Roadha Mihaaru
ކުށް ކޮށްފައި ސަލާމަތްވާތީ ގާނޫނުތައް ދިރާސާ ކުރަނީ

އަނަސްގެ މަރުގެ މައްސަލާގައި ކަންބޮޑުވެ، ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ދިރާސާ ކުރަނީ

27 ފެބުރުއަރީ 2024

ބޮޑެތި ކުށްތައް ކުރުމަށް ފަހު ކުށްވެރިންނަށް އަދަބެއް ނުލިބި ސަލާމަތް ވެވޭތީ ޖިނާއީ އަދުލުގެ ނިޒާމްގެ ތެރެއިން ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ސަރުކާރުން ދިރާސާ ކުރަމުން އަންނަ ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ބޮޑެތި ކުށްތައް ކުރުމަށް ފަހު ކުށްވެރިންނަށް އަދަބެއް ނުލިބި ސަލާމަތް ވެވޭތީ ޖިނާއީ އަދުލުގެ ނިޒާމްގެ ތެރެއިން ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ސަރުކާރުން ދިރާސާ ކުރަމުން އަންނަ ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.

ހޯމް މިނިސްޓްރީން މިހެން ބުނީ، މާލޭގައި ގްރޫޕަކުން ގޮސް ހަމަލާދީ މަރާލި މުހައްމަދު އަނަސްގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާ އުފުލި އެންމެންގެ މައްޗަށް ވެސް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް އިއްވުމާ ގުޅިގެންނެވެ.

އެ މައްސަލާގައި އެ މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އަނަސްގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާ އުފުލި އެންމެންގެ މައްޗަށް ދައުވާ ސާބިތު ނުވުމުން ސަރުކާރުން ނުހަނު ކަންބޮޑުވާ ކަމަށެވެ.

އާންމުންގެ ތެރޭގައި ހާމަކަން ބޮޑު ގޮތެއްގައި މީހެއްގެ ފުރާނައަށް ގެއްލުން ދިން ނަމަވެސް އެ މައްސަލާގައި ތުހުމަތު ކުރެވޭ ފަރާތްތަކަށް އަދަބު ނުލިބި ދިޔުމަކީ ތަންފީޒީ އިދާރާތަކާއި އަދުލް އިންސާފު ގާއިމް ކުރާ މުއައްސަސާތަކަށް ރައްޔިތުންގެ އިތުބާރު ކުޑަވެގެންދާނެ ކަމެއް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އޭގެ ސަބަބުން ގާނޫނީ ބާރު ނެގެހެއްޓުމަށް ހުރަސް އެޅި ކުށް ކުރާ ފަރާތްތަކަށް ކުށް ކުރުމަށް ފަހު ގާނޫނީ އަދަބުން ބަރީއަވެވޭނެ ކަމުގެ ޔަގީންކަން ލިބިގެންދާ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

"...މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިޔުމަށާއި ގާނޫނުގެ ބާރު ނެގެހެއްޓުމަށް ޖިނާއީ އަދުލުގެ ނިޒާމްގެ ތެރޭގައި ހިމެނޭ ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތަކަކީ ކޮބައިތޯ ބެލުމުގެ މަސައްކަތް ބަންޑާރަ ނައިބުގެ އޮފީހުން މިހާރު ވަނީ ފަށާފައި،" އެ ބަޔާނުގައި ބުންޏެވެ.

ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ޖުލައި 2017 ގައި ގްރޫޕަކުން ގޮސް ހަމަލާދީ އަނަސް މަރާލި މައްސަލައިގައި ހަތް މީހަކަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާކުރި އެވެ.

ގަސްދުގައި މީހަކު މަރާލުމުގެ ދައުވާކުރީ ޅ. ކުރެންދޫ އަސުރުމާގޭ އަހުމަދު ޒަޔާނާއި މ. ލޮނުމިދިލިގޭ އަފްރާހު އަބްދުއްރައްޒާ އަދި މ. ދިމިޝްގު އުސްމާން ޝަރީފްގެ މައްޗަށެވެ.

ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ އުފުލީ ލ. ގަން ތުނޑި، ނަންނާރިގޭ ޖުނައިހް އަބްދުﷲ އާއި ދަފްތަރު ނަމްބަރު 1746 ސިމާހް މޫސާ އާއި ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒްގެ އިތުރުން ތ. ކިނބިދޫ ގުލްފާމްގޭ މުހައްމަދު ޝާޒްގެ މައްޗަށެވެ.

އަނަސް މަރާލިތާ ހަތް އަހަރު ފަހުން ކޯޓުން އިއްޔެ އިއްވި ހުކުމްގައި ބުނީ މައްސަލާގައި ދައުލަތުން ހުށަހަޅާފައިވާ ހެއްކާއި ގަރީނާތަކަށް ރިއާޔަތްކޮށް، އެ ހަތް މީހުން ކުށުގައި ބައިވެރިވާ ކަމަށް އެކަށީގެންވާ ޝައްކެތް ނެތް މިންވަރަށް ސާބިތުވާ ކަމަށް ކަނޑައެޅެން ނެތް ކަމަށެވެ.

މައްސަލާގައި ހުށަހަޅާފައިވާ ސީސީޓީވީ ފުޓޭޖްތަކާއި ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓުން ވެސް ކުށް ސާބިތު ކުރެވޭ ވަރަށް ހެކި ލިބިފައި ނުވާ ކަމަށް ކޯޓުގެ ގާޒީ އަލީ ނަދީމް އިއްވެވި ހުކުމްގައި ވެ އެވެ. ފުޓޭޖްތަކުގެ ޗެއިން އޮފް ކަސްޓަޑީ ފުރިހަމަ ނުވާ ކަމަށް ވެސް ހުކުމްގައި ބުންޏެވެ.

ހުކުމުގައިވާ ގޮތުން، ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ކޯލް ރެކޯޑާއި ތަހުގީގީ ރިޕޯޓާއި އިންޓެލިޖެންސް ރިޕޯޓަށް ބުރަދަނެއް ދެވެން ނެތެވެ. އެއީ، އެ ރިޕޯޓްތަކަކީ ކުށް ސާބިތު ކުރަން ރިއާޔަތް ކުރެވޭނެ އެއްޗަކަށް ނުވުމާއި ކޯލް ރެކޯޑަކީ ފުލުހުން އަމިއްލަ އަށް ތައްުޔާރު ކޮށްފައިވާ އެއްޗެއްކަށް ވާތީ، އެއީ ހެއްކެއް ކަމަށް ބަލައިގަނެވެން ނެތުމުން ކަމަށް ހުކުމްގައި ބުންޏެވެ.