Roadha Mihaaru
ޓެލެގްރާމްގައި ކުށުގެ ނެޓްވޯކެއް ހިންގި ބަޔަކު ހައްޔަރު

ޓެލެގްރާމްގައި ހަށިވިއްކައި, ޑްރަގްގެ ބޮޑު ނެޓްވޯކެއް ހިންގި މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފި

13 މާޗް 2024

ހަށި ވިއްކުމާއި ޑްރަގާއި މަނީ ލޯންޑްރިންގެ ބޮޑު ނެޓްވޯކެއް ހިންގާ ޓެލެގްރާމް ގްރޫޕްތަކެއްގެ މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ހަށި ވިއްކުމާއި ޑްރަގާއި މަނީ ލޯންޑްރިންގެ ބޮޑު ނެޓްވޯކެއް ހިންގާ ޓެލެގްރާމް ގްރޫޕްތަކެއްގެ މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ތަފާތު ބޮޑެތި ކުށްތަކަށް އަރައިގަތުމަށް މިދިޔަ އަހަރު އޭޕްރިލް މަހުން ފެށިގެން ޓެލެގްރާމް ގްރޫޕްތަކެއް ހިންގަމުން އަންނަ މައްސަލަ ތަހުގީގުކޮށް މިދިޔަ ބުދަ ދުވަހު އުމުރުން 28 އަހަރުގެ ފިރިހެނަކާއި 39 އަހަރުގެ އަންހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އެ މީހުން ހިންގަމުން އައީ ޖަޒީރާ އެޑްމިން، ޖަޒީރާ ގާލްސް، ޖަޒީރާ އެސްކޯޓް ގެލަރީ، ޖަޒީރާ ސްކޭމް އެލާޓް އަދި ޖަޒީރާ ލިންކް ހަބަރުގެ ނަމުގައި ޓެލެގްރާމް ގްރޫޕްތަކެކެވެ.

އެ ހުރިހާ ޗެނަލްއެއް ސީޒްކޮށް ފުލުހުންގެ ބާރުގެ ދަށަށް ވަނީ ގެނެސްފަ އެވެ.

ފުލުހުން ބުނީ އެ މައްސަލާގައި ފުލުހުންގެ ސައިބާ ޕޮލިސިން ސެންޓަރުން ހިންގި އޮޕަރޭޝަނެއްގައި ހަތަރު ތަނެއް ބަލައި ފާސްކޮށް މައްސަލައާ ގުޅުން ހުރި ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށާއި އެތަކެތީގެ ފޮރެންސިކް ތަހުލީލެއްކޮށް ހެކި ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެ މައްސަލާގައި ހައްޔަރު ކުރި މީހުންގެ މައްޗަށް މަނީލޯންޑަރިން އާއި ޑްރަގް ޓްރެފިކިން އާއި ހަށިވިއްކުމާއި ހަށިވިއްކުމަށް ހިތްވަރު ދިނުމާއި އޮރިޔާން ކާޑު އުފެއްދުމާއި އޮރިޔާން ކާޑު ބެހުމުގެ ކުށަށް ތުހުމަތު ކުރެވޭ ކަމަށް ފުލުހުން ބުންޏެވެ.

އެ މީހުންގެ މާލީ މުއާމަލާތްތަކަށް ބަލާއިރު އެ މީހުން ކުރާ މަސައްކަތާއި ނުބައްދަލު ގިނަ އަދަދެއްގެ މާލީ މުއާމަލާތްތަކެއް ކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މީހުން ކޯޓަށް ހާޒިރު ކުރުމުން ފުރަތަމަ ބަންދު ޖަހާފައި ވަނީ ފަސް ދުވަހަށެވެ. އަދި އެ މުއްދަތު ހަމަވުމުން މިއަދު ކޯޓަށް ހާޒިރު ކުރުމުން 30 ދުވަހުގެ މުއްދަތަކަށް ބަންދު ކުރަން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.