Roadha Mihaaru
އިގްތިސާދީ އޮޑި ބީވިޔަ ނުދިނުމުގެ މަސައްކަތް ފެށުން

އިގްތިސާދީ އޮޑި ފުޅައިފަށުން ބީވިޔަ ނުދިނުމުގެ މަސައްކަތް ފަށަން ޖެހިފައިވަނީ އިއްޔެ އިން ފެށިގެން

15 މާޗް 2024

ގައުމުގެ އިގްތިސާދީ ހާލަތު ވަނީ ނާޒުކު ފައްތަރެއްގައި ކަމަށް ދެބަސްވާނޭ ފަރާތެއް މިއަދަކު ނެތެވެ. ވިސްނުން ދެކަފިވަނީ ޒިންމާ ނަގާނީ ކާކުކަން ކަނޑައަޅަން ޖެހޭ ހިސާބުންނެވެ.

ގައުމުގެ އިގްތިސާދީ ހާލަތު ވަނީ ނާޒުކު ފައްތަރެއްގައި ކަމަށް ދެބަސްވާނޭ ފަރާތެއް މިއަދަކު ނެތެވެ. ވިސްނުން ދެކަފިވަނީ ޒިންމާ ނަގާނީ ކާކުކަން ކަނޑައަޅަން ޖެހޭ ހިސާބުންނެވެ.

އިއްޔެ

އޮކްޓޯބަރު 2023 ގައި ވޯލްޑް ބޭންކުން ރާއްޖޭގެ އިގްތިސާދާ ބެހޭގޮތުން ނެރުނު ރިޕޯޓަށް ކިޔަނީ 'ބެޓަން ޑައުން ދަ ހެޗަސް' (ގަދަ ވަޔާއި ވިއްސާރައިގައި ލިބިދާނެ ގެއްލުމަކުން ގެދޮރު ރައްކާތެރި ކުރުމުގެ މަސައްކަތް މިހާރު ފަށާށޭ، ބުނަން ބޭނުން ކުރާ އިނގިރޭސި މަޖާޒީ ބަހެއް) އެވެ. ނަމަވެސް، އެ ދުވަހުގެ ސަރުކާރަށް ނުވެސް އެނގި ކުއްލިއަކަށް ބޯމަތިވި ރިޔާސީ އިންތިޚާބުގެ ސަބަބުންނޭ ބުނެ، ޚަރަދުކުރުން ޖެހީ މެކުހަށެވެ.

މަހުގެ އަގު ބޮޑުކޮށް، ވަޒީފާތައް އިތުރުކޮށް، ކުންފުނިތަކުގެ ދަރަނި ބޮޑުކޮށް، ސަބްސިޑީ ގުނަކޮށް، ޕްރޮޖެކްޓްތައް އިތުރު ކުރުމުގެ ސަބަބުން 6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓަށް ފާސްކުރަން އޮތީ މަޖުބޫރު ވެފައެވެ. މަޖިލިސްއަށް ހުށަހެޅި ބަޖެޓުގައި ޚަރަދު ކުޑަކުރާނޭ ކަމަށް ލިޔެފައިވާ ލިޔުންތަކާއި، އައިއެމްއެފް އަދި ވޯލްޑް ބޭންކުގެ ރިޕޯޓުތައްހުރީ ކަތުރުފަނި ކާން ދޫކޮށްފައެވެ.

މިއަދު

ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ފެށުނުއިރު ވެސް ރާއްޖޭގެ އިގްތިސާދީ ހަގީގަތްތައް ހުރީ ހާމައަށް ފެންނާށެވެ. އައިއެމްއެފް އަދި ވޯލްޑް ބޭންކް، އެމްއެމްއޭ އަދި އޮޑިޓާ ޖެނެރަލްގެ ކަންބޮޑުވުންތައް ވެސް ހުރީ ކިޔަން ބޭނުންވާ ފަރާތްތަކަށް ލިބޭ ގޮތަށް ތިލަކޮށްފައެވެ. ދައުލަތުގެ ތިޖޫރީގައި ފައިސާއެއް ނެތްކަމާއި، ހިފައިގެން ހިންދަމާ ނުލެވޭ ވަރުގެ ބޮޑެތި ދަރަނިތައް ކުރިމަތީގައި ފެންނާން ހުރުމުން ބޮޑެތި ކަންބޮޑުވުންތައް ހުރިކަމަށް ހުރިހާ ކެންޑިޑޭޓުން ފާޅުގައި ވިދާޅު ވެސް ވިއެވެ. އެއީ އިއްޔެއެވެ.

