Roadha Mihaaru
ރާއްޖޭގައި އޭޝިއަން ގޭމްސް ބޭއްވުމުގެ އަމާޒެއް

20 އަހަރުތެރޭ ރާއްޖޭގައި އޭޝިއަން ގޭމްސް ބޭއްވުމުގެ އަމާޒެއް

25 ފެބުރުއަރީ 2024

ކުރިއަށް އޮތް 20 އަހަރުތެރޭ ރާއްޖޭގައި އޭޝިއަން ގޭމްސް ބޭއްވުމުގެ އަމާޒާ އެކު ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމުގެ ދުރު ރާސްތާ ޕްލޭންގެ، ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ލޯންޗުކޮށް ދެއްވައިފި އެވެ.

ކުރިއަށް އޮތް 20 އަހަރުތެރޭ ރާއްޖޭގައި އޭޝިއަން ގޭމްސް ބޭއްވުމުގެ އަމާޒާ އެކު ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމުގެ ދުރު ރާސްތާ ޕްލޭންގެ، ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ލޯންޗުކޮށް ދެއްވައިފި އެވެ.

އިއްޔެ މީރުމާ މާލަމްގައި ބޭއްވި ހަފުލާގައި، ލޯންޗު ކުރި ޕްލޭން ވަނީ މައިގަނޑު ހަ ދާއިރާއަކަށް ބަހައިލައިފަ އެވެ. ކޮންމެ ދާއިރާއެއްގެ ތެރެއިން ސްޕޯޓްސް މިނިސްޓްރީ އާއި އެހެން އިދާރާތައް ގުޅިގެން ކުރަން ޖެހޭ މަސައްކަތާއި އެކަށައަޅަން ޖެހޭ ސްޓްރެޓިޖިކް ޕްލޭންތަކަކީ ކޮބައިކަން ވަނީ ފާހަގަކޮށްފަ އެވެ.

މި ދާއިރާތަކުގެ، ސްޕޯޓްސް މިނިސްޓްރީގެ ވެބްސައިޓްގައި އާންމުކޮށްފައިވާ ކޮޕީގައި ތިންވަނަ އަށް ތަރުތީބުކޮށްފައި ވަނީ، ކުޅިވަރު ބައްދަލުވުންތަކާއި މުބާރާތްތައް ރާއްޖޭގައި ބޭއްވުމަށް ކުރަން ޖެހޭ މަސައްކަތެވެ. އެ ބައިގައި ބުނެފައި ވަނީ އެތުލީޓް ޑިވެލޮޕްމެންޓް ހަރުދަނާ ކުރާ އިރު ޓޫރިޒަމްގެ ތެރެއިން ސްޕޯޓްސް ޓޫރިޒަމްގެ މަންޒިލެއްގެ ގޮތުގައި ވެސް ރާއްޖެ ތަރައްގީ ކުރުން ހިމެނޭ ކަމަށެވެ.

ކުޅިވަރު ކުރިއެރުވުމުގެ ދުރު ރާސްތާ ޕްލޭން ލޯންޗު ކުރުމަށް ބޭއްވި ހަފުލާގެ ތެރެއިން --- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ

ކުޅިވަރު ކުރިއެރުވުމުގެ ދުރު ރާސްތާ ޕްލޭން ލޯންޗު ކުރުމަށް ބޭއްވި ހަފުލާގެ ތެރެއިން --- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ

"ކުރިއަށް އޮތް 10 އަހަރުގެ ތެރޭ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އާއި ސައުތު އޭޝިއަން ގޭމްސް އަދި ކުރިއަށް އޮތް 20 އަހަރު ތެރޭގައި އޭޝިއަން ގޭމްސް ބޭއްވުމުގެ އަމާޒާ އެކު އެކަމަށް ސްޓްރެޓެޖިކް ޕްލޭނެއް އެކުލަވާލުން،" ސްޕޯޓްސް މިނިސްޓްރީގެ ވެބްސައިޓްގައި އާންމުކޮށްފައިވާ ޕްލޭނުގައި ވެއެވެ.

