Roadha Mihaaru
ބަޔާނުން އަނެއްކާ ވެސް އާސެނަލް ހިތްދަތިކޮށްލައިފި

ބަޔާނުން އަނެއްކާ ވެސް އާސެނަލް ހިތްދަތިކޮށްލައިފި

16 ފެބުރުއަރީ 2017

މިއުނިކް (ފެބްރުއަރީ 16) - ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި ރޭ އަމިއްލަ ދަނޑުގައި ކުޅުނު ބަޔާން މިއުނިކުން 5-1 އިން އާސެނަލް ބަލިކޮށް ކުއާޓާ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މިއުނިކް (ފެބްރުއަރީ 16) - ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި ރޭ އަމިއްލަ ދަނޑުގައި ކުޅުނު ބަޔާން މިއުނިކުން 5-1 އިން އާސެނަލް ބަލިކޮށް ކުއާޓާ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފި އެވެ.

އެންމެ ފަހުން ކުޅުނު ފަސް ޗެމްޕިއަންސް ލީގުގެ ތެރެއިން ހަތަރު ފަހަރު ވެސް މި ދެ ޓީމު ވާދަކުރަން ޖެހުނެވެ. ދެ ހާސް ސާދަ ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި މި ދެ ޓީމު ވާދަކުރި މެޗުން ވެސް ބަޔާން ވަނީ އާސެނަލް ކަޓުވާލައިފަ އެވެ.

ރޭގެ މެޗުގައި ބަޔާނުގެ އާޔެން ރޮބެން އެ ޓީމަށް ލީޑުނަގައިދީފައި ވަނިކޮށް ފުރަތަމަ ހާފް ނިމުމުގެ ކުރިން އާސެނަލްގެ އަލެކްސިސް ސަންޗޭޒް އެ ޓީމަށް އެއްވަރުކޮށްދީ މެޗުގެ އުއްމީދުއާ ކޮށްދިނެވެ. ދެ ވަނަ ހާފް ފެށުނު ތަނުން އާސެނަލަށް މައްސަލަތައް ކުރިމަތިވީ އެ ޓީމުގެ ޑިފެންޑަރު ލޯރެންޓް ކޮޝިއެލްނީ އަށް އަނިޔާވެ ބަދަލު ކުރަން ޖެހުމުންނެވެ.

ބަޔާން ވަނީ ދެ ވަނަ ހާފް ކުޅުން ފެށިގެން ފުރަތަމަ 20 މިނިޓް ތެރޭ ތިން ލަނޑު ޖަހައިފަ އެވެ. އެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބުކުރީ ތިއާގޯ އަލްކަންޓާރާ އެވެ. އަނެއް ލަނޑު ޖެހީ ޕޮލެންޑުގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީ އެވެ.

ބަޔާންގެ ފަހު ލަނޑު މެޗު ނިމެން ދެ މިނިޓަށް ވެފައި ވަނިކޮށް ކާމިޔާބުކުރީ ތޯމަސް މުލާ އެވެ.

ޗެމްޕިއަންސް ލީގުގައި ފާއިތުވި ހަ ސީޒަނުގައި ވެސް އާސެނަލަށް ދެ ވަނަ ބުރު ފަހަނައަޅައި ދެވިފައެއް ނުވެ އެވެ. މި ފަހަރު ވެސް އާސެނަލަށް ކުއާޓާ ފައިނަލުގެ ޖާގައެއް ލިބެން އޮތީ އަންނަ މަހު 7 ވަނަ ދުވަހު އާސެނަލް ދަނޑުގައި ކުޅޭ ދެ ވަނަ ލެގުގެ މެޗުން މަދުވެގެން ހަތަރު ލަނޑުގެ ތަފާތުން ބަޔާން ބަލިކޮށްގެންނެވެ. އެ މެޗު 5-1 އިން ނިމިއްޖެނަމަ އިތުރު ވަގުތު ކުޅޭނެ އެވެ.

އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނީ ބަޔާނަށް ލިބުނީ ހައްގު މޮޅެއް ކަމަށާއި އާސެނަލަށް ޕްރެޝަރުގައި ނުކުޅެވުނީ ކަމަށެވެ.

"އަހަންނަކީ ބަލިވުމުން އުޒުރެއް ހޯދާ ކޯޗެއް ނޫން. ބަޔާން އަހަރެމެންނަށް ވުރެން މޮޅަށް ކުޅުނު މިއީ އެ ޓީމަށް ހައްގު މޮޅެއް. އަހަރެމެންނަށް ޕްރެޝަރުގައި ކުޅެން އުނދަގޫވުމުގެ ފައިދާ ބަޔާނުން ފުރިހަމަ އަށް ނެގި،" ވެންގާ ބުންޏެވެ. "ދެން ކުއާޓާ އަށް ދިއުމުގެ ހަނި ފުރުސަތެއް އޮތަސް އޭގެ އަށް ވެސް އަހަރެމެން މަސައްކަތްކުރާނަން."

ބަޔާންގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނީ އެ ލެގުގެ ނަތީޖާ އަށް ބަލައިގެން ކުއާޓާ ފައިނަލުގެ ޖާގައެއް ޔަގީންކުރުމަކީ ހެދޭނެ ގޯހެއް ކަމަށާއި އަދި ވެސް ކުޅެން ޖެހޭ އެއް މެޗު އޮތުމުން ސަމާލުކަން ހުރީ އެ މެޗަށް ކަމަށެވެ.