Roadha Mihaaru
ރާއްޖެ އާއި މަލިކާ ދެމެދު ލޯންޗު ދަތުރު ފެށޭތޯ ބަލަނީ

ރާއްޖެ އާއި މަލިކާ ދެމެދު ލޯންޗު ދަތުރު ފެށުމަށް މަސައްކަތްކުރަނީ

23 ސެޕްޓެމްބަރ 2016

ކުރީގައި ރާއްޖޭގެ ރަށެއްގެ ގޮތުގައި އޮތް މަލިކާއި ރާއްޖެއާ ދެމެދު ލޯންޗު ދަތުރުތައް ފެށުމަށް އަމިއްލަ ކުންފުންޏަކުން މަސައްކަތް ފަށައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ކުރީގައި ރާއްޖޭގެ ރަށެއްގެ ގޮތުގައި އޮތް މަލިކާއި ރާއްޖެއާ ދެމެދު ލޯންޗު ދަތުރުތައް ފެށުމަށް އަމިއްލަ ކުންފުންޏަކުން މަސައްކަތް ފަށައިފި އެވެ.

މިހާރު ވެސް ދިވެހިން މަލިކަށް ފޮނުވުމުގެ ހިދުމަތް ދެމުން އަންނަ، އަންޑަ ވޯޓާ ޓްރެވަލް އެންޑް ޓުއާސް އިން ބުނިގޮތުގައި ސްޕީޑު ލޯންޗެއްގައި މަލިކުން ފުރައިގެން ރާއްޖޭގެ އެންމެ އުތުރުގެ ރަށަކަށް ދާން ހޭދަވާނީ ދެ ގަޑިއިރެއްހާއިރެވެ.

އެ ކުންފުނިން ވިސްނާފައިވަނީ ހދ. ހަނިމާދުއަށް ނުވަތަ ހއ. ތުރާކުނަށް ދަތުރު ކުރާށެވެ.

މަލިކުގެ ބަޔަކާ ގުޅިގެން އުފައްދާފައިވާ އެ ކުންފުނީގެ ޑިރެކްޓަރު މުހައްމަދު އިމްތިޔާޒު ވިދާޅުވި ގޮތުގައި ރާއްޖެ އާއި މަލިކާ ދެމެދު ދަތުރު ކުރުމަށް އިންޑިއާގެ ކަމާ ބެހޭ ފަރާތްތަކުން މިހާރު ހުއްދަތައް ވަނީ ލިބިފަ އެވެ. އެކަމަކު އަދި ރާއްޖޭން އެކަމަށް ނުލިބޭއިރު ކަމާ ގުޅޭ ފަރާތްތަކާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"އިންޑިއާގެ އޮތޯރިޓީތަކުން އޮތީ އެކަމަށް ފެހި ސިގްނަލް ދީފައި. އަޅުގަނޑުމެން އެކަމަށް މަޝްވަރާތައް ކުރާތާ މިހާރު މަހެއްހާ ދުވަސް ވެއްޖެ،" އިމްތިޔާޒު ވިދާޅުވި އެވެ.

ބައިނަލްއަގްވާމީ ކަނޑެއް ހުރަސްކުރާއިރު އެކަމަށް ހޯދަން ޖެހެނީ ބައިނަލްއަގްވާމީ ގަވައިދުތަކަށް ފެތޭ ފަދަ އުޅަނދެކެވެ. އެހެންވެ، އުޅަނދެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ ލިބުނުހާ އަވަހަށް ދަތުރުތައް ފެށޭނެ ކަމަށް ލަފާ ކުރެވޭ ދުވަހެއް އާއްމު ކުރާނެ ކަމަށް އެތަނުން ބުންޏެވެ.

މަލިކު ޒުވާނުންތަކެއް އެ ރަށު އަތިރިމަތީގައި-- ފޮޓޯ: އަންޑަ ވޯޓާ ޓްރެވަލް ފޭސްބުކް

މަލިކު ޒުވާނުންތަކެއް އެ ރަށު އަތިރިމަތީގައި-- ފޮޓޯ: އަންޑަ ވޯޓާ ޓްރެވަލް ފޭސްބުކް

ވަރަށް ފަހުން ހިދުމަތް ދޭންފެށި އަންޑަވޯޓާ ކުންފުނީގެ ހަވާލުގައި ދިވެހި ދެ ގުރޫޕަކުން މިހާރު ވަނީ މަލިކަށް ގޮސްފަ އެވެ.

އިމްތިޔާޒު ވިދާޅުވި ގޮތުގައި މަލިކަށް ދާން ބޭނުން ދިވެހިން އަމިއްލަ ޓިކެޓުގައި އަންނަން ޖެހޭނީ އިންޑިއާގެ ކޮޗިންއާ ހަމައަށެވެ. އޭގެ ފަހުން، އެ މީހުންނާ ކުންފުނިން ހަވާލު ވާނެ ކަމަށާއި މަލިކަށް ގޮސް އެނބުރި އަންނަން ދެން ތިބޭނީ އެތަނުގެ ހަވާލުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮޗިންގައި ތިބުމާއި މަލިކުގައި ހަތް ރޭ މަޑުކުރުމާއެކު މުޅި ޖުމްލަ 11 ރޭގެ އެ ޕެކޭޖު އެ ކުންފުނިން ވިއްކަނީ 750 ޑޮލަރާއި 800 ޑޮލަރުގެ އަގެއްގަ އެވެ. އެކަމަކު ގިނަ ބަޔަކު ބައިވެރިވާ ނަމަ އެއަށް ވުރެ އަގުހެޔޮ ވާނެ ކަމަށް އިމްތިޔާޒު ވިދާޅުވި އެވެ.

"ކޮޗިން އިން މަލިކަށް ފެރީގައި ދެވޭނީ 12 ގަޑިއިރުން. އެކަމަކު އަޅުގަނޑުމެން ޕެކޭޖުގެ ދަށުން ދަތުރު ކުރާއިރު ބައިވެރިންނަށް ފެރީގައި އެއާކޮންޑިޝަން ކެބިންއެއްގައި ތިބެވޭނެ،" އޭނާ ވިދާޅުވި އެވެ.

މި ޕެކޭޖުގެ ދަށުން މަލިކުގެ އެކި ތަންތަނަށް ޒިިޔާރަތް ކުރުން ވެސް ހިމެނެ އެވެ.

ރާއްޖޭގެ ރަށެއްގެ ގޮތުގައި ކުރިން އޮތް މަލިކުގެ ގުރޫޕެއް، އީދު ފާހަގަ ކުރުމަށް މިދިޔަ ބޮޑު އީދުގައި ހއ. އިހަވަންދުއަށް ވަނީ ގޮސްފަ އެވެ.