Roadha Mihaaru
ޕެރޭޒްގެ ހެޓްރިކުން އާސެނަލަށް ގްރޫޕްގެ އެއް ވަނަ

ޕެރޭޒްގެ ހެޓްރިކުން މޮޅުވެ އާސެނަލަށް ގްރޫޕްގެ އެއް ވަނަ

07 ޑިސެމްބަރ 2016

ބަސެލް، ސްވިޒަލެންޑް (ޑިސެމްބަރު 7) - ޗެމްޕިއަންސް ލީގުގައި ރޭ ލޫކަސް ޕެރޭޒް ހެދި ހެޓްރިކާ އެކު 4-1 އިން ބަސެލް ބަލިކޮށް އާސެނަލް ގްރޫޕް އޭގެ އެއް ވަނަ ހޯދައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ބަސެލް، ސްވިޒަލެންޑް (ޑިސެމްބަރު 7) - ޗެމްޕިއަންސް ލީގުގައި ރޭ ލޫކަސް ޕެރޭޒް ހެދި ހެޓްރިކާ އެކު 4-1 އިން ބަސެލް ބަލިކޮށް އާސެނަލް ގްރޫޕް އޭގެ އެއް ވަނަ ހޯދައިފި އެވެ.

އާސެނަލަށް އެއް ވަނަ ލިބުނީ ރޭ ޕީއެސްޖީ ކުޅުނު މެޗުން އަމިއްލަ ދަނޑުގައި ބަލްގޭރިއާގެ ލުޑޮގޮރެޓްސް ރަޒްގާޑާ 2-2 އިން އެއްވަރުވުމުންނެވެ. ގްރޫޕް އޭގެ މެޗުތައް ނިމުނުއިރު އާސެނަލަށް އެއް ވަނަ ލިބުނީ 14 ޕޮއިންޓާ އެކު އެވެ. ޕީއެސްޖީ އަށް 12 ޕޮއިންޓާ އެކު ދެ ވަނަ ލިބުނުއިރު، ލުޑޮގޮރެޓްސް އަށް ތިން ވަނަ ލިބުނީ ތިން ޕޮއިންޓާ އެކު އެވެ. އެންމެ ފުލުގައި އޮތް ބަސެލް މުބާރާތް ނިންމާލީ ދެ ޕޮއިންޓާ އެކު އެވެ. ލުޑޮގޮރެޓްސް އަށް ވަނީ ތިން ވަނަ ޓީމުގެ ގޮތުން ޔުރޮޕާ ލީގުން ފުރުސަތު ލިބިފަ އެވެ.

މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ސްޕެއިނުގެ ޑިޕޯޓިވޯ ދޫކޮށް އާސެނަލަށް ބަދަލުވި ޕެރޭޒް ވަނީ ރޭގެ މެޗުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. އޭނާގެ އިތުރުން އާސެނަލްގެ އަނެއް ލަނޑު ކާމިޔާބުކުރީ ޒުވާން ފޯވާޑް އަލެކްސް އިވޯބީ އެވެ. ބަސެލްގެ ހަމައެކަނި ލަނޑު ކާމިޔާބުކުރީ ކުރިން ނިއުކާސަލް ޔުނައިޓެޑަށް ކުޅުނު ސޭޑޫ ޑޮމްބިއާ އެވެ.

"މިއީ މި މުބާރާތުގައި އަހަރެމެންނަށް ލިބުނު ބޮޑު ކުރިއެރުމެއް. ގްރޫޕްގެ އެއް ވަނަ މި ލިބުނީ ވަރަށް ގިނަ އަހަރުތަކެއް ފަހުން. މިއީ ކާމިޔާބު ސީޒަނަކަށް ހެދޭނެ ކަމުގެ އުއްމީދު ބޮޑު،" ރޭގެ މެޗަށް ފަހު އާސެނަލްގެ ކޯޗު އާސެން ވެންގާ ބުންޏެވެ.

