Roadha Mihaaru
ބީއޭއެމްގެ އިންތިހާބު މަޑުޖައްސާލަން ތޮލާލް އަންގަވައިފި

ބެޑްމިންޓަންގެ އިންތިހާބު މަޑުޖައްސާލަން ތޮލާލް އަންގަވައިފި

13 މާޗް 2024

ބެޑްމިންޓަން އެސޯސިއޭޝަންގެ އިންތިހާބު މަސައްކަތް ކުރިއަށް ނުގެންދަން، ސްޕޯޓްސް ކޮމިޝަނަރު މުހައްމަދު ތޮލާލް ދެވަނަ ފަހަރަށް އަންގަވައިފި އެވެ.

ބެޑްމިންޓަން އެސޯސިއޭޝަންގެ އިންތިހާބު މަސައްކަތް ކުރިއަށް ނުގެންދަން، ސްޕޯޓްސް ކޮމިޝަނަރު މުހައްމަދު ތޮލާލް ދެވަނަ ފަހަރަށް އަންގަވައިފި އެވެ.

ތޮލާލް މިއަދު ވިދާޅުވީ، އިންތިހާބު އިއުލާން ކުރުމުގެ ކުރިން ވެސް އެ އެސޯސިއޭޝަނަށް އިންތިހާބީ މަސައްކަތް ކުރިއަށް ނުގެންދަން އެންގެވި ކަމަށެވެ.

"އިންތިހާބަށް އިއުލާން ކުރުމުގެ ކުރިން ވެސް އޮންނާނީ ސިޓީއަކުން ދަންނަވާފަ، އެސޯސިއޭޝަންގެ ހިންގާ ގަވާއިދުގައި އިސްޅާޙު ކުރަން ހުރި ބައެއް ކަންކަން ހުރުމާއި، އަދި ބައެއް އިތުރު ކަންކަމުގައި ކުލަބުތަކާއި ކުޅުންތެރިންގެ ޝަކުވާ ލިބެމުންދާތީ، އެ ޝަކުވާތައް ބެލުމަށާއި، އަދި އިންތިޚާބަށް އިޢުލާނުކުރުމުގެ ކުރިން ޤަވާއިދުގައި އިސްލާޙު ކުރަން ހުރި ކަންކަން އިސްލާހު ކުރުމަށް. އެހެން އޮއްވައި އިއްޔެ އިންތިހާބަށް އިއުލާން ކުރުމުން އަނެއްކާ މިއަދު އެންގުމެއްގެ ގޮތުގައި މި އެންގީ،" ތޮލާލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބެޑްމިންޓަން އެސޯސިއޭޝަނުގެ އިންތިހާބުގައި ވޯޓް ދޭ ޑިވެލޮޕްމެންޓް ސެންޓަރު (ބީޑީސީ) ގެ ވޯޓާ މެދު އާންމުނާއި ބައެއް ކުޅުންތެރިންގެ ފަރާތުން ވެސް ޝަކުވާ ހުށަހަޅައިފައިވާ ކަމަށެވެ. އެކަން ބެލުމަށް ފަހު އިސްލާހު ކުރުމަށް އަންގައި ސިޓީއެއް ފޮނުއްވި ކަމަށް ތޮލާލް ވިދާޅުވި އެވެ.

"ބީޑީސީއަކީ ފޯކަލް ޕޮއިންޓެއްގެ ގޮތުގައި އަތޮޅުތަކުގައި އުފިދިގެން އައި ބައެއް. އެކަމަކު ބީޑީސީތަކުން އައިސް އިންތިހާބުގައި ވޯޓް ދޭއިރު އެއީ ސްޕޯޓްސް ކޮމިޝަނާގެ އޮފީހުގައި ރަޖިސްޓަރީކޮށްފައިވާ ކޮމިޓީތަކެއްވެސް ނޫން،" އޭނާ ވިދާޅުވި އެވެ.

"ދެން އަޅުގަނޑުމެން ސިޓީ ފޮނުވީމަ ބެޑްމިންޓަން އެސޯސިއޭޝަނުން ސިޓީއަކުން އަންގަފައި ވަނީ ބީޑީސީ ތަކުން ކޮންގްރެސް ގައި ވޯޓު ދެވޭ ގޮތަށް ހަމަޖައްސާފައިވަނީ ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަނާއި، ބެޑްމިންޓަން އޭޝިއާ ކައުންސިލްގައި ރަޖިސްޓްރީވެފައިވާ މެންބަރުން ވެސް ވޯޓު ދެވޭ ގޮތަށް އޮންނަ އުސޫލަށް ބަލައިގެން ކަމަށް، އެހެންނަމަވެސް ސަރަޙައްދީ އަދި ވާލްޑް ފެޑެރޭޝަންގައި ރަޖިސްޓްރީވެފައިވާ ޤައުމުތަކުން ވޯޓު ދެވޭ ގޮތާއި ވޯޓު ދެވޭ ޢަދަދާއި އަދި ވޯޓު ދެވޭ އުސޫލުތައްވެސް ބަލާ އޮޅުންފިލުވިއިރު، އެއީ އެކަން އޮންނަ ގޮތް ނޫންކަން ވަރަށް ބޮޑަށް ހާމަވޭ."

އޭނާ ވިދާޅުވީ، މިދިޔަ ހަތަރު އަހަރު ހިސާބުތައް އޮޑިޓްކޮށް މާލީ ތަފުސީލުތައް އެ އެސޯސިއޭޝަނުން ފޮނުވި އިރު އެ ރިޕޯޓްތައް އޯޑިޓްގެ މިންގަނޑަށް ނުފެތޭކަންވެސް ފާހަގަ ވެފައިވާ ކަމަށެވެ.

ބެޑްމިންޓަން އެސޯސިއޭޝިއޭޝަނުން އިއުލާން ކުރީ މި މަހު 22 ގައި އިންތިހާބު އައްޑޫ އިކްއެޓޯރިއަލް ވިލެޖްގައި ބޭއްވުމަށެވެ. އަދި ކުރިމަތިލުމުގެ ފުރުސަތު މި އަންނަ އާދިއްތަ ދުވަހަށް އޮތީ އިއުލާންކޮށްފަ އެވެ.