Roadha Mihaaru
ހިންގާގަވާއިދު އިސްލާހުކުރަން ބީއޭއެމަށް އަންގައިފި

އިންތިހާބުގެ ކުރިން ހިންގާގަވާއިދު އިސްލާހް ކުރަން ބީއޭއެމަށް އަންގައިފި

19 މާޗް 2024

ބެޑްމިންޓަން އެސޯސިއޭޝަންގެ އިންތިހާބުގެ ކުރިން ހިންގާގަވާއިދު އިސްލާހު ކުރަން، ސްޕޯޓްސް ކޮމިޝަނާ މުހައްމަދު ތޮލާލް، އެ އެސޯސިއޭޝަނަށް އިއްޔެ އަންގައިފި އެވެ.

ބެޑްމިންޓަން އެސޯސިއޭޝަންގެ އިންތިހާބުގެ ކުރިން ހިންގާގަވާއިދު އިސްލާހު ކުރަން، ސްޕޯޓްސް ކޮމިޝަނާ މުހައްމަދު ތޮލާލް، އެ އެސޯސިއޭޝަނަށް އިއްޔެ އަންގައިފި އެވެ.

ތޮލާލް، އިއްޔެ ވަނީ ބެޑްމިންޓަން އެސޯސިއޭޝަންގެ އިިސް ބޭފުޅުންނާ ބައްދަލުކޮށްފަ އެވެ. އޭނާ ވިދާޅުވީ އިންތިހާބު ޖަލްސާގެ ކުރިން ހިންގާގަވާއިދު ބަދަލުތައް ގެނެސް ދިނުމަށް އެދިފައިވާނެ ކަމަށެވެ.

"އަދި މިކަމުގައި (ބެޑްމިންޓަންގެ) އިންޓަނޭޝަނަލް ފެޑެރޭޝަންގެ ރައުޔު ހޯދުމުގައި އެމްއޯސީ [އޮލިމްޕިކް ކޮމިޓީ] ގެ އެހީތެރިކަމަށް ވެސް އެދޭ ގޮތަށް މިއަދު [އިއްޔެ] މީޓިންގައި ވާހަކަ ދެކެވި އެއްބަސްވުމަކަށް އާދެވިފައި ވާނެ،" ތޮލާލް ވިދާޅުވި އެވެ.

މިއީ، ބީއޭއެމްގެ ހިންގާގާވާއިދާ ގުލޭ ގޮތުން އެ އެސޯސިއޭޝިއާނާ އެކު ތޮލާލް ބޭއްވި ފުރަތަމަ ބައްދަލުވުމެވެ. އެކަމަކު މިއީ އެކަން އެ އެސޯސިއޭޝަނަށް އެންގެވި ތިންވަނަ ފަހަރެވެ. އިންތިހާބަށް އިއުލާން ކުރުމުގެ ކުރިން ވެސް އޭނާ ވނީ ހުރި ކަންބޮޑުވުންތައް ހައްލުކޮށްފައި މެނުވީ އިންތިހާބު ނުބޭއްވުމަށް އެދިފަ އެވެ. އެކަމަކު އެ ސިޓީ އަށް އިޖާބަ ނުދީ އިންތިހާބު، މި މަހު 22 ގައި ބޭއްވުމަށް އިއުލާން ކުރި އެވެ. އިންތިހާބު އިއުލާން ކުރި ފަހުން ވެސް އޭނާ ވަނީ އިންތިހާބުގެ ކަންކަން މަޑުޖައްސާލުމަށް އަންގައިފަ އެވެ.

