Roadha Mihaaru
ކުޅުދުއްފުށީގެ 2،000ހައުސިން ޔުނިޓް މިއަހަރު ފަށަނީ

ކުޅުދުއްފުށީގައި އިތުރު 2،000 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް މި އަހަރު ފަށަނީ

27 ފެބުރުއަރީ 2024

ރިޔާސީ ކެމްޕެއިންގެ ވައުދާ އެއްގޮތަށް ހދ. ކުޅުދުއްފުށީގައި އިތުރު 2،000 ހައުސިން ޔުނިޓް އިމާރާތްކުރުމުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ ހދ. ކުޅުދުއްފުށިން އިފްރާޒް އަލީ

ރިޔާސީ ކެމްޕެއިންގެ ވައުދާ އެއްގޮތަށް ހދ. ކުޅުދުއްފުށީގައި އިތުރު 2،000 ހައުސިން ޔުނިޓް އިމާރާތްކުރުމުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ކުޅުދުއްފުށީގެ ރައްޔިތުންނާ ބައްދަލުކުރައްވަން ރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ މި ރަށުގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލު ހޯދުމުގެ ޕްލޭންގެ ދަށުން، 2،000 ހައުސިން ޔުނިޓްގެ މަޝްރޫއު މި އަހަރުގެ ބަޖެޓުގައި ވެސް ހިމަނާފައިވާ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، ހދ. ކުޅުދުއްފުށީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާ.-- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު، ހދ. ކުޅުދުއްފުށީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާ.-- ފޮޓޯ: ރައީސް އޮފީސް

ކުޅުދުއްފުށީގައި މިހާރު ވެސް އަންނަނީ 1،000 ހައުސިން ޔުނިޓާއި 400 ހައުސިން ޔުނިޓް އިމާރާތްކުރުމުގެ ވަކި ދެ މަޝްރޫއެއްގެ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރެއިން 4،00 ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް ވަނީ މިދިޔަ އަހަރު ފަށައިފަ އެވެ.

"އެ ދެ މަޝްރޫއާ އެކީގައި އަދި އިތުރު 2،000 ހައުސިން ޔުނިޓްގެ މަސައްކަތް ކުރިއަށް ގެންދިއުން އަޅުގަނޑުމެންގެ ވިސްނުމަކީ މި އަހަރު ތެރޭގައި،" ރައީސް ވިދާޅުވި އެވެ.

"އެހެންވީމަ، އެ މަސައްކަތް އެގޮތަށް ގެންދާ ކަމަށް ވަންޏާ، ބަރާބަރަށް ދާ ކަމަށް ވަންޏާ 3،400 ހައުސިން ޔުނިޓް ދެއްތޯ އެ ހަމަވަނީ."

ރައީސް ވިދާޅުވި ގޮތުގައި ކުޅުދުއްފުށި ކަހަލަ އާބާދީ ބޮޑު އަދި ގިނަ ބަޔަކު ހިޖުރަކޮށްގެން ވެސް ދިރިއުޅެން ބޭނުންވާ ރަށަކަށް ގެދޮރުވެރިކަން ވަރަށް މުހިންމެވެ. ކުޅުދުއްފުއްޓަކީ ބިން ކުޑަ ނަމަވެސް، އާބާދީ ބޮޑު ކުރެވޭނެ ފުރުސަތު އޮތް ރަށަކަށް ވާތީ ސަރުކާރުން އެ ވިސްނުމުގައި މި ރަށް ތަރައްގީކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، ހދ. ކުޅުދުއްފުށީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާ.-- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު، ހދ. ކުޅުދުއްފުށީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާ.-- ފޮޓޯ: ރައީސް އޮފީސް

އެމަނިކުފާނު ވިދާޅުވި ގޮތުގައި، އުތުރުގެ ތަރައްގީގެ މައި ހަބަކީ ވެސް ކުޅުދުއްފުއްޓެވެ.

ގާތްގަނޑަކަށް 13،000 މީހުންގެ އާބާދީއެއް އޮންނަ ކުޅުދުއްފުށީގައި 400 ހައުސިން ޔުނިޓް އެޅުމުގެ އަމަލީ މަސައްކަތްތައް ފެށީ މިދިޔަ އަހަރު މެއި މަހު އެވެ. އެ މަސައްކަތް ހަވާލުކޮށްފައި ވަނީ ދޮންބޭޒް ޕްރައިވެޓް ލިމިޓެޑް ޖޮއިންޓް ވެންޗާ ކުންފުނި، ޓުވެންޓީ ތާޑް މެޓާލާޖިކަލް ކޮންސްޓްރަކްޝަން ގްރޫޕް ކޯ ލިމިޓެޑާ އެވެ.

ކުޅުދުއްފުށީގައި އިތުރު 1،000 ހައުސިން ޔުނިޓް އިމާރާތްކުރުމަށް އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ އަހަރު އޮގަސްޓް މަހުގަ އެވެ. ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް (އެފްޑީސީ) އިން ހިންގާ އެ މަޝްރޫއުގެ މަސައްކަތް ހަވާކޮށްފައި ވަނީ އެމެރިކާގެ ސްޓްރަކްޗުރަލް އަންލިމިޓެޑް ކޮންސްޓްރަކްޝަން (އީޕީސީ) އާ އެވެ. އެ މަޝްރޫއުގެ އަމަލީ މަސައްކަތް އަދި ނުފަށަ އެވެ.