ރޭގެ މެޗުން މޮޅުވެ އާސެނަލުން ވަނީ 11 އަހަރުތެރޭ ފުރަތަމަ ފަހަރަށް މެޗަކުން ބަލިނުވެ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖް ނިންމާލައިފަ އެވެ.

ބަޔާން މިއުނިކުގެ އަލްސަންޓްރާ (ވ) އާއި އެތުލެޓިކޯ މެޑްރިޑުގެ ކޯކޭ ބޯޅައަށް މަސައްކަތްކުރަނީ. --ފޮޓޯ: އޭއެފްޕީ

ބަޔާން މިއުނިކުގެ އަލްސަންޓްރާ (ވ) އާއި އެތުލެޓިކޯ މެޑްރިޑުގެ ކޯކޭ ބޯޅައަށް މަސައްކަތްކުރަނީ. --ފޮޓޯ: އޭއެފްޕީ

ޕީއެސްޖީ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ލަނޑު ޖެހީ ލުޑޮގޮރެޓްސް އިންނެވެ. އެ ޓީމަށް ލީޑުނަގައިދިނީ ވާޖިލް މިސިޖަން އެވެ. ޕީއެސްޖީ އަށް އެޑިސަން ކަވާނީ އެއްވަރުކޮށްދިން ނަމަވެސް ދެ ވަނަ ފަހަރަށް ލުޑޮގޮރެޓްސް އިން ލީޑުނެގީ ވެންޑަސަން އެވެ. ޕީއެސްޖީ ބަލިނުވެ ސަލާމަތްކޮށްދިން ލަނޑު މެޗުގެ އިތުރު ވަގުތުގައި ކާމިޔާބުކުރީ އެންހެލް ޑި މާރިއާ އެވެ.

ރޭ ގްރޫޕް ޑީ ގައި ބަޔާން މިއުނިކާއި އެތުލެޓިކޯ މެޑްރިޑް ވާދަކުރިއިރު ގްރޫޕުގެ އެއް ވަނަ ޓީމުގެ ގޮތުގައި އެތުލެޓިކޯ މެޑްރިޑް އޮތީ މުބާރާތުގެ ދެ ވަނަ ބުރުން ޖާގަ ހޯދައިފަ އެވެ. އެހެން ނަމަވެސް އެ ޓީމު ނުކުތީ 100 ޕަސެންޓް ރެކޯޑަކާ އެކީ ދެ ވަނަ ބުރަށް ދިއުމުގެ އަޒުމުގަ އެވެ. އެކަމަކު ބަޔާނުން ވަނީ 1-0 އިން އެތުލެޓިކޯ ބަލިކޮށް އެ ޓީމަށް ރެކޯޑް ހެދިޔަނުދީ ހުއްޓުވައިފަ އެވެ.

އެތުލެޓިކޯ ގްރޫޕްގެ އެއް ވަނަ ހޯދީ 15 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި ނިންމާލި ބަޔާނަށް ލިބުނީ 12 ޕޮއިންޓެވެ. މި ގްރޫޕްގެ އަނެއް މެޗުން ޕީއެސްވީ އާއި އެފްސީ ރޮސްޓޯވް ލަނޑެއް ނުޖެހި އެއްވަރުވިއިރު، ރޮސްޓޯވް ތިން ވަނަ ދިޔައީ ފަސް ޕޮއިންޓާ އެކު އެވެ. އެންމެ ފުލަށް ދިޔަ ޕީއެސްވީ އަށް ލިބުނީ ދެ ޕޮއިންޓެވެ.

އެތުލެޓިކޯ ކޮޅަށް ބަޔާންގެ ހަމައެކަނި ލަނޑު ޖެހީ ޕޮލެންޑްގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީ އެވެ. މި މޮޅާ އެކު ބަޔާން ވަނީ ޗެމްޕިއަންސް ލީގުގައި އަމިއްލަ ދަނޑުގައި ޖެހިޖެހިގެން 15 މޮޅު ހަމަކޮށްފަ އެވެ.