Roadha Mihaaru
އޭސީސީއަށް މި ޝަކުވާތަކުގެ އަޑެއް ނީވޭ!

އޭސީސީއަށް މި ޝަކުވާތަކުގެ އަޑެއް ނީވޭ!

19 ސެޕްޓެމްބަރ 2017

ކިތަންމެ ޝަކުވާއެއް ކުރިއަސް، ފްލެޓް ދިނީ ކިތައް ޕޮއިންޓު ލިބުނު މީހުންނަށް ކަމެއް ހައުސިން މިނިސްޓްރީން އާއްމެއް ނުކުރާނެ އެވެ. ސަރުކާރުގެ ނިންމުމަކީ ފްލެޓް ލިބުނު މީހުންގެ މައުލޫމާތާ އެކު ލިސްޓު އާއްމުނުކުރުން ކަން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އިއްޔެ ތަކުރާރުކޮށް ވަނީ ވިދާޅުވެފަ އެވެ. އެހެންކަމުން، ފްލެޓް ދިން ގޮތުގެ ތަފްސީލު ހައުސިން މިނިސްޓްރީން ހޯދަން ބޭކާރު މަސައްކަތްތައް ކުރުމުގެ ބޭނުމެއް ނެތެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކިތަންމެ ޝަކުވާއެއް ކުރިއަސް، ފްލެޓް ދިނީ ކިތައް ޕޮއިންޓު ލިބުނު މީހުންނަށް ކަމެއް ހައުސިން މިނިސްޓްރީން އާއްމެއް ނުކުރާނެ އެވެ. ސަރުކާރުގެ ނިންމުމަކީ ފްލެޓް ލިބުނު މީހުންގެ މައުލޫމާތާ އެކު ލިސްޓު އާއްމުނުކުރުން ކަން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އިއްޔެ ތަކުރާރުކޮށް ވަނީ ވިދާޅުވެފަ އެވެ. އެހެންކަމުން، ފްލެޓް ދިން ގޮތުގެ ތަފްސީލު ހައުސިން މިނިސްޓްރީން ހޯދަން ބޭކާރު މަސައްކަތްތައް ކުރުމުގެ ބޭނުމެއް ނެތެވެ.

ހަމައެކަނި ފޯމު ނަމްބަރު ޖަހާފައި އާއްމުކޮށްފައި އޮތް ލިސްޓަކާ ގުޅޭ ގޮތުން ހުށަހަޅާނީ ކޮން ޝަކުވާއެއް ހެއްޔެވެ؟ އެންމެން ވެސް ކުރަން އޮންނާނީ އެއް ސުވާލެކެވެ. މިވެނި ވަރަކަށް އަހަންނަށް ޕޮއިންޓް ލިބުނުއިރު ފްލެޓް ނުލިބުނީ ކީއްވެގެން ހެއްޔެވެ؟ ޝަކުވާގެ މި ހުރިހާ ސުވާލުތަކަށް ވެސް މިނިސްޓްރީން ދޭނީ އެއް ޖަވާބެއް ކަން ވަރަށް ސާފެވެ.

ފްލެޓް ދީފައިވަނީ، އިންސާފުންތޯ ކަށަވަރުކުރަން ދެން ދާން އޮތް ތަނަކީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އެވެ. ފްލެޓް ދިން ގޮތާ މެދު ރުޅިގަދަވެ، ހުއްޓުމެއް ނެތި ޝަކުވާ އޮއްސަމުން ދާއިރު، ކޮމިޝަނުން މި މައްސަލަ ބަލަން ޖެހެނީ ބަޔަކު ހުށަހަޅައިގެން ހެއްޔެވެ؟ ފްލެޓް ދޫކުރީ އިންސާފުން ނޫން ކަމަށް އެތައް ބަޔަކު ބުނަމުން ދާއިރު، ކޮރަޕްޝަން އެކުލެވިގެންވޭތޯ ބެލުމަކީ ކޮމިޝަނުން އަމިއްލަ އަށް އިސްނަގައިގެން ކުރަން ޖެހޭ ކަމެއް ނޫން ހެއްޔެވެ؟

ފްލެޓަށް އެދި ކުރިމަތިލީ 15،000 އަށް ވުރެ ގިނަ މީހުންގެ ތެރެއިން 600 މީހުންގެ ހައްގު ސަރުކާރުން ހިމާޔަތްކޮށްދޭއިރު، ބާކީ ތިބި 14،000 އަށް ވުރެ މީހުންގެ ހައްގުގައި އޭސީސީން މަސައްކަތް ކުރަން ނުޖެހޭ ހެއްޔެވެ؟

