Roadha Mihaaru
ސަނިއްޔާ: ރާއްޖޭގެ ފުރަތަމަ ސްޕެޝަލިސްޓް ނަރުސް

ސަނިއްޔާ: ރާއްޖޭގެ ފުރަތަމަ ސްޕެޝަލިސްޓް ނަރުސް

08 މާޗް 2024

ރާއްޖޭގައި ސްޕެޝަލައިޒްވި ފުރަތަމަ ނަރުހަކަށް ސަނިއްޔާ އަހުމަދު ވެވަޑައިގެންފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖޭގައި ސްޕެޝަލައިޒްވި ފުރަތަމަ ނަރުހަކަށް ސަނިއްޔާ އަހުމަދު ވެވަޑައިގެންފި އެވެ.

ކޮޗިންގައި ހުންނަ އަމްރިތާ އިންސްޓިޓިއުޓުން ދެ އަހަރުގެ މާސްޓާސް ނިންމައި، ސަނިއްޔާ ސްޕެޝަލައިޒްވީ، ކާޑިއޯ ވެސްކިއުލާ އެންޑް ތޮރޯސިކް ދާއިރާއިންނެވެ.

ކާޑިއޯ ވެސްކިއުލާއަކީ ހިތާއި ލޭ ހޮޅިތައް އަދި ތޮރައިސިކަކީ މޭ ހިމެނޭ ދިމާލުގައި ހުންނަ ބައިތަކެވެ.

ނާސިން ދާއިރާގައި 2004 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރައްވަމުން އަންނަ ސަނިއްޔާ "މިހާރު" އަށް ވިދާޅުވީ ހިތުގެ ބަލިތަކަށް، ފަރުވާ ހޯދާ މީހުންގެ އަދަދު އިތުރުވަމުން ދިޔަ ނަމަވެސް، އެ ދާއިރާއިން ހާއްސަވެފައި ހުރި ނަރުހެއް އައިޖީއެމްއެޗްގައި ނެތް ކަމަށެވެ.

ހިތުގެ ބައްޔާ ގުޅޭ ކަންކަން ކުރިއަރަމުން އަންނަ ވަރަކަށް ނަރުހުންނަށް ވެސް އެހީތެރިކަން ދެވޭނެތީ، ލިބިވަޑައިގެންނެވި ސްކޮލަޝިޕެއްގައި އެ ދާއިރާއިން ސްޕެޝަލައިޒްވާން ނިންމީ ކަމަށް، އައިޖީއެމްއެޗްގެ ސްޕެޝަލިސްޓް ނަރުހުގެ މަގާމުގައި މި ފަހުން އައިޖީއެމްއެޗްގެ ކާޑިއޮލޮޖީ ޑިޕާޓްމަންޓުގައި މަސައްކަތް ފެއްޓެވި ސަނިއްޔާ ވިދާޅުވި އެވެ.

އޭނާ ވަނީ ގައުމީ ޔުނިވާސިޓީން 2017 ވަނަ އަހަރު ނާސިންގެ މާސްޓާސް ވެސް ނިންމައިފަ އެވެ. ނަމަވެސް، އޮޕަރޭޝަން ތިއޭޓަރުގައި މަސައްކަތްކުރައްވަނިކޮށް 2021 ގައި ލިބިވަޑައިގެންނެވި ފުރުސަތުގައި ތަފާތު ދާއިރާއަކުން ހާއްސަވާން ނިންމެވީ އެވެ.

ސަނިއްޔާ ވިދާޅުވި ގޮތުގައި ނާސިންގެ ޑިގްރީ އަދި މާސްޓާސް ހާސިލްކުރިއަސް، އެ ކޯސްތަކުގައި ކިޔަވައިދެނީ ޖެނެރަލް ކެއާ ކަމަށެވެ. އެކަމަކު، ހިތާއި ލޭހޮޅި އަދި ތޮރައިސިކްގެ ދާއިރާއިން ސްޕެޝަލައިޒްވުމުން، ހާޓް އެޓޭކުގައި އެހީ ބޭނުންވާ މީހުންނަށް ފަރުވާ ދޭން އެތައް ގޮތަކުން ފަސޭހަވާނެ އެވެ.

މިއީ، ރާއްޖެއަށް ވަރަށް މުހިއްމު ދާއިރާއެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

"އަޅުގަނޑު ބުނެލަން ބޭނުންވަނީ އެ ކުއްޖަކު ކިޔަވަން ބޭނުން ދާއިރާއަކުން ކިޔަވާށޭ، ގޮންޖެހުންތައް ދިމާވާނެ. އެކަމަށް ބޭނުންވަނީ ހިތްވަރެއް." ސަނިއްޔާ ވިދާޅުވި އެވެ.

އެމްއެންޔޫން ވެސް އެޑްވާންސްޑް ޑިޕްލޮމާ ފެންވަރުގައި ނާސިން ސްޕެޝަލިސްޓް ބައެއް ޕްރޮގްރާމްތައް ހިންގަ އެވެ. އެކަމަކު، ނާސިން ސްޕެޝަލިސްޓަކަށް ވާނީ ހާއްސަ ދާއިރާއަކުން މާސްޓާސް ޑިގްރީއަށް ވުރެ މަތިން ތައުލީމް ހާސިލްކުރުމުންނެވެ.