ބާޒާރުމަތީ މީހަކު އަލުވި ބަސްތާތަކެއް އުފުލަނީ.--- ފޮޓޯ: ނިޝާން އަލީ | މިހާރު

ބާޒާރުމަތީ މީހަކު އަލުވި ބަސްތާތަކެއް އުފުލަނީ.--- ފޮޓޯ: ނިޝާން އަލީ | މިހާރު

މިއަދު މިވަނީ މަޖިލިސް އިންތިޚާބުގެ އޮއިގައި ޖެހިފައެވެ. އަލުން އަޑުއިވެނީ އިތުރު ސަބްސިޑީތައް ދޭ ވާހަކަ އާއި ދައުލަތަށް ލިބެން ހުރި އާމްދަނީތަކުން ބައެއް އުނި ކުރުމުގެ ވާހަކައެވެ. ކުލި ކުޑަ ކޮށްދިނުމާއި، ކުލި ފަސްކޮށްދިނުމާއި، ކުލި ހިލޭ ކޮށްދިނުމުގެ ވާހަކައެވެ. ކައިރީ ކައިރީ ދެ ރަށުގައި އެއާޕޯޓް އެޅުމާއި، ޖެހިގެން އޮންނަ ރަށަށް ބްރިޖް އެޅުމާއި، އަތޮޅު ދެ ފަރާތުގައި އިންޓަނޭޝަނަލް އެެއާޕޯޓް ހެދުމުގެ ވާހަކައެވެ. ލަންސިމޫ ފަތު ފަންކާއިން ވިހެން ގޭ ސަރަންފީގައި ރައްޔަތު މީހާ އޮއްވާ، ހުވަންދުމާ އެޅި ސައިފަތުގެ ސަޔާއި ހުުދު މޭބިސްކަދުރާއި ފޮނުވާނޭ ކަމުގެ ވާހަކަތަކެވެ.

މީގެ އިތުރުން ބޮޑެތި ޕްރޮޖެކްޓްތައް އިއުލާނު ކުރެވެމުންދަނީ ފަޓާސްބަރިއެއް ރޯކޮށްފައި ހުރި ބީދައިންނެވެ. ކަންބޮޑުވާނެ ކަމަށް ނެތޭ ބަޖެޓުން އެއްވެސް ޚަރަދެއް ނުހިނގާނެ ބުނުމަކުން ހިތްހަމަ ޖައްސާލެވޭކަށް ނެތެވެ. ރާއްޖޭގެ މަދު އަދި އަގުބޮޑު ވަސީލަތް ކަމުގައިވާ ފަޅު، ފަރާއި ރަށްތަކަކީ، އެއްވެސް ސަރުކާރެއްގެ އަދި ކިއެއްތަ މިއަދުގެ ރައްޔަތުންގެ މުދަލެއް ވެސް ނޫނެވެ.

އެ ފަޅުތަކާއި، ފަރުތަކާއި، ރަށްތަކަކީ، އަންނާން އޮތް ޖީލުތަކުގެ ތަރިކަ މުދަލެވެ. އަޅުގަނޑުމެންގެ ދަރިންނާއި ކާފާ، މާމަ ދަރިން ވެސް ދިރިއުޅުން ބިނާކޮށް، މާދަމާގެ އިގްތިސާދު ކޮއްޅަށް ޖަހަން ޖެހޭނީ، ހަމަ އެ ވަސީލަތްތަކުގެ މައްޗަށް ބަރޯސާވެ ތިބެއެވެ. ރައްޔިތުންގެ ބަހެއް ނެތި، މާދަމާގެ ޖީލުތަކުގެ ތަރިކަ މުދާ ނީލަން ކިޔައިގެން ތަރައްގީ ގެނައުމަކީ، ދެމެހެއްޓެނިވި ވިސްނުމެއް ނޫނެވެ. މިއަދަކަށް ހައްލެއް ވެސް ނޫނެވެ.

