކޮށް ގެއްލިޔަ ނުދެއްވާނެ ކަމަށާއި ކުރިއަށް ހުރި ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ތެރެއިން އެ މީހުންނަށް ފުރުސަތު ދޭނެ ކަމަށެވެ.

ގެދޮރުވެރިޔާ ފްލެޓްތައް ލިބޭ މީހުންގެ ދާއިމީ ލިސްޓެއް، މިދިޔަ ސަރުކާރު ނިމެން ދެ ދުވަހަށް ވެފައި އޮއްވައި ނެރުމުން އޭސީސީން ވަނީ ފްލެޓް ދޫކުރުން ހުއްޓުވައިފަ އެވެ. ގާތްގަނޑަކަށް ދެ މަސް ދުވަހުގެ ތަހުގީގަށް ފަހު އޭސީސީން ބުނެފައި ވަނީ 4،000 ފްލެޓް ލިބުނު މީހުންގެ ތެރެއިން 60 ޕަސެންޓް މީހުންނަކީ ޝަރުތު ހަމަނުވާ މީހުން ކަމަށެވެ.

ޝަރުތު ހަމަވާ ބާކީ ފޯމުތަކުގެ ތެރެއިން އެއްވެސް މައްސަލައެއް ނެތީ އެންމެ 20.7 ޕަސެންޓް ފޯމުގަ އެވެ. އަނެއް 19.7 ޕަސެންޓަކީ ވެސް ޝަރުތު ހަމަވެ، މައުލޫމާތުގެ ފުށުއެރުންތަކެއް ހުރި ފޯމުތަކެވެ.