ހިންގާގަވާއިދަށް ގެންނަ އެންމެ ބޮޑު ބަދަލަކީ ބީޑީސީގެ ވޯޓް ދޭ ގޮތް

ބެޑްމިންޓަނުން، އިންތިހާބަށް އިއުލާން ކުރުމަށް ފަހު، މިދިޔަ އާދިއްތަ ދުވަހު ވަނީ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހަޅަން އިއުލާން ކޮށްފަ އެވެ. އެ ލިސްޓްގައިވާ ގޮތުން އަތޮޅުތެރޭގެ ބައެއް ސަރަހައްދުތަކުގައި ހަދާފައިވާ ބެޑްމިންޓަން ޑިވެލޮޕްމެންޓް ސެންޓަރު (ބީޑީސީ) ތަކުން 100 އަށް ވުރެ ގިނަ ވޯޓް ދެ އެވެ. ބީޑީސީގައި ކިތަންމެ ގިނަ މެންބަރުންނެއް ތިބި ނަމަވެސް އެ މެންބަރުންގެ ނަމުގައި މަންދޫބަކު އައިސް އެ އަދަދަށް ވޯޓް ދެ އެވެ.

ހިންގާ ގަވާއިދަށް ގެންނަން، ކޮމިޝަނާ ފާހަގަކޮށްދެއްވާފައި ވާ އެންމެ ބޮޑު ބަދަލަކީ އެ އުސޫލަށް ބަދަލު ގެނައުމަށެވެ. ބީޑީސީ ތަކަކީ ސްޕޯޓްސް ކޮމިޝަނާގެ އޮފީހުގައި ރަޖިސްޓަރީކޮށްަފައިވާ ކޮމިޓީތަކެއް ނޫނެވެ.

"ކޮންމެ ފަރާތަކުން އާންމު ޖަލްސާގައި ލާން ޖެހޭނީ އެއް ވޯޓް ކަމަށާއި އަދި އިންޑަވިޖުއަލް މެންބަރުން ފިޔަވައި އެއްވެސް އެންޓިޓީ އަކުން އާންމު ޖަލްސާހައި ވޯޓް ލާނަމަ އެ އެންޓިޓީ އަކީ ސްޕޯޓްސް ކޮމިޝަނާގައި ރަޖިސްޓަރީ ވެގެން ހިންގާ އެންޓިޓީ އަކަށް ވާން ޖެހޭނެ ކަމަށް މިއަދުގެ މީޓިންގައި ވަނީ އެދިފަ،" ހިންގާ ގަވާއިދަށް ގެންނަން ލަފާ ދީފައިވާ ބަދަލުތަކާ ބެހޭގޮތުން ތޮލާލް ވިދާޅުވި އެވެ.

"ރަޖިސްޓަރީ ވުމަށް ފަހު ވެސް އެ އެންޓިޓީ އަކުން ދެވޭނީ އެއް ވޯޓް ކަމަށް ވެސް ވާހަކަ ދެކެވުނު."

މިހާރު ކަނޑައަޅާފައިވާ ތާރީހުގެ ކުރިން އިންތިހާބު ނުބޭއްވޭނަމަ ބީއޭއެމްގެ މިހާރުގެ އެކްސްކޯ މުއްދަތު ހަމަވެދާނެތީ އެކަމުގައި ދެން އަމަލު ކުރާނެ ގޮތުގެ ގާނޫނީ ލަފައެއް ހޯދުމަށް ވެސް ވާހަކަ ދެކެވުނު ކަމަށް ތޮލާލް ވިދާޅުވި އެވެ. އަދި އެކަމުގައި ވެސް އޮލިމްޕިކް ކޮމިޓީ މެދުވެރިކޮށް ދުނިޔޭގެ ބެޑްމިންޓަން ފެޑެރޭޝަން (ބީޑަބްލިއުއެފް) އިން ދެކޭ ގޮތް ހޯދުމަށް ވެސް ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސްޕޯޓްސް މިނިސްޓްރީ އާއި ސްޕޯޓްސް ކޮމިޝަނާގެ ހުރި ކަންބޮޑުވުންތައް ބީއޭއެމާ ލިޔުމުން ހިއްސާ ކުރުމަށް އެ އެސޯސިއޭޝަނުން އެދިފައި ވާ ކަމަށެވެ.