Roadha Mihaaru
ޔާމީންގެ ޕާޓީ އުފައްދަން ފޯމްތައް އީސީއަށް ހުށަހަޅައިފި

ޔާމީންގެ ޕާޓީ އުފައްދަން ބޭނުންވާ އަދަދަށް މެންބަރުންގެ ފޯމް އީސީ އަށް ހުށަހަޅައިފި

27 ފެބުރުއަރީ 2024

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައި ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) ޕާޓީ އުފެއްދުމަށް ބޭނުންވާ 3،000 މެންބަރުންގެ ފޯމް އިލެކްޝަން ކޮމިޝަން (އީސީ) އަށް މިއަދު ހުށަހަޅައިފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައި ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) ޕާޓީ އުފެއްދުމަށް ބޭނުންވާ 3،000 މެންބަރުންގެ ފޯމް އިލެކްޝަން ކޮމިޝަން (އީސީ) އަށް މިއަދު ހުށަހަޅައިފި އެވެ.

ޖަލު ހުކުމުން ގޭބަންދަށް ބަދަލުކޮށްފައި ހުންނެވި ޔާމީންގެ ދަރިކަލުން ޒެއިން އަބްދުﷲ ޔާމީންގެ މުއައްސިސްކަމުގައި، ޕީއެންއެފް އުފެއްދުމުގެ ހުއްދަ އީސީން ދިނީ މިދިޔަ ނޮވެމްބަރު މަހު އެވެ. ހަފުތާއެއް ތެރޭގައި ރެޖިސްޓްރީކުރަން ބޭނުންވާ އަދަދު ހަމަކޮށް ހުށަހަޅާނެ ކަމަށް އޭރު ބުނި ނަމަވެސް ފަހުން ވަނީ އެ މަސައްކަތް ފަސްކޮށްފަ އެވެ.

ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ކުރީގެ މިނިސްޓަރު މަލީހު ޖަމާލު ވިދާޅުވެފައިވާ ގޮތުގައި ޕީއެންއެފް އުފެއްދުމަށް އީސީއަށް ހުށަހަޅާނީ ޔާމީން މިނިވަންވުމުންނެވެ. އެއީ، ޕާޓީ އުފައްދަން ބާއްވަން ޖެހޭ ޖަލްސާގައި ޔާމީންގެ ބައިވެރިވުން މުހިންމު ކަމަށް އެ ޕާޓީން ދެކޭތީ ކަމަށް އޭނާ ވިދާޅުވި އެވެ.

މަލީހު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕީއެންއެފް އުފެއްދުމަށް ބޭނުންވާ އަދަދަށް އީސީއަށް މިހާރު ފޯމު ހުށަހަޅާފައިވާ ކަމަށާއި އުއްމީދަކީ ޖަލްސާ ބޭއްވުމުގެ ހުއްދަ އީސީން ވީހާ އަވަހަކަށް ލިބުން ކަމަށެވެ.

ޕާޓީއެއް ރަޖިސްޓްރީކޮށްދެނީ 3،000 މެމްބަރުންގެެ ސޮޔާއެކު ފޯމާ އެކު ހުށަހެޅުމުން، ފޯމުތައް ސައްހަތޯ އީސީން ބެލުމަށް ފަހު ޕާޓީ އުފެއްދުމުގެ ޖަލްސާ ބޭއްވުމުންނެވެ.

އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ޕީއެންއެފް އިން ހުށަހަޅާފައިވަނީ ، 3060 ފޯމު ކަމަށާއި އެ ފޯމުތަކުގެ ސައްހަކަން ކަށަވަރު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

"މަދުވެގެން 3000 މެންބަރުންގެ ފޯމުގެ ސައްހަކަން ކަށަވަރުވުމުން، ލަހެއް ނުވެ، ޕީއެންއެފް އުފެއްދުމަށްޓަކައި ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ޒެއިން އަބްދުﷲ ޔާމީން އަށް އަރުވާނެ،" ހަބީބު ވިދާޅުވި އެވެ.

ޔާމީންގެ ފަރާތްޕުޅުން ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވަނީ މަލީހުގެ އިތުރުން ޔާމީންގެ އިސް ވަކީލް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދެވެ.

ޔާމީން، ޕީޕީއެމް ދޫކޮށްލެއްވީ އެ ޕާޓީގެ ލީޑަޝިޕާ މެދު އުފެދިފައިވާ ހިޔާލުތަފާތުވުންތަކާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އިންތިހާބުވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގަ އެވެ. ޔާމީންގެ ފަރާތްޕުޅުން ވާހަކަ ދައްކަވަމުން ޖަމީލް ވިދާޅުވެފައިވާ ގޮތުގައި ޕީޕީއެމާއި ޕީއެންސީގެ އިސް ބޭފުޅުން ޔާމީން ދޫކޮށްލެއްވީ އެވެ.

ޕީއެންއެފްއަކީ ޔާމީން އިސްކޮށް ހުންނަވައި އުފައްދަވާ ތިން ވަނަ ޕާޓީ އެވެ. އެންމެ ފުރަތަމަ ޕާޓީއަކީ ޕީއޭ އެވެ. ޕީޕީއެމްގައި ހުންނެވީ އޭގެ ފަހުންނެވެ. އެ ޕާޓީން ރާއްޖޭގެ ރައީސަކަށް އިންތިހާބުވެވަޑައިގެން ސަރުކާރު ހިންގެވުމުގައި އަމަލުކުރެއްވި ގޮތުން، ބޭބޭފުޅު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ މެދު އުފެދުނު ހިޔާލުތަފާތުވުންތަކަށް ފަހު، ޕީޕީއެމް ގެއްލިދާނެ ކަމުގެ ބިރަށް ޔާމީން އުފެއްދެވީ ޕީއެންސީ އެވެ.

ޕީއެންއެފް އުފައްދަވަން ނިންމެވީ އެ ދެ ޕާޓީ ވެސް ދޫކޮށްލެއްވުމަށް ފަހު އެވެ.

ޔާމީން މިވަގުތު ހުންނެވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ދިން ލުއިގެ ދަށުން ގޭބަންދުގަ އެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އެމަނިކުފާނަށް ލުއިދިނީ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވޭ ގޮތަކަށް ނޫނެވެ.

އެކަމަކު ޕީއެންއެފްގެ ސިޔާސީ ހަރަކާތްތަކުގައި މި ފަހުން ވެސް ކޮންމެ ރެއަކު ކަހަލަ ގޮތަކަށް އެމަނިކުފާނު ގެންދަވަނީ ބައިވެރިވެވަޑައިގަންނަވަމުންނެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމްގެ އިސްތިއުނާފު އަޑުއެހުންތައް ހައި ކޯޓުގައި ނިންމާލާފައިވާއިރު، ހުކުމް އިއްވުން ލަސްކުރާ ކަމަށް ބުނެ ޕީއެންއެފް އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.