ހައްލަކީ ކޮބާ؟

ނިމިދިޔަ ތަފާތު ގިނަ ސަރުކާރުތަކުގެ އިހުމާލުގެ ސަބަބުން، ރާއްޖެއަށް ކުރިމަތިވެފައިވާ އިގްތިސާދީ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ފެށޭނީ، ސާބިތު ކަމާއެކު އެކަމަށް ކުރިމަތިލާން ކެރުނު ދުވަހަކުންނެވެ. ހުރިހާ ކެންޑިޑޭޓުން ވެސް ކެމްޕެއިން ކުރީ އިގްތިސާދީ އުދަރެސް ބަނަ ކަމުގަޔާއި ކެރިން ސަލާމަތްވުމަށް އަވަސް ފިޔަވަޅުތަކެއް އަޅަން ވެއްޖެ ކަމުގައި ބުނަމުންނެވެ. އެއީ ހެޔޮހިތުން ދެއްކި ވާހަކައެއް ކަމުގައި ވަނީ ނަމަ، އޮޕްޝަންތައް މަދެވެ.

އޮޕްޝަން 1: ދައުލަތުގެ ޚަރަދުތައް ނުލާހިކު ބޮޑުތަނުން މަދުކުރުން

ބޭރުގެ މާހިރުންނާއި އެތެރޭގެ އަމާހިރުން، ކިތަންމެ ވަރުގަދަ އިންޒާރުތަކެއް ދީފައިވީނަމަވެސް، ދައުލަތުގެ ޚަރަދުތައް ކުޑަ ކުރުމަކީ، މިފަހުގެ ފައިނޭންސް މިނިސްޓަރުން ދަންނަ ހުނަރަކަށް ނުވެއެވެ.

ވެރިކަމަށް އައުމަށް ނަދުރުގަނެ އިދިކޮޅުގައި އޮވެގެން ވައުދާ ހިނގާއިރު، އެ ވަގުތަކު އޮތް ސަރުކާރެއްގެ ޚަރަދުބޮޑުކަމުގެ ވާހަކަ އާއި މަގާމުތައް ގިނަ ކަމުގެ ވާހަކައާއި، ބޭނުންނެތް ޕްރޮޖެކްޓް ތަކުގެ ވާހަކަ ދައްކަމުން، ހިތާމައާ އެކު ކިޔައި ކަރުނަ އަޅައި ރޮއިވެސް ހަދައެވެ. ނަމަވެސް، ރެނދަލި ކުރުމުގެ ފުރުސަތު ފަހި ވުމާއެކު، ކޮންމެ ފަހަރަކުމެ ފެންނަނީ ކުރީ ފަހަރަށް ވުރެ ކާމިޔާބުކަމާއެކު މަގާމުތަކުގެ އަދަދު ގުނަ ކުރާ ތަނާއި، ޕްރޮޖެކްޓްތައް ފުނި ޖަހަމުން، ޚަރަދުތައް އިތުރު ކުރަމުން ގެންދާ ތަނެވެ.

މާލޭގެ މަސް މާރުކޭޓަށް މަސްތަކެއް ގެންދަނީ: މަހުގެ އަގު ބޮޑުކުރީ އެއްވެސް ވިސްނުމެއް ނެތި.-- ފޮޓޯ: ނިޝާން އަލީ | މިހާރު

މާލޭގެ މަސް މާރުކޭޓަށް މަސްތަކެއް ގެންދަނީ: މަހުގެ އަގު ބޮޑުކުރީ އެއްވެސް ވިސްނުމެއް ނެތި.-- ފޮޓޯ: ނިޝާން އަލީ | މިހާރު

އޮޕްޝަން 2: ދައުލަތުގެ އާމަދަނީ އިތުރު ކުރުން

ތިމާއަކީ އަމިއްލަ ފަރުދެއް ނުވަތަ ވިޔަފާރިއެއް ނަމަވެސް، ލިބޭ އެއްޗަކުން ޚަރަދު ފޫބައިއްދައިގެން އުޅުމަކީ އިގްތިސާދީ އަސާސެކެވެ. ލޯނެއް ނަގައިފިނަމަ، އެ ލޯނު ދައްކަން ޖެހެނީ އިންޓަރެސްޓާއެކުގައެވެ. ހަމަ ތިމާމީހާއެވެ. ސަލާމަތެއް ނޯވެއެވެ.

ނަމަވެސް ފެންނަނީ ސަރުކާރުން ނަގާ ލޯނުތަކާއި، ކުރާ ޚަރަދުތަކުގެ 'ބަރު' އެހެން ސަރުކާރެއްގެ ބޮލުގައި އެޅުވުމަށްފަހު 'ވޮޒްންޓް މީ" އަކުން ފުއްދާލާ ތަނެވެ. ނުފުއްދޭހާ ނަދުރު ބުނަމުން ގެންދިޔަ ފަހުލަވާނުންގެ މޭޒުކޮޅު ސާފު ކުރެއްވުމަށްފަހު، ކޮފީމަގު ހިއްޕަވައިގެން ގެޔަށް ވަޑައިގަތުމުން އެ ބޭފުޅުންނަށް ނިމުނީއެވެ. ނަމަވެސް ރައްޔަތުންނަކަށް އެ ފުރުސަތެއް ނެތެވެ. މިއަދާއި މާދަމާގެ ދަރިން ޖެހެނީ ހުރިހާ ސަރުކާރުތަކުން ނެގި ހުރިހާ ދަރަނި ބޮލުގައި އަޅައި، އެ ޒިންމާ އަދާކުރާށެވެ.

