Roadha Mihaaru
އިންޑިއާއިން ކޯޓާ ދަށްކުރިޔަސް ރާއްޖެއަށް ދައްޗެއް ނެތް

އިންޑިއާ އިން ކޯޓާ ދަށް ކުރިޔަސް ރާއްޖެ އަށް ދައްޗެއް ނުވާނެ

23 ޖޫން 2018

ރާއްޖެ އަށް ކާޑުގެ ބާވަތްތައް އެތެރެކުރަން އިންޑިއާ އިން ދޭ ކޯޓާ ދަށް ކުރިޔަސް، ކާޑުގެ ބާވަތްތައް މަދެއް ނުވާނެ ކަމަށް ބުނެފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ރާއްޖެ އަށް ކާޑުގެ ބާވަތްތައް އެތެރެކުރަން އިންޑިއާ އިން ދޭ ކޯޓާ ދަށް ކުރިޔަސް، ކާޑުގެ ބާވަތްތައް މަދެއް ނުވާނެ ކަމަށް ބުނެފި އެވެ.

ރާއްޖެ އަށް ގިނަ އަދަދަކަށް ކާޑުގެ ބާވަތްތައް އެތެރެކުރާ ކުންފުންޏެއްގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ، ކާޑުގެ ބާވަތްތަކުގެ ތެރެއިން ހަނޑޫ ފިޔަވައި އެހެން ބާވަތްތައް މިހާރު ގެންނަނީ އިންޑިއާ ފިޔަވައި އެހެން ގައުމުތަކުން ކަމަށެވެ. އެގޮތުން، މިހާރު ރާއްޖެ އަށް ހަކުރު އެތެރެ ކުރަނީ ދުބާއީންނެވެ. ފުށް އެތެރެ ކުރަނީ ތުރުކީން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ހަނޑޫ ކޮންމެވެސް ވަރަކަށް އިންޑިއާ އިން ގެންނަން. އެ ވެސް ގެންނަނީ ޕްރައިވެޓް ބަޔަކާ ހަވާލުކޮށްގެން،" އޮފިޝަލް ވިދާޅުވި އެވެ.

އިންޑިއާއިން ހަކުރާއި ފުށް ރާއްޖެ ނުގެންނަތާ މިހާރު ދެ ތިން އަހަރެއްހާ ދުވަސްވެފައިވާ ކަމަށް ވެ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި ރާއްޖެ އަށް އެންމެ ގިނައިން ކާޑުގެ ބާވަތްތައް އެތެރެކުރާ އެސްޓީއޯ އިން ވެސް ހަކުރާއި ފުށް ގެންނަނީ އިންޑިއާއަކުންނެއް ނޫނެވެ. ނަމަވެސް ހަނޑޫ ކޮންމެ ވެސް ވަރަކަށް އެ ކުންފުނިން އިންޑިއާ އިން ގެންނަމުން ދެ އެވެ.

ރާއްޖެ އާއި އިންޑިއާގެ ސިޔާސީ ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވަނިކޮށް އިންޑިއާ އިން ވަނީ ކާޑުގެ ބާވަތްތަކާއި އަލުވި، ފިޔާ އަދި ބިހުގެ ކޯޓާ ވެސް ވަރަށް ބޮޑަށް ދަށްކޮށްފަ އެވެ. އޭގެ އިތުރުން ހަވާދުގެ ބާވަތްތަކުގެ ކޯޓާ ވެސް މަދުކޮށްފައިވެ އެވެ.

އިންޑިއާ އިން މިދިޔަ ބުރާސްފަތި ދުވަހު ކޯޓާ އަށް ގެނައި ބަދަލާ ގުޅިގެން މި އަހަރާއި އަންނަ އަހަރަށް ރާއްޖެ އަށް ކޯޓާގެ ގޮތުގައި ކަނޑައަޅާފައި ވަނީ 24،581.07 ޓަނުގެ ހަނޑުލާއި 946.21 ޓަނުގެ ފުށާއި 338.47 ޓަނުގެ ހަކުރެވެ. ކާޑުގެ ބާވަތްތަކުގެ އިތުރުން އަލުއްވާއި ފިޔާގެ ކޯޓާގެ ވެސް ވަނީ ވަރަށް ބޮޑަށް ދަށްކޮށް އެވެ. އެ ބާވަތުގެ ކޯޓާގެ ގޮތުގައި، މިހާރު ކަނޑައަޅާފައި ވަނީ 5.3 ޓަނުގެ އަލުއްވާއި 9.8 ޓަނުގެ ފިޔާ އެވެ. މީގެ އިތުރުން، ބިހުގެ ކޯޓާ ވެސް ވަނީ 111،809،090 އަށް ދަށްކޮށްފަ އެވެ. ހަވާދުގެ ބާވަތްތަކުގެ ކޯޓާ ވެސް ވަނީ 122.2 ޓަނުން 31.5 ޓަނަށް ދަށްކޮށްފަ އެވެ.

އިންޑިއާގެ ނޫހެއްގައި ބުނެފައި ވަނީ އާ ކޯޓާތަކެއް ކަނޑައެޅީ ރާއްޖެ އިން މިދިޔަ ތިން އަހަރު އެ ބާވަތްތައް ބޭނުންކުރި މިންވަރަށް ބެލުމަށް ފަހު ކަމަށެވެ. އެ ކަން ބަލާފައި ވަނީ ރާއްޖެ އަށް އިމްޕޯޓް ކޮށްފައިވާ އަދަދަށް ރިއާޔަތް ކުރުމަށް ފަހު ކަމަށް ވެސް ނޫހުގައި ވެ އެވެ.