އެ ޕްލޭންގެ އެންމެ ފުރަތަމަ ދާއިރާއަކީ ސްޕޯޓްސް އެޑިއުކޭޝަން އެވެ. އޭގެ ތެރެއިން ކޯޗުންނާއި ކުޅިވަރުގެ ޓެކްނިކަލް އެހެން ދާއިރާތަކުގެ މީހުން ތަމްރީނު ކުރުމުގެ އިތުރަށް ދިވެހި ކުޅިވަރުގެ ހިންގުންތެރިން ތަމްރީނު ކުރުމުގެ ގޮތުން ސްޕޯޓްސް އެޑްމިނިސްޓްރޭޓަރުންގެ އެޑީއުކޭޝަނަލް ޕްރޮގްރާމްތައް ވެސް ހިންގުމަށް ޕްލޭންގައި ހިމަނާފައިވެ އެވެ.

އެ ޕްލޭންގައި ދެން އޮތް ދާއިރާއަކީ ކުޅިވަރު އެސޯސިއޭޝަންތައް ބާރުވެރިކޮށް ހިންގުން ހަރުދަނާ ކުރުމެވެ. އޭގެ ދަށުން އެސޯސިއޭޝަންތަކާއި ކްލަބްތައް ހިންގުން ގުޑް ގަވަނަންސާއި ޓްރޭންސްޕޭރެންޓް ސިސްޓަމަކަށް ބަދަލު ކުރެވޭނެ ކަންތައްތަކެއް ކުރަން ހިމަނާފައި ވެއެވެ. އަދި އެސޯސިއޭޝަންތަކުގެ ހަރަކާތްތައް އަތޮޅު ތެރެއަށް ފުޅާ ކުރުމުގެ ގޮތުން ކޮންމެ މަހަކު އަތޮޅުތަކުގެ ހަރަކާތްތައް ހިންގަން ކަނޑައަޅާފައި ވެއެވެ.

ކުޅިވަރު ކުރިއެރުވުމުގެ ދުރު ރާސްތާ ޕްލޭން ލޯންޗު ކުރުމަށް ބޭއްވި ހަފުލާގައި ބައިވެރިވި ކުޅިވަރުގެ ބައެއް ބޭފުޅުން --- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ

ކުޅިވަރު ކުރިއެރުވުމުގެ ދުރު ރާސްތާ ޕްލޭން ލޯންޗު ކުރުމަށް ބޭއްވި ހަފުލާގައި ބައިވެރިވި ކުޅިވަރުގެ ބައެއް ބޭފުޅުން --- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ

ސްޕޯޓްސް ޕާފޯމަންސް ފެސިލިޓީ މާސްޓާ ޕްލޭނެއް އެކުލަވާލުން: ރާއްޖޭގައި މިވަގުތު ވެސް ކުޅިވަރުގެ ވަސީލަތްތައް އަދި ކުރިއަށް ޕްލޭން ކުރެވިފައި ހުރި ޕްރޮޖެކްޓްތަކުގެ ދަށުން ހަދާ ވަސީލަތްތައް އެސޯސިއޭޝަންތަކަށާއި ރާއްޖޭ ހުރިހާ ސަރަހައްދަ ވެސް ބޭނުން ކުރެވޭނެ ގޮތައް އިންތިޒާމު ހަމަޖެއްސުން ޕްލޭންގައި ހިމެނެ އެވެ.

2040 ގެ އޮލިމްޕިކް ގޭމްސްގައި މެޑަލް ހޯދުމުގެ ޓާގެޓެއް

ދުރު ރާސްތާ އެތުލެޓިކް ޑިވެލޮޕްމެންޓް ޕްލޭނަކާއި ހުނަރު ދެނެގަތުމުގެ ޕްލޭނެއް އެކުލަވާލުން އެ ޓާގެޓަށް ވާސިލުވުމުގެ ގޮތުން ފަށާ މަސައްކަތްތަކުގެ ތެރޭގައި ހިމެނެ އެވެ. އެ ދެ ޕްލޭނާ އެކު 2030 އަދި 2034 ގެ އޭޝިއަން ގޭމްސްގައި މެޑަލް ހޯދުން ޓާގެޓެއްގެ ގޮތުގައި ކަނޑައަޅައިފައި ވެއެވެ. އަދި 2040 ގެ ގޭމްސްގެ ކުރިން 2036 ގެ އޮލިމްޕިކްސް ގޭމްސްގައި ވެސް މެޑަލް ހޯދުމަކީ ރާއްޖޭގެ އަމާޒެއްގެ ގޮތުގައި ވަނީ އެކަށައަޅައިފަ އެވެ.