Roadha Mihaaru
ތުރުކީގެ ކާޑު ޝިޕްމަންޓް ވަރަށް އަވަހަށް އަންނާނެ

ތުރުކީގެ ކާޑު ޝިޕްމަންޓް ވަރަށް އަވަހަށް އަންނާނެ: އެސްޓީއޯ

27 ފެބުރުއަރީ 2024

ތުރުކީން ގެންނަ ކާޑު ޝިޕްމަންޓް ވަރަށް އަވަހަށް ރާއްޖެ ގެންނާނެ ކަމަށް އެސްޓީއޯ އިން މިއަދު ބުނެފި އެވެ.

ތުރުކީން ގެންނަ ކާޑު ޝިޕްމަންޓް ވަރަށް އަވަހަށް ރާއްޖެ ގެންނާނެ ކަމަށް އެސްޓީއޯ އިން މިއަދު ބުނެފި އެވެ.

"ކާޑު ޝިޕްމަންޓާ އެކު ބޯޓު މިހާރު ވަނީ އެކޮޅުން ފުރާފައި،" ދައުލަތުގެ އެންމެ ބޮޑު އެއް ކުންފުނީގެ ކޯޕަރޭޓް ބްރޭންޑިން އޮފިސަރު ޔޫސުފް ޝާހު "މިހާރު" އަށް ވިދާޅުވި އެވެ.

ރާއްޖެ އަށް ބޭނުންވާ ވަރަށް ކާޑުގެ ބާވަތްތައް ގެންނަން ތުރުކީ ސަރުކާރާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ މަހު ވިދާޅުވެފަ އެވެ.

"ހަނޑޫ، ހަކުރު، ފުށާއި އެކިއެކި ބާވަތްތައް ތުރުކީން މުޅި ރާއްޖެ އަށް އެއް އަހަރަށް ބޭނުންވާ ވަރަށް ވުރެ އިތުރަށް 10 ޕަސެންޓް ލާފައި މިހާރު ވަނީ އެއްބަސްވުން ހެދިފައި. ފުށުގެ ފުރަތަމަ ޝިޕްމަންޓަށް ވަނީ އޯޑަރު ދެވިފައިި. ފެބްރުއަރީ މަހު އަންނާނެ،" ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް އެ ގައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށް ފަހު ރާއްޖެ ވަޑައިގެން ދެއްވި މީޑިއާ ސްޓޭޓްމަންޓުގައި ރައީސް މުއިއްޒު ވިދާޅުވެފައި ވެ އެވެ.

އޭގެ އިތުރުން ފިޔާ، އަލުވި އަދި ބިސް ވެސް އެހެން ގައުމުތަކުން ގެންނަން މިހާރު ހަމަޖެހިފައިވާ ކަމަށް އެ މަނިކުފާނު އެ ދުވަހު ވިދާޅުވި އެވެ.

އެސްޓީއޯގެ ފަރާތުން ޝާހު ވިދާޅުވީ، ތުރުކީއާ އެކު ވިޔަފާރީގެ މުއާމަލާތުތައް އެ ކުންފުނިން ކުރަމުން އަންނަ ކަމަށެވެ.

"އެހެން ގައުމުތަކާ އެކު ވެސް ހަމަ ވިޔަފާރީގެ އެކިއެކި އެއްބަސްވުންތައް ހަދައިގެން އެސްޓީއޯ އިން ހަދައިގެން މުއާމަލާތްތައް ހިންގާ. އަޅުގަނޑުމެންނަކީ ވިޔަފާރި ކުންފުންޏެއް. އެހެންވީމާ އެ ގުޅުން އެކި ގައުމުތަކާ އެކު އޮންނާނެ އަބަދުވެސް،" ޝާހު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖެ އާއި ތުރުކީއާ ދެމެދު ގާތްގުޅުމެއް ވަނީ ބާއްވަން ފައްޓަވައިފަ އެވެ. އެ މަނިކުފާނު މަގާމުގެ ހައިސިއްޔަތުން ފުރަތަމަ ރަސްމީ ދަތުރުފުޅު ވެސް ކުރެއްވީ ތުރުކީއަށެވެ. އަދި އެ ގައުމުގައި ފުރަތަމަ ފަހަރަށް ވަނީ ރާއްޖޭގެ އެމްބަސީއެއް ހުޅުވައިފަ އެވެ.