Roadha Mihaaru
މާވިން އާއި ލަމްހާގެ ނާސިން ލައިސަންސް ބާތިލްކޮށްފި

މަރުގެ ދައުވާ ލިބޭ މާވިން އާއި ލަމްހާގެ ނާސިން ލައިސަންސް ބާތިލްކޮށްފި

30 ޖެނުއަރީ 2022

އައިޖީއެމްއެޗުގައި މަސައްކަތް ކުރަމުންދިޔަ ފިލިޕީންސްގެ ނަރުސް މޭރީ ގްރޭސް އޮނެޑް ޕިނެޑާ (މޭރީ) މަރުގެ މައްސަލައިގައި ހައްޔަރުކޮށް ދައުވާ އުފުލާފައިވާ އޭނާގެ ފިރިމީހާ މާވިން އެސްވައި ވާގަސް އާއި މަރުގެ މައްސަލާގައި ހިމެނޭ މާވިންގެ ލޯބިވެރިޔާ ހަލީމަތު ލަމްހާގެ ނަރުސް ކަމުގެ ހުއްދަ، މޯލްޑިވްސް ނާސިން އެންޑް މިޑްވައިފަރީ ކައުންސިލުން މިއަދު ބާތިލުކޮށްފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އައިޖީއެމްއެޗުގައި މަސައްކަތް ކުރަމުންދިޔަ ފިލިޕީންސްގެ ނަރުސް މޭރީ ގްރޭސް އޮނެޑް ޕިނެޑާ (މޭރީ) މަރުގެ މައްސަލައިގައި ހައްޔަރުކޮށް ދައުވާ އުފުލާފައިވާ އޭނާގެ ފިރިމީހާ މާވިން އެސްވައި ވާގަސް އާއި މަރުގެ މައްސަލާގައި ހިމެނޭ މާވިންގެ ލޯބިވެރިޔާ ހަލީމަތު ލަމްހާގެ ނަރުސް ކަމުގެ ހުއްދަ، މޯލްޑިވްސް ނާސިން އެންޑް މިޑްވައިފަރީ ކައުންސިލުން މިއަދު ބާތިލުކޮށްފި އެވެ.

އެ ކައުންސިލުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އައިޖީއެމްއެޗުގެ އިމަޖަންސީ ރޫމުގައި މަސައްކަތްކުރަމުން އައި މާވިން އާއި ލަމްހާގެ މައްޗަށް މި މަހުގެ ހަތަރު ވަނަ ދުވަހު ދައުވާ އުފުލާފައިވާކަން ކައުންސިލަށް އަންގާފައިވާ ކަމަށެވެ.

އެހެންވެ ދެ މީހުންގެ ނަރުސް ކަމުގެ ހުއްދަ އަދި ރަޖިސްޓްރީ ބާތިލުކޮށް އެ ކައުންސިލްގެ ނަރުހުންގެ ދަފްތަރުން ނަން ދާއިމީކޮށް އުނިކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.

އެނގިހުރެ މީހަކު މެރުމުގެ ދައުވާ މާވިންގެ މައްޗަށް ކުރަނީ އޮކްޓޫބަރު 19، 2021 ދުވަހުގެ 12:00 އާއި 12:49 އާ ދެމެދުގެ ވަގުތެއްގައި، އޭނާ ދިރިއުޅުނު މއ. އުދުހޭކޮކާގޭގެ ފުރަތަމަ ފަންގިފިލާގެ ތެރޭގައި މޭރީގެ ބޮލާއި ކަރަށް ހަމަލާދީގެންނާއި ނޭވާ ހާސްކޮށްގެން މަރާލާފައި ވާތީ އެވެ. މި ކުށުގެ އަސާސީ އަދަބަކީ 10 އަހަރަށް ޖަލަށް ލުމެވެ.

މާވިންގެ ލޯބިވެރިޔާ ލަމްހާ އަށް ކުރާ ދައުވާތަކަކީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރުހިންގުމާއި ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމެވެ.

އޭގެ ތެރެއިން އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ އަސާސީ އަދަބަކީ ހަ އަހަރަށް ޖަލަށް ލުމެވެ. މި ދައުވާކުރަނީ މޭރީ މަރާލުމުގައި އެހީތެރިވެދީފައި ވާތީ އާއި މޭރީ މަރާލުމަށް ރޭވި ރޭވުމުގައި ބައިވެރިވެ، މޭރީ މަރާލުމުގެ އަމަލު ހިންގުމަށް މާވިން އަށް އޭނާ މަގުފަހިކޮށްދީފައި ވާތީ އެވެ.

ލަމްހާ އުޅުނު ގެ ފާސްކުރިއިރު، އެ ގޭގައި އޭނާ ދިރިއުޅޭ ކޮޓަރީ ތެރެއިން ފެނުނު ސިޓީ އުރައެއްގެ ތެރެއިން، އައިޖީއެމްއެޗްގެ ހުއްދައަކާ ނުލައި އެ ހޮސްޕިޓަލުން މީނާ ނަގާފައިވާ، ހޮސްޕިޓަލުން ބޭރަށް ގެންދިއުން މަނާ، އަދި ހޮސްޕިޓަލުގެ ބޭނުމަށް އެކަނި ދޫކުރެވޭ އިންޖެކްޝަންތަކެއް ފެނިފައިވެ އެވެ.

އައިޖީއެމްއެޗްގެ ޑައިލިސިސް ޔުނިޓްގައި މަސައްކަތްކުރާ މޭރީ ދަންޖެހިގެން މަރުވީ ޑިއުޓީގައި ހުރެފައި ގެޔަށް ދިއުމަށް ފަހު ކަމަށް މާވިން ވަނީ ބުނެފަ އެވެ. ނަމަވެސް ދަންޖެހިގެން މަރުވެފައި އޮންނަ މީހެއްގެ ހަށިގަނޑުން ފެންނަ ފަދަ ނިޝާންތަކެއް މޭރީގެ ހަށިގަނޑުގައި ނެތުމުން ތަހުގީގު ފުޅާކޮށް ހަށިގަނޑުގެ ޕޯސްޓް މޯޓަމް ހެދުމުން، މޭރީ މަރުވެފައި ވަނީ ބޮލަށް ދީފައިވާ ބޮޑު އަނިޔާއަކުންކަން ފަހުން އެނގުނެވެ.