Roadha Mihaaru
ލޯނު ދޭނެކަމުގެ ޔަގީންކަން އޮތީ ދީފައި: އަމީރު

އަމީރު ވިދާޅުވީ، ކުވައިތު ފަންޑުގެ ޕްރޮޖެކްޓު ނުހުއްޓޭ ކަމަށް

28 ފެބުރުއަރީ 2024

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ބަދަލުވުމާ ހަމައަށް ވެސް، ހަތް ރަށެއްގެ ހޮސްޕިޓަލް ހެދުމަށް ކަނޑައަޅާފައިވާ ޕްރޮޖެކްޓަށް ލޯނު ދޭން ކުވައިތު ފަންޑުން އޮތީ ޔަގީކަން ދީފައި ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ބަދަލުވުމާ ހަމައަށް ވެސް، ހަތް ރަށެއްގެ ހޮސްޕިޓަލް ހެދުމަށް ކަނޑައަޅާފައިވާ ޕްރޮޖެކްޓަށް ލޯނު ދޭން ކުވައިތު ފަންޑުން އޮތީ ޔަގީކަން ދީފައި ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

އޭނާ އެހެން ވިދާޅުވީ، ހަތް ރަށެއްގައި ކުރީގެ ސަރުކާރުން އިމާރާތްކުރަން ނިންމި ހޮސްޕިޓަލްތައް ނޭޅުނީ އެ މަޝްރޫއުތައް ނުހިންގި، ކުވައިތު ފަންޑުން ދިން ބައެއް ފަންޑުތައް އަނބުރާ ގެންގޮސްފައިވާތީ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ހޯމަ ދުވަހު ވިދާޅުވުމާ ގުޅިގެންނެވެ.

ކުވައިތު ފަންޑުގެ އެހީގައި ހަތް ރަށެއްގައި 30 އެނދުގެ ހޮސްޕިޓަލްތައް އިމާރާތްކުރަން ސޮއިކުރީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި މިދިޔަ އަހަރުގެ މޭ މަހު އެވެ. ހދ. ހަނިމާދު އާއި އދ. މާމިގިއްޔާއި ވ. ފެލިދޫ އަދި ތ. ވިލުފުށީގައި ހޮސްޕިޓަލް ހެދުމަށް ހަވާލުކުރީ ދިވެހި ކުންފުންޏެއް ކަމަށްވާ ޑެޕްލެކްސް ޕްރައިވެޓް ލިމިޑެޓާ އެވެ. ށ. މިލަންދު އާއި ނ. ވެލިދޫ އަދި ކ. ތުލުސްދޫގައި ހޮސްޕިޓަލް އިމާރާތްކުރަން ހަވާލުކުރީ އާނަންދު ބިލްޑްޓެކް ޕްރައިވެޓް ލިމިޑެޓުންނެވެ.

"މިދިޔަ ސަރުކާރުން އެ ފަންޑުގެ ބޭނުން ނުކޮށް ޕްރޮޖެކްޓުތައް ހިންގުން ލަސްކުރަމުން ލަސްކުރަމުން ގޮސް ކުވެއިތު ފަންޑުން އެންމެ ފަހުން ފަންޑު އަނބުރާ ގެންދިޔައީ، މިދިޔަ ސަރުކާރުގައި،" ހދ. ހަނިމާދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވެފައި ވެ އެވެ.

ނަމަވެސް އެ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ، ގާތްގަނޑަކަށް 680 މިލިއަން ރުފިޔާ އަށް ހިންގަން ނިމި އެ މަޝްރޫއު އެހާ ބޮޑަށް ލަސްވީ، ކުވައިތުގެ ދާހިލީ އަދި ސިޔާސީ ނުތަވަސްކަން އެ ދުވަސްވަރު ވަރަށް ބޮޑުވެފައި އޮތުމުން ކަމަށެވެ. އޭގެ އަސަރު ކުވައިތު ފަންޑަށް ވެސް ކުރި ކަމަށާއި އެ ފަންޑު ހިންގާ މެނޭޖްމެންޓްގެ އިސްފަރާތްތައް ބަދަލުވެ، ލޯނު ދިނުމާ ގުޅޭ ގޮތުން ބޯޑުން ގޮތެއް ނުނިމި އޮތީ އެހެންވެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް ޕްރޮޖެކްޓަށް ބޭނުންވާ ފައިސާ ނުދޭން އެ ފަންޑުން އެއްވެސް ގޮތަކަށް ނުނިންމާ ކަމަށް އަމީރު ވިދާޅުވި އެވެ. އެންމެ ފަހުން ވެސް ކުވައިތު ފަންޑުން ވަނީ ފަންޑު ދޭނެ ކަމުގެ ޔަގީންކަން ސަރުކާރަށް ދީފައި ކަމަށް އޭނާ ވިދާޅުވި އެވެ.