Roadha Mihaaru
އިހާނެތި ބަސްތައް ބުނިކަމުގެ ބޮޑު ތުހުމަތެއް އާޓެޓާއަށް

އިހާނެތި ބަސްތައް ބުނިކަމުގެ ތުހުމަތާ އެކު އާޓެޓާ ހޫނުފެނަށް، ކާމިޔާބުގެ ވާހަކަ ވެސް ފަނޑުވެއްޖެ

13 މާޗް 2024

ލަންޑަން (މާޗް 13) - ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލަށް ދިއުމަށް ކުރި 14 އަހަރުގެ ދިގު އިންތިޒާރަށް ފޮނި ނިމުމެއް ގެނެވުނަސް، ކޯޗު މިކަލް އާޓެޓާ އަށް އަމާޒުވި ބޮޑު ތުހުމަތާ އެކު ކާމިޔާބުގެ ވާހަކަތައް ފަނޑު ވެއްޖެ އެވެ.

ލަންޑަން (މާޗް 13) - ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލަށް ދިއުމަށް ކުރި 14 އަހަރުގެ ދިގު އިންތިޒާރަށް ފޮނި ނިމުމެއް ގެނެވުނަސް، ކޯޗު މިކަލް އާޓެޓާ އަށް އަމާޒުވި ބޮޑު ތުހުމަތާ އެކު ކާމިޔާބުގެ ވާހަކަތައް ފަނޑު ވެއްޖެ އެވެ.

ލަންޑަނުގެ އެމިރޭޓްސް ސްޓޭޑިއަމްގައި ޕޯޓޯއާ ދެކޮޅަށް ޕެނަލްޓީ ޖަހައިގެން އާސެނަލް މޮޅުވެ އުފާވެރިކަން ލިބުނެވެ. އެކަމަކު ޕޯޓގެ ކޯޗު ސާޖިއޯ ކޮންސެސާއޯގެ އާއިލާ އަށް ބޭއިހްތިރާމްގެ ބަސްތަކެއް ބޭނުން ކުރި ކަމުގެ ތުހުމަތުގައި އާޓެޓާ ހޫނެ ފެނަނަށް ވެއްޓުނެވެ.

ޕެނަލްޓީގައި 4-2 ން މޮޅުވި މެޗަށް ފަހު އާޓެޓާ އާއި ކޮންސެސާއޯ ސަލާންކޮށް ވާހަކަ ދެއްކި މަންޒަރު ފެނުނެވެ. މެޗަށް ފަހު އޮތް ޕްރެސް ކޮންފަރެންސްގައި ކޮންސެސާއޯ ބުނީ، އޭނާގެ އާއިލާ އަށް ނިސްބަތްކޮށް އާޓެޓާ ބޭއިހްތިރާމްގެ ބަސްތަކެއް ބޭނުން ކުރި ކަމަށެވެ.

"މެޗުގެ ތެރެއިން ވެސް އަދި ބެންޗާ ދިމާލަށް އެނބުރި ހުރެގެން ވެސް ... މިއީ ސްޕޭނުގެ ކޯޗުންނާ ގުޅުން ހުރި ކަމެއް ކަންނޭނގެ، އޭނާ އަހަރެންގެ އާއިލާ އަށް އިހާނެތިކޮށް ވާހަކަ ދެއްކި،" ޕްރެސް ކޮންފަރެންސްގައި ކޮންސެސާއޯ ބުންޏެވެ.

"ދެން މެޗު ނިމުނު ފަހުން އަހަރެން އޭނާ އަށް ބުނިން، އޭނާ އިހާނެތިކޮށް ހިތި މީހުންނަކީ އަހަރެމެން ދެ މީހުންގެ ދެމެދުގައި ތިބި ބައެއް ނޫނޭ. އޭނާ ސަމާލުކަން ދޭންވީ އޭނާ ޓީމު ތަމްރީނު ކުރުމަށް އެ ކުޅުންތެރިންގެ ކިބައިގައި ފަރުދީ ގޮތުން [އިންޑަވިޖުއަލް] ވަރަށް ގިނަ ސިފަތަކެއް އެބަހުރި."

ކޮންސެސާއޯގެ ތުހުމަތުތަކާ ގުޅިގެން، ނޫސްވެރިން އާޓެޓާއާ ސުވާލު ކުރުމުން، އެކަމާ ބެހޭގޮތުން ވާހަކަ ދައްކަން ވެސް އޭނާ ބޭނުމެއް ނުވި އެވެ.

"ދޭނެ ޖަވާބެއް ނެތް،" އާޓެޓާ ބުންޏެވެ.

މި ދެ ޓީމު ޕޯޓޯގައި ކުޅުނު ފުރަތަމަ ލެގް އެ ޓީމުން ކާމިޔާބު ކުރީ 1-0 ންނެވެ. ރޭ ލަންޑަނުގައި އާސެނަލް 1-0 ން މޮޅުވުމުން އެގްރިގޭޓް ނަތީޖާއިން އެއްވަރުވި އެވެ. އިތުރު ވަގުތުގެ ދެ ހާފުގެ ކުޅެގެން ވެސް ނަތީޖާ އަށް ބަދަލެއް ނައުމުން، ޕެނަލްޓީގައި އާސެނަލް ކާމިޔާބު ހޯދި އެވެ.

ޕެނަލްޓީ ޝޫޓްއައުޓް އާސެނަލްގެ ތަރި އަކަށްވީ ކީޕަރު ޑޭވިޑް ރަޔާ އެވެ. ޕޯޓޯގެ ފަހު ޕެންލަޓީ ވެންޑަސަން ގަލޭނޯ ފޮނުވާލުމުން ރާޔާ ހުއްޓުވި އެވެ.

ޗެމްޕިއަންސް ލީގެ ކުއާޓާ ފައިނަލުގައި އާސެނަލް އެންމެ ފަހުން ކުޅެފައި ވަނީ 2010 ގަ އެވެ. މިއީ އޭގެ ފަހުން އެ ޓީމު ކުއާޓާ އަށް ދިޔަ ފުރަތަމަ ފަހަރެވެ. އެކަމަކު ކާމިޔާބުގެ ވާހަކަތައް ފަނޑުވީ، އާޓެޓާ އަށް އަމާޒުވި ބޮޑު ތުހުމަތުގެ ސަބަބުންނެވެ.