Roadha Mihaaru
ވެންޓިލޭޓަރުގެ ފައިސާ ދައްކަން އާބިޓްރޭޝަނުން އަންގައިފި

ވެންޓިލޭޓަރުތަކުގެ މައްސަލަައިގައި ރާއްޖެއަށް 32 މިލިއަން ރުފިޔާ ދައްކަން އާބިޓްރޭޝަނުން އަންގައިފި

26 ފެބުރުއަރީ 2024

ކޮވިޑް-19 ގައި ހާލު ބޮޑުވި މީހުންނަށް ފަރުވާ ދިނުމަށްޓަކައި ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކޮށްގެން ކުރީގެ ސަރުކާރުން ރާއްޖެ ގެންނަން ނިންމި ވެންޓިލޭޓަރުތައް ނުގެނައި މައްސަލާގައި އެ ކުންފުންޏާ ދެކޮޅަށް މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރަށް ދިވެހި ސަރުކާރުން ހުށަހެޅި މައްސަލަ ރާއްޖެ އިން ކާމިޔާބުކޮށްފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ކޮވިޑް-19 ގައި ހާލު ބޮޑުވި މީހުންނަށް ފަރުވާ ދިނުމަށްޓަކައި ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކޮށްގެން ކުރީގެ ސަރުކާރުން ރާއްޖެ ގެންނަން ނިންމި ވެންޓިލޭޓަރުތައް ނުގެނައި މައްސަލާގައި އެ ކުންފުންޏާ ދެކޮޅަށް މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރަށް ދިވެހި ސަރުކާރުން ހުށަހެޅި މައްސަލަ ރާއްޖެ އިން ކާމިޔާބުކޮށްފި އެވެ.

ވެންޓިލޭޓަރުތައް ގެނެސްދިނުމަށް ފެބްރުއަރީ 2، 2020ގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހެލްތު މިނިސްޓްރީ އާއި އެގްޒެކިއުޓާސްއާ އެކު ހެދި އެއްބަސްވުމާ އެ ކުންފުނިން ހިލާފުވެފައި ވާތީ އެ މައްސަލަ އާބިޓްރޭޝަނަށް ހުށަހެޅީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގަ އެވެ. ރާއްޖެ އިން އެދުނީ އެގްޒެކިއުޓާސް އިން ފޯރުކޮށްނުދޭ ވެންޓިލޭޓަރުތަކުގެ އަގަށް ވާ ފައިސާ އާއި ވެންޓިލޭޓަރުތައް ގެނެސް ދީފައި ނުވާތީ ދިވެހި ސަރުކާރަށް ލިބުނު ގެއްލުމުގެ ބަދަލަށްވާ ޖުމުލަ 32 މިލިއަން ރުފިޔާ ހޯދުމަށެވެ. އެއީ ދެ މިލިއަން ޑޮލަރެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އާބިޓްރޭޝަންގެ ފަހު ބަސް މިދިޔަ ހަފުތާގެ ބުދަ ދުވަހު ނެރެފައިވާ ކަމަށާއި ވެންޓިލޭޓަރުތަކުގެ އަގަށް ޖެހޭ 1,888,750 އެމެރިކާ ޑޮލަރު ދިވެހި ސަރުކާރަށް ދެއްކުމަށް އާބިޓްރޭޝަނުން އެންގި ކަމަށެވެ. އަދި މޭ، 2 2021 އިން ފެށިގެން އެ ފައިސާ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގެ ފަރާތުން ދިވެހި ސަރުކާރަށް ދެއްކުމާ ހަމައަށް އިންޓަރެސްޓްގެ ގޮތުގައި އަހަރަކު ދެ ޕަސެންޓު ވެސް އެ ކުންފުނިން ދިވެހި ސަރުކާރަށް ދައްކަން ޖެހޭނެ ކަމަށް އާބިޓްރޭޝަނުން ނިންމި ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުންޏެވެ.

އޭޖީ އޮފީހުން ބުނީ އާބިޓްރޭޝަންގައި މައްސަލަ ކުރިއަށް ގެންދިޔައިރު، މައްސަލަ ރައްދުވާ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އިން ހާޒިރު ނުވާ ކަމަށެވެ. އާބިޓްރޭޝަނަށް އެ ކުންފުނިން ދައްކަން ޖެހޭ ފައިސާ ނުދައްކައި ކުރިއަށް ދިއުމުން އެ ފައިސާ ވެސް ދެއްކީ ރާއްޖެއިންނެވެ. ރާއްޖެ އިން ވެސް އެ ގެއްލުމުގެ ބަދަލު ނަގައިދޭން އެދުނެވެ.

އެކަމާ ގުޅިގެން އާބިޓްރޭޝަނުން ނިންމާފައިވަނީ އެ ހަރަދުގެ ގޮތުގައި ދިޔަ 132,865 ޑޮލަރު ދިވެހި ސަރުކާރަށް ދެއްކުމަށާއި އެ ފައިސާ ދެއްކުމާ ހަމައަށް ދެ ޕަސެންޓުގެ އިންޓްރެސްޓު ދެއްކުމަށެވެ.

އާބިޓްރޭޝަނުން އަންގާފައިވަނީ ޖުމުލަ 2245365 ޑޮލަރު ނުވަތަ 34.62 މިލިއަން ރުފިޔާ ދިވެހި ސަރުކާރަށް ދެއްކުމަށެވެ.

ކޮވިޑުގެ ނުރައްކާ ރާއްޖެއަށް އެންމެ ބޮޑުވިއިރު 75 ވެންޓިލޭޓަރު ހޯދުމަށް، ބޭންކް ގެރެންޓީއަކާ ނުލައި ދިވެހި ސަރުކާރުން އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އަށް 34 މިލިއަން ރުފިޔާ ވަނީ ދީފަ އެވެ. އެއްފަހަރާ އެހާ ބޮޑު އަދަދެއް ދޫކުރިއިރު، ވެންޓިލޭޓަރު ފޯރުކޮށްދިނުމުގެ ގާބިލްކަން ހުރިތޯ ވެސް ނުބަލަ އެވެ. ކުންފުންޏާ ބެހޭ އެއްވެސް ތަފްސީލެއް ހޯދާފައި ނުވާކަން އޮޑިޓް ރިޕޯޓާއި އޭސީސީގެ ތަހުގީގު ރިޕޯޓުން އެނގެ އެވެ. އެކަމަކު، އެއްބަސްވި ގޮތަށް އެ ކުންފުނިން ވެންޓިލޭޓަރުތަކެއް ވެސް ނުފޮނުވަ އެވެ.

ވެންޓިލޭޓަރުތަކުގެ ފުރަތަމަ ޝިޕްމަންޓްގެ ބައެއް އެގްޒެކިއުޓާސް އިން ރާއްޖެ އަށް ފޮނުވި ނަމަވެސް އެ ބޭނުމެއް ނުކުރެވުނެވެ. ބާކީ ވެންޓިލޭޓަރުތައް ހަވާލުނުކުރުމުން ހެލްތު މިނިސްޓްރީން އެންގީ 31 މިލިއަން ރުފިޔާ އަނބުރާ ރައްދުކޮށްދިނުމަށެވެ. އެކަމަކު އެ ފައިސާ ވެސް ނުދިނެވެ.