Roadha Mihaaru
ކޮވިޑް ޖެހުނު ހަތް އަހަރުގެ ކުއްޖަކު ވެންޓިލޭޓަރުގައި

ކޮވިޑް ޖެހިގެން ހަތް އަހަރުގެ ކުއްޖަކަށް ވެންޓިލޭޓަރުގައި ފަރުވާ ދޭން ފަށައިފި

28 މެއި 2021

ކިޑްނީ ބައްޔަށް ބޭސް ކުރަން މާލެ އައިތަނުން، ހަތް އަހަރުގެ ކުއްޖަކަށް ކޮވިޑް-19 ޖެހި، ހާލު ދެރަވެގެން ވެންޓިލޭޓަރުގައި ފަރުވާ ދޭން ފަށައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ކިޑްނީ ބައްޔަށް ބޭސް ކުރަން މާލެ އައިތަނުން، ހަތް އަހަރުގެ ކުއްޖަކަށް ކޮވިޑް-19 ޖެހި، ހާލު ދެރަވެގެން ވެންޓިލޭޓަރުގައި ފަރުވާ ދޭން ފަށައިފި އެވެ.

މިއީ ކޮވިޑް ޖެހިގެން ރާއްޖޭގައި މިހާ ކުޑަ ކުއްޖެއްގެ ހާލު ސީރިއަސްވި ފުރަތަމަ ފަހަރެވެ.

ތ. ވިލުފުށީގެ އެ އަންހެން ކުއްޖާގެ ބައްޕަ، "މިހާރު"އަށް ބުނީ، އޭނާގެ ދަރިފުޅަކީ އެންމެ ތުއްތު އިރުއްސުރެ، ކިޑްނީ ބައްޔަކަށް ފަރުވާ ކުރަމުންދާ ކުއްޖެއް ކަމަށެވެ. ރަށުން އެންމެ ރަނގަޅު ފަރުވާ ނުލިބޭތީ، ކޮންމެ މަހަކު އެއް ފަހަރު ވެސް ދަރިފުޅު ގޮވައިގެން މާލެ އަންނަން ޖެހޭ ކަމަށާއި އެކަމަކު ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން އެކަން ގަވައިދުން ނުކުރެވޭ ކަމަށް ބުންޏެވެ.

ކޮވިޑާ ހެދި މިހާރު އޭނާ ދަރިފުޅު ގޮވައިގެން ޑޮކްޓަރަށް ދައްކަން މާލެ އަންނަނީ ކޮންމެ ތިން މަހަކުންނެވެ.

"މި ފަހަރު ވެސް މާލެ ނާދެވި އުޅެނިކޮށް ދަރިފުޅު ބަލިވާން ފެށީ. އެހެންވެ، އިތުރު ގޮތެއް ނެތިގެން މާލެެ މި އައީ ވެސް،" ކުޑަކުއްޖާގެ ބައްޕަ ކިޔައިދިނެވެ.

އޭނާ ބުނިގޮތުގައި ދަރިފުޅު ގޮވައިގެން މާލެ އައިތާ ހަތަރު ވަނަ ދުވަހު އެ ކުއްޖާ އަށް ކޮވިޑް ޖެހުނެވެ. އެކަމަކު ހާލު ސީރިއަސްވާން ފެށީ ބަލި ޖެހުނުތާ 10 ވަރަކަށް ދުވަސް ފަހުން ކަމަށް ބުންޏެވެ.

ހާލު ދެރަވެ، ކުޑަކުއްޖާ ވެންޓިލޭޓަރަށް ލީ ރޭގަ އެވެ. އަދި އޭނާގެ ހާލަތަކަށް ބަދަލެއް ނާދެ އެވެ.

ކިޑްނީ ބަލި ފަދަ ބަލިތައް ޖެހިފައިވާ މީހުންނަށް ކޮވިޑްގެ ނުރައްކާ ވަރަށް ބޮޑެވެ. ރާއްޖޭގައި މިހާތަނަށް ބަލީގައި މަރުވި މީހުންގެ ތެރެއިން، ގިނަ މީހުންނަކީ މި ފަދަ ބައްޔެއް ތަހައްމަލު ކުރި މީހުންނެވެ.

ރާއްޖޭގައި މިހާތަނަށް ގިނަ އަދަދެއްގެ ކުޑަކުދިންނަށް ވަނީ ކޮވިޑް ޖެހިފަ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އިއްޔެ ބުނިގޮތުގައި އުމުރުން 10 އަހަރުން ދަށުގެ 5،131 ކުއްޖަކަށް މި އަހަރުގެ މިހާތަނަށް ވަނީ ކޮވިޑް ޖެހިފަ އެވެ. އެ އިދާރާ އިން ބުނީ، މިދިޔަ ޖެނުއަރީ މަހުންް ފެށިގެން ކޮންމެ ދުވަހަކު ވެސް އުމުރުން 10 އަހަރުން ދަށުގެ 52 ކުއްޖަކު ކޮވިޑަށް ޕޮޒިޓިވްވާ ކަމަށެވެ.