Roadha Mihaaru
ރެއާލަށް ބަދަލުވާން ޑޭވީސް އަނގަބަހުން އެއްބަސްވެއްޖެ

ރެއާލަށް ބަދަލުވާން ބެޔާނުގެ ޑޭވީސް އަނގަބަހުން އެއްބަސްވެއްޖެ

27 ފެބުރުއަރީ 2024

މިޔުނިކް (ފެބްރުއަރީ 27) – ބެޔާން މިޔުނިކް ދޫކޮށް ރެއާލް މެޑްރިޑަށް ބަދަލުވާން، ޑިފެންޑަރު އަލްފޮންސޯ ޑޭވީސް އަނަގަބަހުން އެއްބަސްވެއްޖެ އެވެ.

މިޔުނިކް (ފެބްރުއަރީ 27) – ބެޔާން މިޔުނިކް ދޫކޮށް ރެއާލް މެޑްރިޑަށް ބަދަލުވާން، ޑިފެންޑަރު އަލްފޮންސޯ ޑޭވީސް އަނަގަބަހުން އެއްބަސްވެއްޖެ އެވެ.

ދި އެތުލެޓިކް ނޫހުން ބުނީ، ރެއާލްގެ އިސް ސްކައުޓް ޖޫނީ ކަލަފާޓާއި ޑިރެކްޓާ ޖެނެރަލް ހޯޒޭ އެންހެލް ސަންޗޭޒް އިސްކޮށް ހުރެ ޑޭވީސްއާ ވާހަކަ ދައްކާފައިވާ ކަމަށެވެ.

އެ ދެ ޑިރެކްޓަރުން، ކެނެޑާގެ ޑިފެންޑަރު ގާތު އެދުނީ، ބެޔާނާ އަންނަ އަހަރު ޖޫން މަހުގެ ނިޔަލަށް ހަދާފައިވާ ކޮންޓްރެކްޓް މުއްދަތު ހަމަވުމުން އެއްބަސްވުން އާ ނުކޮށް ރެއާލް އަށް ބަދަލުވުމަށެވެ. އޭނާ އެކަމަށް އެއްބަސްވެފައިވާ ކަމަށް އެ ނޫހުން ބުންޏެވެ.

ދި އެތުލެޓިކުން ބުނީ ފާއިތުވި ހަފްތާތަކުގައި ގިނަ ބައްދަލުވުންތަކެއް ބާއްވާފައިވާ ކަމަށެވެ. އަދި މި މަހުގެ މެދުތެރޭގައި މެޑްރިޑްގައި ސީދާ ހާޒިރުވެ ބައްދަލުވުމެއް ކުރިއަށް ގެންދިޔަ ކަމަށެވެ. އެ ބައްދަލުވުންތަކުގެ ސަބަބުން ޓްރާންސްފާ އިތުރަށް އަވަސް ވުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށް އެތުލެޓިކުން ބުންޏެވެ.

ރެއާލްއަށް އޮތީ ދެ ގޮތެކެވެ. ފުރަތަމަ ގޮތަކީ؛ މި ސީޒަން ނިމުމުން، ބެޔާނަށް ކުޑަ އަގެއް ހުށަހަޅައި ޑޭވީސް ގެންދިއުމެވެ. އެކަން ވުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށް މީޑިއާތަކުން ބުނެ އެވެ. މިޑްފީލްޑަރު ޓޯނީ ކްރޫޒް، އެ ކްލަބް ދޫކޮށް ރެއާލަށް 2014 ގައި ބަދަލުވީ އެގޮތަށެވެ. ދެވަނަ ގޮތަކީ އަންނަ އަހަރު ކޮންޓްރެކްޓް ހަމަވުމުން ހިލޭ ޓްރާންސްފާގައި ޑޭވީސް ގެންދިއުމެވެ. ޑިފެންޑަރު ޑޭވިޑް އަލަބާ ބެޔާން ދޫކޮށް 2021 ގައި ރެއާލަށް ބަދަލުވީ ހިލޭ ޓްރާންސްފާގަ އެވެ.

އެމެރިކާގެ މޭޖާ ލީގުގައި ކުރިން ކުޅުނު ޑިފެންޑަރު ގެންދަން ރެއާލުން ބޭނުން ވަނީ، ފާލަންޑް މެންޑީ އަށް ބަރޯސާވުން ކަޑަ ކުރުމަށެވެ. ރެއާލްގެ ކުރީގެ ކެޕްޓަން މާސެލޯ ވިއޭރާގެ މަގާމު ފޫބައްދަން މެންޑީއާ ހަވާލު ކުރިނަމަވެސް، ކުޅުމުގެ ސްޓައިލްގައި މެންޑީއަށް އެ ދައުރު އަދާ ކުރެވޭވަރު ކުޑަ އެވެ.

މެންޑީއަކީ ބޮޑަށް ފަހަތުގައި ހުރެގެން ދިފާއީ ވިސްނުމެއްގައި ކުޅޭ ޑިފެންޑަރެކެވެ. ރެއާލުން ބޭނުން ވަނީ މާސެލޯ ކުޅޭހެން ކުރިއަށް އަރައި ހަމަލާތަކުގައި ބައިވެރި ވެވޭނެ ވިންގް ބެކެކެވެ. ޑޭވީސްއަކީ އެ ސްޓައިލްގެ ކުޅުންތެރިޔެކެވެ.