ކުރީގެ ސަރުކާރުގެ 4،000 ފްލެޓު މަޝްރޫއުގެ ދަށުން ހުޅުމާލެއިން ދޭ ފްލެޓްތަކުގެ ކުއްޔާއި ޑައުންޕޭމަންޓް ދައްކަން އިތުރު ލުއިގޮތްތަކެއް ހަމަޖެއްސޭތޯ ބައްލަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
17 ޑިސެމްބަރ 2025
ކުރީގެ ސަރުކާރުގެ 4،000 ފްލެޓު މަޝްރޫއުގެ ދަށުން ހުޅުމާލެއިން ދޭ ފްލެޓްތަކުގެ ކުއްޔާއި ޑައުންޕޭމަންޓް ދައްކަން އިތުރު ލުއިގޮތްތަކެއް ހަމަޖެއްސޭތޯ ބައްލަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ރައީސް، ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރައްވަން އިމާދުއްދީން ސްކޫލުގެ ހޯލުގައި ރޭ ބޭއްވި ޖަލްސާގައި، ރާއްޖޭގެ ޓިކްޓޮކްގައި މަޝްހޫރު އާމިނަތު އިރާޝާ (ފެރޯ ސިސް) އާއި އެހެން ބައެއް މީހުން ވެސް ވަނީ 4،000 ފްލެޓުގެ ޑައުންޕޭމަންޓާއި ކުއްޔާ ގުޅޭ ގޮތުން ހުރި ބައެއް ކަންބޮޑުވުންތައް ހިއްސާކޮށްފަ އެވެ.
ގަލޮޅަށް އުފަން އިރާޝާ ބުނީ މިފަހަރު އޭނާއަށް ވެސް ތިން ކޮޓަރީގެ ފްލެޓެއް ލިބުނު ކަމަށާއި އެތަނަށް ޑައުންޕޭމަންޓުގެ ގޮތުގައި 25،000ރ. ދައްކަން ޖެހޭ ކަމަށެވެ. އެ ފައިސާ ދައްކަން އޭނާގެ މާލީ ހާލަތު ތަން ނުދިން ނަމަވެސް، ފަގީރުންގެ ދަފުތަރުގައި އޭނާގެ ނަން ޖަހައިގެން ޑައުންޕޭމަންޓް ދައްކަން ނުކެރޭނެ ކަމަށް ބުންޏެވެ.
ބަލާފައި، މިކަމުގައި [ޑައުންޕޭމަންޓް] މި އިޝޫގައި ގެނެވެން އޮތް އެންމެ ރަނގަޅު ބަދަލެއް، އެންމެ ރަނގަޅު ހައްލެއް ތި ކަންބޮޑުވުންތަކަށް އެޑްރެސްކުރުމަށްޓަކާ ގެނެސްދޭނަން. -- ރައީސް
ރައީސް ޑރ. މުހައްމަދު މުއިއްޒު ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވި ޖަލްސާގައި އާންމުންގެ ސުވާލުތައް ރައީސް ނޯޓްކުރައްވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ފަހި ފްލެޓް ލިބި ޑައުންޕޭމަންޓް ނުދެއްކި ތިބި، 14 މީހަކަށް ޒަކާތު ފަންޑުން ޑައުންޕޭމަންޓް ދައްކައިދޭން ޒަކާތު ހައުސް އިން މިދިޔަ އޮކްޓޯބަރު މަހު ވަނީ ނިންމައިފަ އެވެ. އެއީ 14 މީހަކަށް ޑައުންޕޭމަންޓުގެ ގޮތުގައި ދައްކަން ޖެހޭ ޖުމްލަ 340،000ރ. އެވެ.
"އެކަމަކު، އަޅުގަނޑު ވެސް މި އުޅެނީ ހަމަ ހަގީގަތުގައި ވެސް އެ 25،000ރ. ދައްކަންވީމަ، އަދި އިތުރަށް 10،500ރ. ދައްކަންވީމަ އެއީ ވަރަށް ބޮޑު އަދަދެއް. މުޅި ހުޅުމާލޭގައި އެޅި ސޯޝަލް ހައުސިންގެ ނުނަގާ ވަރުގެ ބޮޑު ކުއްޔެއް، މި ސަރުކާރުން މި ހަމަޖެއްސީ. އަދި މަހުގެ 11 ގެ ފަހުން މި ނަގަނީ ވެސް އިތުރު 2،500ރ. ލާފައި،" އިރާޝާ ބުންޏެވެ.
އިރާޝާ ބުނީ މިހާރު އާންމު މީހެއްގެ މަހު މުސާރައަކީ އެންމެ ގިނަވެގެން 12،000ރ. ނުވަތަ 13،000ރ. ކަމަށެވެ.
"[އެ މުސާރައިން] ކިރިޔާ ދިރިއުޅެވޭނީ އެ މީހުންނަށް ދަރިންނާއި ކުލި ދައްކައިގެން. އެކަމަކު، ސޯޝަލް ހައުސިން ޔުނިޓަކަށް 10،500ރ. ދައްކާފައި ކަރަންޓު ބިލު، ފެން ބިލު، އަދި އެހެން ޒަރޫރީ ހުރިހާ ކަމެއް ކޮށްފައި އަޅުގަނޑުމެން ކިހިނެއްތޯ، އަތާއި ފަޔާ ދިމައެެއް ނުވޭ އިނގޭތޯ ރައީސުލްޖުމްހޫރިއްޔާ،" އޭނާ ބުންޏެވެ.