ޚަރަދުތައް މަދުކުރުމަށް ނުކެޅެދިއްޖެ ހިނދުގައި އާމްދަނީ އިތުރު ކުރުން ނޫން މާ ގިނަ ފުރުސަތުތަކެއް ނޯންނާނެއެވެ. ވަރަށް ބޮޑުުތަނުން އިގްތިސާދު ކުރިއަރައި، ރައްޔަތުން މުއްސަނދި ވުމުގެ ސަބަބުން، ލިބޭ ޓެކްސް ބޮޑުތަނުން އިތުރު ވުމާ ހަމައަށް ކެތް ކުރުމުގެ ގާބިލްކަން ނެތް، އަޅުގަނޑުމެންގެ ސަރުކާރުތަކަށް އޮތް ހައްލަކީ ޓެކްސް ބޮޑު ކުރުމެވެ.

ވޭތުވި، 2023 ގައި ޓެކްސް ބޮޑު ކުރި ވެސް މެއެވެ. ނަމަވެސް، ޖީއެސްޓީ އަދި ޓީޖީއެސްޓީ އިތުރު ކުރުމުގެ ސަބަބުންނާ އެކު، 2023 ގެ އާމްދަނީއަށް އިތުރަށް ލިބުނު 2.3 ބިލިއަން ރުފިޔާ އާ އެކު ވެސް، ޖެހުނީ މަޖިލިހަށް ގޮސް އިތުރަށް ކޮށް ނިންމާފައި ޚަރަދުތަކުގައި ތައްގަނޑު ޖައްސާށެވެ.

އެކްސެލަރޭޓަރުގައި ފައިތާށިވެ ނައްޓަން ނޭންގެނީ ނަމަ، އުޅަނދު މައިތިރިވުން ގާތީ ކޮންމެ ވެސް ތަނަކަށް މުޑިއަރާ، އުޅަނދަށް ނުހަނު ގެއްލުން ލިބުމަށް ފަހުގައެވެ.

ތެދުބަހުން ހަގީގަތް ކިޔައިދިނުމުން ރައްޔިތުން އަޑުއަހާނެ

ރައްޔަތުންނަށް އޮޅުވާލަން މަސައްކަތްކުރުމުގެ ނަތީޖާ ރަނގަޅު ނޫންކަން އޮތީ ފެންނާށެވެ. ދެމެހެއްޓެނިވި އަގެއް ނޫންކަން އެނގިތިބެ 25 ރުފިޔާއަށް މަސްގަންނަން ފެށުމުގެ ނަތީޖާ މަސްވެރިންނަކަށް، މިފްކޯއަކަށް އަދި އެ ދުވަހުގެ ސަރުކާރަކަށް ވެސް ރަނގަޅެއް ނުވިއެވެ. ނުވެސް ވާނެއެވެ.

ވޯޓު ލިބޭނެ ކަމަށް ހިތައި، އިތުރަށް ދޫކުރާ ސަބްސިޑީ އާއި، ގުނަކުރާ ޕްރޮޖެކްޓްތައް ރައްޔަތުންނަށް އޯކޭއެވެ. ސަރުކާރުތަކުން ރައްޔަތުންނަށް ދޭ 'ދޮން ދުނބުރި' ހަދިޔާ، ބޮލާލާ ޖަހަން ބޭނުން ނުވިނަމަވެސް، ދިވެހި ރައްޔިތުންނަކީ ހޭލުންތެރި ބަޔެކެވެ. ލިބޭ އެއްޗަކުން ނޫނީ، ގޭ ޚަރަދު ނުބެލެހެއްޓޭނޭކަން އެ މީހުން ދަނެއެވެ. ތެދު ބަހުން، ސާފުކޮށް ރައްޔަތުން ކައިރީ ބުނުމުން، އެބައިމީހުން ގަބޫލު ކުރާނޭކަމަށް އަޅުގަނޑަށް ޔަގީން ކުރެވެއެވެ.