އޭސީސީގެ މެމްބަރުން: ފްލެޓަށް ހުށަހެޅި ޝަކުވާތަކުގެ މައްސަލަ އެ ކޮމިޝަނުން އަންނަނީ ތަހުގީގުކުރަމުން.- ފޮޓޯ: އޭސީސީ

އޭސީސީގެ މެމްބަރުން: ފްލެޓަށް ހުށަހެޅި ޝަކުވާތަކުގެ މައްސަލަ އެ ކޮމިޝަނުން އަންނަނީ ތަހުގީގުކުރަމުން.- ފޮޓޯ: އޭސީސީ

ފްލެޓް ދިން ގޮތުގެ ތަފްސީލު އާއްމުނުކުރި މައްސަލަ އާއްމުންގެ ބަޔަކު ވަނީ އޭސީސީ އަށް ހުށަހަޅައިފަ އެވެ. އެ މައްސަލަ ބަލަމުން އަންނަ ކަމަށް އޭސީސީން ބުނި ނަމަވެސް މިކަމުގައި އެ ކޮމިޝަނުގެ ސީރިއަސްކަން ހުރި މިންވަރާ ދޭތެރޭގައި ސުވާލު އުފެދެ އެވެ. މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ބުނިއިރު، އެނގިފައިވާ ގޮތުގައި، ފްލެޓް ދިން ގޮތުގެ އެއްވެސް މައުލޫމާތެއް ހޯދަން ހައުސިން މިނިސްޓްރީގައި އިއްޔެގެ ނިޔަލަށް އެ ކޮމިޝަނުން އެދިފައެއް ނުވެ އެވެ.

މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ބުނުމަކީ މީޑިއާތަކަށް ދޭން ތައްޔާރުކޮށްފައި އޮންނަ އޭސީސީގެ އާއްމު ޖަވާބެވެ.

ހައުސިން މިނިސްޓްރީން ފްލެޓް ދިނީ މިނިސްޓަރު މުއިއްޒު ވިދާޅުވި ގޮތަށް، އެންމެ ހައްގުވެރި 661 މީހުންނަށް ކަމަށް ވެސް ވެދާނެ އެވެ. އެހެންވެއްޖެ ނަމަ ކިތަންމެހާ ވެސް ރަނގަޅެވެ. އެކަމަކު މައްސަލައަކީ އެކަން ކަށަވަރުކުރެވޭނެ ގޮތެއް ނެތުމެވެ.

ފްލެޓް ލިބުނީ ކޮން ބަޔަކަށް ކަން އާއްމުނުކުރި ސަބަބެއް ކަމަށް މިނިސްޓްރީން ދައްކަނީ އެ މީހުންގެ ހައްގުތައް ރައްކާތެރިކޮށްދިނުމެވެ. އެކަމަކު ފްލެޓް ދިން ގޮތާ މެދު ޝައްކުތައް އުޅޭ ނަމަ، އެ މައްސަލަ ވީހާވެސް އަވަހަކަށް ބަލަން ޖެހެ އެވެ. ބޯހިޔާވަހިކަމަކީ ސީރިއަސް މައްސަލައެކެވެ. އެތައް ބައެއްގެ ހައްގު ހިމެނޭ މި މައްސަލަ ލަސްކުރުމަކީ އެތައް ބައެއްގެ ހައްގު ގެއްލިގެންދާނެ ކަމެކެވެ.

އޭސީސީގެ އިސް އޮފިޝަލަކު ވިދާޅުވީ ފްލެޓްތަކާ ގުޅޭ ގޮތުން ހުށަހެޅި މައްސަލަތަކުގެ މައުލޫމާތު އެ ކޮމިޝަނުން ސާފުކުރަމުން އަންނަ ކަމަށެވެ. މައްސަލަތައް ތަހުގީގުކުރުމުގައި އޭސީސީން އަމަލުކުރާނީ ގާނޫނީ އިމުގެ ތެރެއިން ކަަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

"ލިސްޓު އާއްމުކުރުމާ އެކު އަޅުގަނޑުމެންނަށް ހުށަހެޅި ޝަކުވާތަކުގެ ތަހުގީގު ކުރިއަށް އެބަ ދޭ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަކޮށް ވީހާވެސް އަވަހަށް މައްސަލަަތައް ތަހުގީގުކުރަން އަޅުގަނޑުމެން މި އަންނަނީ މަސައްކަތް ކުރަމުން،" އޮފިޝަލް ވިދާޅުވި އެވެ.

ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓަރު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: ފްލެޓް ދިނީ އެންމެ ހައްގުވެރިންނަށް ކަމަށާއި ފްލެޓާ ގުޅޭ ޝަކުވާތައް އޭސީސީން ބަލާތީ އުފާކުރައްވާ ކަމަށް މިނިސްޓްރު ވިދާޅުވި. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓަރު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: ފްލެޓް ދިނީ އެންމެ ހައްގުވެރިންނަށް ކަމަށާއި ފްލެޓާ ގުޅޭ ޝަކުވާތައް އޭސީސީން ބަލާތީ އުފާކުރައްވާ ކަމަށް މިނިސްޓްރު ވިދާޅުވި. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ހައުސިން މިނިސްޓަރު ވިދާޅުވީ ފްލެޓް ދޫކުރީ އިންސާފުން ނޫން ކަމަށް ކުރަމުންދާ ޝަކުވާތައް އޭސީސީން ބެލުމަކީ، އެ މިނިސްޓްރީން އުފާކުރާ ކަމެއް ކަމަށެވެ. ފްލެޓް ދިނީ އޭގެ އެންމެ ހައްގުވެރިންނަށް ކަން އެ މައްސަލަ ތަހުގީގުކޮށް ނިމުމުން ސާފުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މި މައްސަލަ ބަލަން ބާރުއަޅުއްވައި މިނިސްޓަރު މުއިއްޒު ވާހަކަ ދެއްކެވިއިރު، ފްލެޓް ދޫކުރި މީހުންގެ ލިސްޓު އާއްމުނުކުރަން އުޅޭ ސަބަބާ މެދު ގިނަ ބަޔަކު ސުވާލު އުފައްދަ އެވެ. ފްލެޓް ދިން ގޮތާ މެދު ފޮރުވާނެ އެއްވެސް ކަމެއްނެތް ނަމަ ދެ ފުށް ފެންނަ ގޮތަކަށް ނުވަތަ އެ ލިބުނީ ހައްގުވެރިންނަށްތޯ ޔަގީންކޮށްދިނުމަކީ މިނިސްޓްރީގެ ޒިންމާއެކެވެ. އަދި މިނިސްޓްރީން ކުރަން އޮތީ ކުޑަ މަސައްކަތެކެވެ. އެއީ ފްލެޓް ލިބުނީ މި ވެނި މާކްސްއަކުން ފެށިގެން މަތިން ކަމަށް ބުނުމެވެ. އެކަމަކު މައްސަލަ އުފެދެނީ، އެވަރުގެ ކުޑަ ކަމެއް ވެސް ނުކުރަން މިނިސްޓްރީން ނިންމާފައިވާތީ އެވެ.

ފްލެޓް ދިނުމުގައި ޕޮއިންޓުގެ ތަރުތީބަށް ބެލުމެއް ނެތް ކަަމަށް ކުރެވޭ ތުހުމަތު ރައްޔިތުންނަށް ސާފުވާން ޖެހެ އެވެ. ހައުސިން މިނިސްޓްރީން އުޒުރުވެރިވާ ނަމަ، އޭސީސީން އެކަން ރައްޔިތުންނަށް ސާފުކޮށްދޭން ޖެހެ އެވެ. ފްލެޓް ލިބިފައި ވަނީ އޭގެ އެންމެ ހައްގުވެރިންނަށްތޯ އެނގުމަކީ ފްލެޓަށް ކުރިމަތިލައި ނުލިބުނު އެތައް ހާސް ރައްޔިތުންނާއި ފްލެޓަށް ކުރިމަތި ނުލައި ތިބި ދިވެހި ރައްޔިތުންގެ ވެސް ހައްގެކެވެ. އެ ހައްގު ކަށަވަރުކޮށްދިނުން މިހާރު އޮތީ އޭސީސީގެ އަތްމަތީގަ އެވެ. އެކަމަކު ސުވާލަކީ އެކަން، އިންސާފުވެރިކަމާ އެކު، ކުރާނެ ހެއްޔެވެ؟