Roadha Mihaaru
މުއައްސަސާތަކުގެ ވެރިންގެ މުސާރަ ބޮޑުކުރަން ފާސްކޮށްފި

މުއައްސަސާތަކާއި ފަނޑިޔާރުންނާއި ކައުންސިލަރުންގެ މުސާރަ ބޮޑުކުރަން ފާސްކޮށްފި

28 ފެބުރުއަރީ 2024

މިނިވަން މުއައްސަސާތަކުގެ ވެރިންނާއި ފަނޑިޔާރުން އަދި ކައުންސިލަރުންގެ މުސާރަތައް ބޮޑު ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މިނިވަން މުއައްސަސާތަކުގެ ވެރިންނާއި ފަނޑިޔާރުން އަދި ކައުންސިލަރުންގެ މުސާރަތައް ބޮޑު ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މުސާރަ ބޮޑު ކުރުމަށް މާލިއްޔަތު ކޮމިޓީން އެކުލަވާލި ރިޕޯޓަށް މިއަދު މަޖިލީހުގެ ތަޅުގައި 49 މެންބަރަކު ވޯޓު ދެއްވި އެވެ. ކޮމިޓީގެ ރިޕޯޓްގައި މަޖިލިސް މެންބަރުންގެ މުސާރަ ވެސް ބޮޑު ކުރަން ހިމަނާފައި އޮތް ނަމަވެސް، އާއްމުންގެ ފާޑުކިއުންތައް ބޮޑުވުމާ ގުޅިގެން ފަހުން ވަނީ އެ ބައި އުނިކޮށްފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސްގެ މުސާރަ ބޮޑުކުރަން ހިމެނި ބައި ވެސް އޮތީ އުނިކޮށްފަ އެވެ.

ކޮމިޓީން ނިންމާފައި އޮތީ ހުރިހާ ކޯޓެއްގެ ފަނޑިޔާރުންނާއި ކައުންސިލަރުން އަދި މިނިވަން މުއައްސަސާތަކުގެ ވެރިންނާއި އެފަދަ ހުރިހާ މަގާމެއްގެ މުސާރަ ބޮޑުކުރާށެވެ.

އޭގެ ތެރޭގައި އެމްއެމްއޭގެ ގަވަރުނަރާއި ޕްރޮސިކިއުޓާ ޖެނަރަލާއި އޮޑިޓާ ޖެނަރަލާއި ޗިލްޑްރަން އޮމްބަޑްޕާސަން އާއި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަން އާއި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސް އާއި ނައިބު ރައީސް އަދި ބޯޑު މެންބަރުން ހިމެނެ އެވެ.

އުއްތަމަ ފަނޑިޔާރުގެ މުސާރަ ވެސް ބޮޑު ކުރަން ނިންމާފައިވާ އިރު، ކޮމިޓީން ގެނައި ބަދަލާ އެކު އެ މަގާމުގެ މުސާރައަކީ މަހަކު 91،000 ރުފިޔާ އެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް 89،000 ރުފިޔާ އެވެ.

ސިޓީ ކައުންސިލްތަކުގެ މޭޔަރުންގެ މުސާރަ 46،000 އަށް ބޮޑު ކޮށްފައިވާއިރު ރަށު ކައުންސިލްތަކުގެ ރައީސުންގެ މުސާރަ އަކީ 25،000 ރުފިޔާ އެވެ. އަދި އަތޮޅު ކައުންސިލްތަކުގެ ރައީސުންގެ މުސާރަ އަކީ 33،000 ރުފިޔާ އެވެ.

މިނިވަން މުއައްސަސާތަކުގެ ރައީސުންގެ މުސާރައިގެ ގޮތުގައި 59،000 ރުފިޔާ ކަނޑައަޅާފައިވާއިރު، ނައިބުންގެ މުސާރަ އަކީ 55،000 ރުފިޔާ އެވެ. ޕްރޮސިކިއުޓާ ޖެނަރަލާއި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަން އަދި އޮޑިޓާ ޖެނަރަލްގެ މުސާރަ އަކީ 74،000 ރުފިޔާ އެވެ.