Roadha Mihaaru
ފަނޑިޔާރުން ޖަވާބުދާރީވާން މިހާރު އިތުރު ފުރުސަތު ދޭނެ

ފަނޑިޔާރުން ޖަވާބުދާރީވާން އިތުރު ފުރުސަތު ދޭ އިސްލާހު ތަސްދީގުކުރައްވައިފި

03 ނޮވެމްބަރ 2022

ފަނޑިޔާރުންގެ މައްސަލަތައް ބަލާއިރު ޖަވާބުދާރީވާން އެ ފަނޑިޔާރުންނަށް އިތުރު ފުރުސަތު ލިބޭ ގޮތަށް ސަރުކާރުގެ ފަރާތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ގާނޫނަށް ހުށަހެޅި އިސްލާހު މިއަދު ތަސްދީގުކުރައްވައިފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ފަނޑިޔާރުންގެ މައްސަލަތައް ބަލާއިރު ޖަވާބުދާރީވާން އެ ފަނޑިޔާރުންނަށް އިތުރު ފުރުސަތު ލިބޭ ގޮތަށް ސަރުކާރުގެ ފަރާތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ގާނޫނަށް ހުށަހެޅި އިސްލާހު މިއަދު ތަސްދީގުކުރައްވައިފި އެވެ.

ޖޭއެސްސީ އިން ބަލާ މައްސަލަތައް ނިންމާ މުއްދަތު އަވަސް ކުރުމަށް އެ ކޮމިޝަނުގެ ގާނޫނަށް ހުށަހެޅި ތިން ވަނަ އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސް ކުރީ މިދިޔަ މަހުގެ 17 ވަނަ ދުވަހު ބޭއްވި ޖަލްސާގައި މަޖިލީހުގެ 53 މެމްބަރުންގެ ވޯޓާއެކު އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގުކުރެއްވި އިސްލާހުގެ ދަށުން ޖޭއެސްސީން ފަނޑިޔާރުންގެ މައްސަލަތައް ބަލާއިރު، އެ މައްސަލަތަކާ ގުޅިގެން ޖަވާބުދާރީވުމަށް ވެސް ފަނޑިޔާރުންނަށް އިތުރު ފުރުސަތު ވަނީ ދީފަ އެވެ.

އެ އިސްލާހުގައިވާ ގޮތުން ޖޭއެސްސީއަށް ހުށަހަޅާ މައްސަލައެއް ހުށަހަޅާ ތާރީހުން ފެށިގެން ރަސްމީ ބަންދު ދުވަސްތައް ނުހިމަނައި، 14 ދުވަހުގެ ތެރޭގައި، މައްސަލަ ބެލުމާމެދު ގޮތެއް ނިންމައި ކޮމިޓީން، އެ މައްސަލައެއް ބެލުމާމެދު ނިންމި ގޮތް ކޮމިޝަނަށް ފޮނުވަން ޖެހެ އެވެ.

ތަހުގީގު ރިޕޯޓު ލިބޭތާ، ރަސްމީ ބަންދުދުވަސްތައް ނުހިމަނައި ހަތް ދުވަހުގެ ތެރޭގައި، ރިޕޯޓާ ގުޅޭ ގޮތުން ތަހުގީގުކުރާ ކޮމިޓީއަށް ހުށަހަޅަން ބޭނުންވާ ކަންތައްތަކާއި، އެ މައްސަލަ ނިންމުމުގައި ކޮމިޓީން ރިއާޔަތްކޮށްދިނުން އެދޭ ކަންކަން ބަޔާންކޮށް ލިޔުމުން ކޮމިޓީއަށް ހުށަހެޅުމުގެ އިހުތިޔާރު މައްސަލަ ރައްދުވާ ފަނޑިޔާރަށް ލިބިގެންވާ ކަމަށް ވެސް އެ އިސްލާހުގައިވެ އެވެ.

އޭގެ އިތުރުން، އެ މުއްދަތު ހަމަވުމުން ރަސްމީ ބަންދުދުވަސްތައް ނުހިމަނައި، ހަތް ދުވަހުގެ ތެރޭގައި ތަހުގީގު ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމާ ގުޅިގެން މުޅި މައްސަލައާ މެދު ޖުމްލަ ގޮތެއްގައި ވާހަކަ ދެއްކުމަށް އަޑުއެހުމެއް ބާއްވަން ޖެހެ އެވެ.

ތަހުގީގު ކޮމިޓީން ފަނޑިޔާރެއްގެ މައްސަލަ ބަލައި ކޮމިޝަނަށް ފޮނުވާ ރިޕޯޓު، މައްސަލަ ރައްދުވާ ފަނޑިޔާރަށް ވެސް ފޮނުވަންވާނެ ކަމަށް އިސްލާހުގައިވެ އެވެ. އަދި ތަހުގީގު ކޮމިޓީގެ ރިޕޯޓާމެދު ކޮމިޝަނުން ގޮތެއް ނިންމަންވާނީ ތަހުގީގު ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކަށް ޖަވާބުދާރީވުމަށް މައްސަލަ ރައްދުވާ ފަނޑިޔާރަށް ފުރުސަތު ދިނުމަށްފަހު ކަމަށް ވެސް އިސްލާހުގައިވެ އެވެ.

އެ އިސްލާހު މިއަދު ތަސްދީގުކޮށް ގެޒެޓު ކުރުމާ އެކު އެއަށް އަމަލުކުރަން މިއަދު ވަނީ ފަށައިފަ އެވެ.

ފަނޑިޔާރުންގެ މައްސަލަތައް ބަލާ އިޖުރާއަތަށް ބަދަލު ގެނެސްފައިވާއިރު، ޖޭއެސްސީ އެކުލެވޭ ގޮތް ބަދަލުކުރުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ. އެކަމަކު، އެ މަސައްކަތް ލަސްވެފައިވާތީ ގިނަ ފާޑު ކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ. އެ ވައުދު ފުއްދުމަށް ޖޭއެސްސީ އެކުލެވިގެންވާ ގޮތް އިސްލާހު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އަންނަ ދައުރުގައި ބިލެއް ހުށަހަޅާނެ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ ބުނެފަ އެވެ. އަދި އެކަމަށް މިހާރު އާންމުންގެ ހިޔާލު ވެސް ދަނީ ހޯދަމުންނެވެ.

ޖޭއެސްސީގައި މިހާރު ތިއްބަވާ 10 މެމްބަރުންގެ ތެރެއިން ހަ މެމްބަރުންނަކީ މަޖިލީހާއި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މެމްބަރުންނެވެ. އެހެންވެ، ޖޭއެސްސީގެ ތެރެއަށް ސިޔާސީ ނުފޫޒު ވަންނަކަމުގެ ޝަކުވާ އަބަދުވެސް ބޮޑެވެ.