Roadha Mihaaru
ހަތް ހޮސްޕިޓަލުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި

ކުވައިތު ފަންޑުން ހަދާ ހަތް ހޮސްޕިޓަލުގެ މަސައްކަތް ރާއްޖެ އަދި އިންޑިއާގެ ކުންފުންޏަކާ ހަވާލުކޮށްފި

15 މެއި 2023

ކުވައިތު ފަންޑުގެ އެހީގައި ރާއްޖޭގެ ރަށްރަށުގައި އިމާރާތްކުރާ ހަތް ހޮސްޕިޓަލުގެ މަސައްކަތް މިއަދު ބަޔަކާ ހަވާލުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ކުވައިތު ފަންޑުގެ އެހީގައި ރާއްޖޭގެ ރަށްރަށުގައި އިމާރާތްކުރާ ހަތް ހޮސްޕިޓަލުގެ މަސައްކަތް މިއަދު ބަޔަކާ ހަވާލުކޮށްފި އެވެ.

ހެލްތު މިނިސްޓްރީގެ އޮފީސް ހުންނަ ރޯޝަނީ ބިލްޑިންގްގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތް ދެ ކުންފުންޏަކާ ހަވާލުކުރި އެވެ.

ކުވައިތު ފަންޑުގެ އެހީގައި 30 އެނދުގެ އެ ހޮސްޕިޓަލްތައް އިމާރާތްކުރަން ހަވާލުކުރީ ދިވެހި ކުންފުންޏެއް ކަމަށްވާ ޑެޕްލެކްސް ޕްރައިވެޓް ލިމިޑެޓާއި އިންޑިއާގެ ކުންފުންޏެއް ކަމަށްވާ އާނަންދު ބިލްޑްޓެކް ޕްރައިވެޓް ލިމިޑެޓާ އެވެ.

ޑެޕްލެކްސް ޕްރައިވެޓް ލިމިޑެޓާ ހަވާލުކުރީ ހދ. ހަނިމާދު އާއި އދ. މާމިގިއްޔާއި ވ. ފެލިދޫ އަދި ތ. ވިލުފުށީގައި ހޮސްޕިޓަލް ހެދުމަށެވެ. ށ. މިލަންދު އާއި ނ. ވެލިދޫ އަދި ކ. ތުލުސްދޫގައި ހޮސްޕިޓަލް އިމާރާތްކުރާނީ އާނަންދު ބިލްޑްޓެކް ޕްރައިވެޓް ލިމިޑެޓުންނެވެ.

ހެލްތު މިނިސްޓްރީން ބުނީ އެ ހޮސްޕިޓަލްތައް ހެދުމަށް ކުވެއިތު ފަންޑުން 686 މިލިއަން ރުފިޔާ ދީފައިވާ ކަމަށެވެ. އެ މަސައްކަތް ހަވާލުކުރީ ދޮޅު އަހަރު ދުވަހުގެ ތެރޭގައި ނިންމާށެވެ.

މިއަދުގެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވި ގޮތުގައި، މި ސަރުކާރުން އަބަދުވެސް ގެންގުޅެމުން އަންނަ ވިސްނުމަކީ ބޭސްފަރުވާގެ ކަންކަމުގައި، ރަށްރަށުގައި ދިރިއުޅޭ ރައްޔިތުން މާލެއަށް ބަރޯސާވާން ޖެހޭ ޖެހުން ނިމުމަކަށް ގެނައުމެވެ. އެ ވިސްނުމުގެ ތެރެއިން މިހާތަނަށް އައިރު ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާއިރު، މި ހަތް ހޮސްޕިޓަލަކީ ވެސް އޭގެ ތެރޭގައި ހިމެނޭ މަސައްކަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މި ތަންތަނަށް [ހޮސްޕިޓަލުތަކަށް] ފަސޭހައިން ދެވޭނެ ގޮތް ހެދުމަށް އެއާޕޯޓާއި ފެރީގެ ނިޒާމުތަކާ މި ހުރިހާ ކަމެއް ވެސް މި ދަނީ ތަރުތީބުވެގެން. އެހެންވެގެން އަޅުގަނޑު މި ދަންނަވަނީ ސިއްހީ ދާއިރާގެ ކަންތައްތައް ހަމައެކަނި ކުރެވެނީ ސިއްހީ ދާއިރާއަކުން ނޫނޭ: ނަސީމް، ހެލްތު މިނިސްޓަރު

