Roadha Mihaaru
ފެސިލިޓީގައި މަސައްކަތްކުރާނެ 22 ނަރުހުން ހޯދަނީ

ކޮވިޑް ފެސިލިޓީތަކުގައި މަސައްކަތްކުރާނެ 22 ނަރުހުން ހޯދަނީ

30 ސެޕްޓެމްބަރ 2021

ހުޅުމާލޭ މެޑިކަލް ފެސިލިޓީ އާއި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންނަށް ހާއްސަކޮށް ފަރުވާދެމުން އަންނަ އެހެން ތަންތަނުގައި ވަގުތީގޮތުން މަސައްކަތްކުރާނެ، ރެޖިސްޓާޑް 22 ނަރުހުން ހޯދަން އައިޖީއެމްއެޗުން މިއަދު އިއުލާންކޮށްފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ހުޅުމާލޭ މެޑިކަލް ފެސިލިޓީ އާއި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންނަށް ހާއްސަކޮށް ފަރުވާދެމުން އަންނަ އެހެން ތަންތަނުގައި ވަގުތީގޮތުން މަސައްކަތްކުރާނެ، ރެޖިސްޓާޑް 22 ނަރުހުން ހޯދަން އައިޖީއެމްއެޗުން މިއަދު އިއުލާންކޮށްފި އެވެ.

އައިޖީއެމްއެޗުން ބުނީ އެ މީހުން މަސައްކަތްކުރަންޖެހޭނީ ހަފްތާއަކު ފަސް ދުވަހު، މަދުވެގެން އަށް ގަޑިއިރު ކަމަށެވެ.

އައިޖީއެމްއެޗުން ކުރި އިއުލާނުގައިވާ ގޮތުން އެ މީހުންގެ މަހު މުސާރައަކީ 9،060ރ. އެވެ. އަދި ސާވިސް އެލަވަންސްގެ ގޮތުގައި ދުވާލަކު، 188ރ. ރުފިޔާ ލިބޭނެ އެވެ. އެ މަގާމަށް ކުރިމަތިލާ މީހުންނަކީ ނާސިންގެ ރޮނގަކުން ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް ފަހެއް ނުވަތަ ހައެއްގެ ސަނަދެއް ހާސިލްކޮށްފައިވާ މީހަކަށްވާން ޖެހެ އެވެ.

އެމީހުންގެ މަސައްކަތަކީ ބަލިމީހުންނަށް ބޭނުންވާ ނާސިން ކެއާ ރާވައި ހިދުމަތް ދީ އިވެލުއޭޓްކުރުމާއި ބަލިމީހުންނަށް ބޭނުންވާ ޖިސްމާނީ އިޖްތިމާއީ އަދި ނަފްސާނީ ފަރުވާ ދިނުމުގައި ނާސިން ކެއާގެ ޕްލޭން އެހެން ސިއްހީ ޕްރޮފެޝަނަލުންނާ ގުޅިގެން އެ ޕްލޭނާ އެއްގޮތަށް ފަރުވާދިނުން ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.

ބަލިމީހުންނަށް ލިޔެދީފައި ހުންނަ ޑޮކްޓަރީ ބޭހާ އެއްގޮތަށް ފަރުވާދީ، އެ ފަރުވާއަށް ބަލިމީހާގެ ހާލަތު ބަދަލުވަމުން އަންނަ ގޮތް ބަލަމުން ގެންދިއުމާއި އޭނާއަށް ބޭނުންވާ ހާއްސަ އެހީތެރިކަމަށް އެހެން ސިއްހީ ޕްރޮފެޝަނަލުންގެ ހިދުމަތް ބޭނުންވާ ހާލަތްތަކުގައި އެކަންތައްތައް ފެސިލޭޓްކޮށްދޭން ޖެހެ އެވެ. ބަލިމީހާގެ ސިއްހީ މައުލޫމާތާއި ދެވުނު ބޭސްފަރުވާގެ މައުލޫމާތު ރެކޯޑްކުރާ ނިޒާމުގައި ލިޔެ އަޕްޑޭޓްކުރުމަކީ ވެސް އެ މީހުންގެ ޒިންމާއެކެވެ.

މަގާމަށް ޝައުގުވެރިވާ މީހުން އެކަމަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް އަންނަ ބުދަ ދުވަހުގެ މެންދުރު، 1:00 ގެ ކުރިން [email protected] އަށް މެއިލް ކުރަންޖެހެ އެވެ. އެ މަގާމަށް މީހުން ހޮވުމަށް އިންޓަވިއު އޮންނާނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން 24 އޮކްޓޫބަރުގެ ނިޔަލަށް ކަމަށް ވެސް އައިޖީއެމްއެޗުން ބުންޏެވެ.