Roadha Mihaaru
ދެ މެޖިސްޓްރޭޓަކު ވަކިކުރަން މަޖިލީހަށް ފޮނުވަނީ

ދެ މެޖިސްޓްރޭޓަކު ވަކިކުރަން ޖޭއެސްސީން މަޖިލީހަށް ފޮނުވަނީ

01 ނޮވެމްބަރ 2022

ދެ މެޖިސްޓްރޭޓަކު ފަނޑިޔާރުކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ދެ މެޖިސްޓްރޭޓަކު ފަނޑިޔާރުކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

އެ ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައިވާ ގޮތުން ވަކިކުރަން މަޖިލީހަށް ފޮނުވަން ނިންމީ ގއ. ދާންދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް ލުއައްޔު އިބްރާހިމާއި ބ. ފުޅަދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިޝާރެވެ.

ޖޭއެސްސީން ބުނީ އިސް މެޖިސްޓްރޭޓް ލުއައްޔުއާ ބެހޭގޮތުން އެ ކޮމިޝަނަށް ލިބުނު 22 މައްސަލައެއްގެ ތެރެއިން ސާބިތުވީ ދެ މައްސަލަ ކަމަށެވެ. ޖިންސީ ގޯނާގެ އަމަލެއް ކުރުމުގެ އިތުރުން ރަސްމީ ވަގުތުތަކުގައި ވިޔަފާރި ހިންގުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވެފައިވާކަން ސާބިތުވާ ކަމަށް ޖޭއެސްސީގެ ބަޔާނުގައިވެ އެވެ.

އިސް މެޖިސްޓްރޭޓް ނިޝާނު ވަކިކުރަން ނިންމީ އޭނާއާ އެކު ވިޔަފާރީގެ މަސްލަހަތެއް އޮތް އެހެން މީހެއްގެ މައްސަލައެއް އެހެން ފަނޑިޔާރަކު ބައްލަވަނިކޮށް، އޭނާ އަމިއްލައަށް އެ މައްސަލަ ބެލުމާ ހަވާލުވި ކަމަށް ބުނެ އެވެ. ޖޭއެސްސީން ބުނީ މެޖިސްޓްރޭޓް ނިޝާން އެ މައްސަލަ ބެލުމުން ތަނާޒުލްވުމަށް ފަހު، އިޖްރައާތުތަކާ ހިލާފަށް އަމިއްލައަށް އެ މައްސަލައާ ހަވާލުވެ، އެ މައްސަލަ ކުރިއަށް ގެންދިޔައީ ނާޖާއިޒް ފައިދާއެއް ހޯދުމުގެ ނިޔަތުގައިކަން ސާބިތުވާ ކަމަށެވެ.

މީގެ ކުރިން ވެސް ބައެއް ފަނޑިޔާރުން ސުލޫކީ މައްސަލަތަކުގައި ވަކިކޮށްފައިވެ އެވެ. ފަނޑިޔާރަކު ވަކި ކުރެވޭނީ ޖޭއެސްސީން ހުށަހަޅާ ހުށަހެޅުމަކަށް ބިނާކޮށް، މަޖިލީހުގެ އަޣުލަބިއްޔަތުން ފާސްކޮށްގެންނެވެ.