"އަޅުގަނޑުމެން [އެންމެ ފުރަތަމަ] ތަރައްގީކުރީ ޓާޝިއަރީ ފެންވަރު ހޮސްޕިޓަލް. އެއީ ސަރަހައްދީ ގޮތުން އަޅުގަނޑުމެންގެ އެކްޝަން ޕްލޭނާ އެއްގޮތަށް ރާވައިގެން ކުރި ކަމެއް،" ނަސީމް ވިދާޅުވި އެވެ.

"މި ތަންތަނަށް [ހޮސްޕިޓަލުތަކަށް] ފަސޭހައިން ދެވޭނެ ގޮތް ހެދުމަށް އެއާޕޯޓާއި ފެރީގެ ނިޒާމުތަކާ މި ހުރިހާ ކަމެއް ވެސް މި ދަނީ ތަރުތީބުވެގެން. އެހެންވެގެން އަޅުގަނޑު މި ދަންނަވަނީ ސިއްހީ ދާއިރާގެ ކަންތައްތައް ހަމައެކަނި ކުރެވެނީ ސިއްހީ ދާއިރާއަކުން ނޫނޭ."

މި ހޮސްޕިޓަލްތަކަކީ ކޮވިޑް ފަދަ ބަލިތައް ފެތުރޭ ހާލަތްތަކުގައި ހޮސްޕިޓަލުގެ އޮޕަރޭޝަން ނުހުއްޓި ކުރިއަށް ގެންދެވޭނެ ގޮތަށް ފުލޫ ކްލިނިކާއި އައިސޮލޭޝަން ފެސިލިޓީ ހިމެނޭ ގޮތަށް ހަދާ ތަންތަން ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި ހޮސްޕިޓަލުގެ ހުރިހާ އެނދެއްގައި ޕައިޕްޑް އޮކްސިޖަން އާއި މެޑިކަލް އެއާ އަދި ސަކްޝަން ހުންނާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ކައިރި ރަށްރަށަށް ބޭނުންވާ އޮކްސިޖަން ފުޅި ސަޕްލައި ކުރުމަށް، މި ހޮސްޕިޓަލުތަކުގައި އޮކްސިޖަން ޕްލާންޓެއް ހަދަން ވެސް ޕްލޭންކޮށްފައިވެ އެވެ.

މިނިސްޓްރީން ބުނި ގޮތުގައި، ހޮސްޕިޓަލުން ބޭނުންކުރާ ހަކަތައަށް ކުރާ ހަރަދު ކުޑަކުރުމަށް، މި ޕްރޮޖެކްޓުގެ ދަށުން ކޮންމެ ހޮސްޕިޓަލެއްގައި 150 ކިލޯވޯޓުގެ އަވިން ހަކަތަ އުފައްދާ ނިޒާމެއް ހަރުކުރާނެ އެވެ.

ކުވައިތު ފަންޑުގެ އެހީގައި ހޮސްޕިޓަލްތަކެއް އިމާރާތް ކުރާނެ ބަޔަކު ހޯދަން މިނިސްޓްރީން އެންމެ ފުރަތަމަ އިއުލާންކުރީ މިދިޔަ އަހަރު އޭޕްރީލް މަހު އެވެ. އެކަމަކު، އެކަން ކޮށްދޭނެ ބަޔަކު ނުލިބުމުން މިދިޔަ އަހަރު ޑިސެމްބަރުގައި އަލުން އިއުލާންކުރި އެވެ.