"އެހެންވީމަ، އަޅުގަނޑު ވަރަށް ބޮޑަށް އެދެން 25،000ރ. ގެ އެޑްވާންސް ކަނޑާލަދިނުމަށް. އަދި އޭގެ އިތުރުން މި ކުލި 10،500ރ. އަށް ވުރެ ކުޑަކޮށްދިނުމަށް."
ރައީސް ވިދާޅުވީ މި އަންނަ ދިރާސީ އާ އަހަރު ފެށުމުގެ ކުރިން 4،000 ފްލެޓު ލިބުނު މީހުންނަށް އެ ތަންތަނަށް ވަދެވޭނެ ގޮތް ހަމަޖައްސައިދިނުމުގެ މަސައްކަތް ވަރަށް ބާރަށް ކުރަމުން އަންނަ ކަމަށާއި މި މަސް ނިމުމުގެ ކުރިން ހުރިހާ ޓަވަރަކަށް ފެނާއި ކަރަންޓުގެ ހިދުމަތް ދެވޭނެ ކަމަށެވެ. އަދި އެ ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް އަންނަ ހަފުތާގައި ނިންމާލާއި މި މަސް ނިމުމުގެ ކުރިން އެ ތަންތަނަށް ބަދަލުވޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވި ބައްދަލުވުމުގައި ގަލޮޅުގެ ބައެއް ރައްޔިތުން ބައިވެރިވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
ޑައުންޕޭމަންޓާ ގުޅިގެން އާންމުން ފާޅުކުރި ކަންބޮޑުވުންތަކަށް ރައީސް ވިދާޅުވީ އެ މައްސަލައަށް ގެނެވޭނެ ހައްލެއް ބައްލަވައި "ޕޮޒިޓިވް" ބަދަލެއް ގެނެސްދެއްވާނެ ކަމަށެވެ.
"އެހެންވީމަ ތި ކަމަކީ ވެސް [ޑައުންޕޭމަންޓްގެ މައްސަލައަކީ] ހަމަ އަޅުގަނޑު ވަރަށް ސީރިއަސްކޮށް ބަލައިދޭނެ ކަމެއް. ތިކަމަށް ގެނެވޭނެ ހައްލަކީ، މި ދެންނެވީ މި 4،000 ފްލެޓުގެ ޑައުންޕޭމަންޓް 25،000ރ. އުނިކޮށްލުން ނޫނިއްޔާ ކޮން ކަހަލަ ބަދަލެއްތޯ، ނޫނީ މަހުންމަހަށް ދައްކަން ޖެހޭ ވަރަށް ކޮން ކަހަލަ ބަދަލެއްތޯ ގެނެވޭނީ އަޅުގަނޑުމެން ގޮސްފައި ބަލާނަން،" ރައީސް ވިދާޅުވި އެވެ.
"ބަލާފައި، މިކަމުގައި މި އިޝޫގައި ގެނެވެން އޮތް އެންމެ ރަނގަޅު ބަދަލެއް، އެންމެ ރަނގަޅު ހައްލެއް ތި ކަންބޮޑުވުންތަކަށް އެޑްރެސްކުރުމަށްޓަކާ ގެނެސްދޭނަން."
ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލެ 2 ގައި އަޅާފައިވާ 32 ޓަވަރުގައި ހިމެނެނީ ދެ ކޮޓަރި އާއި ތިން ކޮޓަރީގެ ފްލެޓުތަކެވެ. ދެ ކޮޓަރީގެ ފްލެޓުތަކަށް މެއިންޓެނަންސް ފީއާ އެކު، މަހަކު 8،000ރ. ދައްކަން ޖެހޭއިރު، ތިން ކޮޓަރީގެ ފްލެޓްތަކަށް މެއިންޓެނަންސް ފީއާ އެކު، މަހަކު ދައްކަން ޖެހެނީ 10،500ރ. އެވެ.
ދެ ކޮޓަރީގެ ފްލެޓްތަކަށް 15،000ރ. އަދި ތިން ކޮޓަރީގެ ފްލެޓްތަކަށް 25،000ރ. ގެ ޑައުންޕޭމަންޓެއް ދައްކަން ޖެހެ އެވެ. އެ ފްލެޓްތަކުގެ ތަޅުގަނޑި ހަވާލުކުރަނީ އެ ފައިސާ ދެއްކުމުންނެވެ.
ގެދޮރުވެރިޔާ ސްކީމްގެ ބާކީ ގުރުނެގުން މާދަމާ ބާއްވަނީ
ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރަން ޝެޑިއުލްކުރަނީ
ފްލެޓަށް ލިޔެކިޔުންތައް ފުރިހަމަނުވާ މައްސަލަ ބޮޑު
4،000 ފްލެޓުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި
ރޯދައިގެ ކުރިން ފްލެޓް ލިސްޓު އާންމުކުރާނަން: ރައީސް
އެއްކޮޓަރީގެ ފްލެޓް ދޫކޮށްލުމުން ތިން ކޮޓަރި ފްލެޓްދެނީ
ފަހި ފްލެޓްގައި ރެނދު، ބުނީ ނުރައްކަލެއް ނެތް ކަމަށް
ފްލެޓް ދޭން ގެދޮރުނެތް މީހުންނަށް އިސްކަންދެވޭނެ ގޮތެއް
އިންސާފުވެރި ނުވެ ފްލެޓް ކުއްޔަށް ދިނުން ނުހުއްޓުވޭނެ!
ގާނޫނު ބަދަލުކޮށް، ފްލެޓް ކުއްޔަށް ނުދެވޭ ގޮތް ހަދަނީ