ނަމަވެސް، ރައްޔަތުންގާތު ޚަރަދުކުޑަ ކުރުމުގެ ވާހަކަ ދެކެވެން ވާނީ އިޚްލާސްތެރި ނިޔަތެއް އޮތިއްޔާއެވެ. ޚަރަދުކުޑަކުރަން ފަށަން ޖެހޭނީ އެންމެ މަތިން ފެށިގެންނެވެ.

ހަރަދުކުޑަކުރަން ފަށަން ޖެހިފައިވަނީ އިއްޔެއިން ފެށިގެން

ފާއިތުވި 2023 ގެ އިންތިޚާބު ނިމި އޮޑީގެ ކައްޕި ބަދަލުވިއިރު، ދިވެހި އިގްތިސާދީ އޮޑި ވަނީ ފުޅޮއިފަށުން ނައްޓަން ހިފައިފައެވެ. ރަށާއި ދިމާއަށް ދަމާ ފުޅޮއިގައި ނުހިފެހެއްޓިއްޖިއްޔާ އޮޑި ދަމާނީ ބޭރު ކަނޑަށެވެ. ބޭރުކަނޑުގެ އުދައިގައި އޮޑި ޖެހިއްޖެއްޔާ، ރައްކާތެރި ބަނދަރެއް ހޯދުމަށް ކުރަން ޖެހޭ މަސައްކަތްތަކުގެ ނަތިޖާ ވަރަށް ހިތިވާނެއެވެ. ރައްޔަތުންނަށް ވަރަށް ބަރުވާނެއެވެ.

ސަބްސިޑީތައް ކުއްލިއަކަށް ކަނޑަންޖެހި، ދައުލަތުން ލިބިދެވޭ ޚިދުމަތްތަކަށް ފުރިހަމަ އަގު ދައްކަން ޖެހިއްޖެނަމަ، ހުރިހާ މުދަލަކާއި ޚިދުމަތްތަކުގެ އަގުބޮޑުވެ، އިތުރު ޓެކްސް ނެގުމަށް މަޖްބޫރު ނުވެއެއް ނުދާނެއެވެ.

ދެހާސް ބާވީސް ވަނަ އަހަރުން ފެށިގެން ސިލޯން ރައްޔަތުން ތަހައްމަލް ކުރަމުން އެ ގެންދަނީ، ރަނގަޅު ފިޔަވަޅު، ރަނގަޅު ވަގުތުގައި ނޭޅުމުގެ ހިތި ނަތީޖާއެވެ. ކުއްލިއަކަށް އޮޑި އަނބުރާ ހޭރިޔާކުރަން ޖެހުމުގެ ބުރައެވެ.

ރޯޅި ފަހިވެ، ރިޔަލުގައި ވައިއެޅުމާއި ހަމައަށް ފުޅޮއިފަށުގައި އޮޑި ހިފެހެއްޓޭނީ ފަލީގައެވެ. މިއީ ފަޅުވެރިންނާއި ކެޔޮޅާއި އެެކީ އެއް އަންބާއެއް ކިޔައި، އެކުގައި ފަލީގައި ހިފަން ޖެހިފައިވާ ވަގުތެވެ.

ލިޔުންތެރިޔާ އާތިފް ޝަކޫރު

ލިޔުންތެރިޔާ އާތިފް ޝަކޫރު

އެޑިޓަރުގެ ނޯޓް: އިބްރާހިމް އާތިފް ޝަކުރަކީ ރާއްޖޭގެ އިޤްތިޞާދު ދިރާސާކޮށް، ރާއްޖޭގެ ނޫސްތަކުގަޔާއި ބޭރުގެ ސައިޓްތަކުގައި ލިޔަމުން ގެންދާ ފަރާތެކެވެ. ދިވެހި އިޤްތިޞާދުގެ އެކި ހަރުފަތްތަކުގައި ޚިދުމަތްއަދާ ކޮށްފައިވާ އާތިފަކީ މިހާރު ރާއްޖެއާއި ރާއްޖޭން ބޭރުގެ ބޮޑެތި ކުންފުނިތަކުގެ ކޮންސަލްޓަންޓެކެވެ. ދިވެހިންގެ މެދުގައި އިގްތިސާދީ ހޭލުންތެރިކަން އިތުރުކުރުމަށް 20 އަހަރަށް ވުރެ ގިނަދުވަހު އާތިފް ވަނީ މެދުކެނޑުމެއް ނެތި މަސައްކަތް ކޮށްފައެވެ.