Roadha Mihaaru
ކޮންމެ ސަބްސިޑީއަކާއި ޑިސްކައުންޓަކަށް އަގު ދައްކާނެ

ކޮންމެ ސަބްސިޑީއަކާއި ޑިސްކައުންޓަކަށް ރައްޔިތުން އަގު ދައްކާނެ!

11 މެއި 2024

އެއިރެއްގައި އޮންނަ ސަރުކާރެއްގެ ހެޔޮފުޅުކަން ވަޒަން ކުރަން އެންމެ ފަސޭހަ ގޮތަކީ ހިލޭ އެހީ އާއި ސަބްސިޑީގެ މިންވަރެވެ. ދެން ގެންނަންވީ ސަރުކާރެއް ކަނޑައެޅުމުގައި ބޭނުންކުރަން އެންމެ ހެޔޮ ފާލަކީ ޑިސްކައުންޓް ލިބޭނޭ ޚިދުމަތާއި، އަދަދާއި، ބާވަތެވެ.

އެއިރެއްގައި އޮންނަ ސަރުކާރެއްގެ ހެޔޮފުޅުކަން ވަޒަން ކުރަން އެންމެ ފަސޭހަ ގޮތަކީ ހިލޭ އެހީ އާއި ސަބްސިޑީގެ މިންވަރެވެ. ދެން ގެންނަންވީ ސަރުކާރެއް ކަނޑައެޅުމުގައި ބޭނުންކުރަން އެންމެ ހެޔޮ ފާލަކީ ޑިސްކައުންޓް ލިބޭނޭ ޚިދުމަތާއި، އަދަދާއި، ބާވަތެވެ.

ސަބްސިޑީގެ ވާހަކަ

މިފްކޯ ހިންގުމަށް ދޭ 'މަސްވެރިންގެ ސަބްސިޑީ'، ހުރިހާ މަސްވެރިންނަކަށް ނުމެ ލިބޭމެއެވެ. ނަމަވެސް، ގެއްލުމުގައި މިފްކޯ ހިންގަން ދޭ ސަބްސިޑީގެ އަގު އާޚިރުގައި ހުރިހާ ދިވެހި ރައްޔިތުން ދައްކާނެތެވެ. ރާއްޖޭން ބޭރު ހޮސްޕިޓާއެއްގައި އެނދުދާން ވެފައިވާ މާމަ ވެސް 'ޓްރާންސްޕޯރޓް ސަބްސިޑީ' ދައްކައެވެ. އަލަތު ކައިވެނި ނުކުރާ ޒުވާނުންނާއި، އިސްރަށްވެހިން ވެސް 'ޕްރީސްކޫލް ހިންގުމަށް ދޭ އެހީ' ދިނުމުގައި ބައިވެރި ވާނެއެވެ. ޖުމްލަކޮށް ދައުލަތުން ހިލޭ ކޮށްދޭ ހުރިހާ ސަބްސިޑީއަކަށް، އާޚިރުގައި ހުރިހާ ރައްޔަތުން އަގު ދައްކާނެއެެވެ.

ވޭތުވެ ދިޔަ ދެ އަހަރު، 2022 އަދި 2023ގައި، ދައުލަތުން ދޫކޮށްފައިވާ 18 ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ ސަބްސިޑީގެ އަގު، އާޚިރުގައި ދައްކާނީ ދިވެހި ހުރިހާ ރައްޔިތުންނެެވެ.

ބާޒާރުމަތީ މީހަކު އަލުވި ބަސްތާތަކެއް އުފުލަނީ.--- ފޮޓޯ: ނިޝާން އަލީ | މިހާރު

ބާޒާރުމަތީ މީހަކު އަލުވި ބަސްތާތަކެއް އުފުލަނީ.--- ފޮޓޯ: ނިޝާން އަލީ | މިހާރު

ކުންފުނިތަކުން ދޭ ޑިސްކައުންޓް

ދައުލަތުގެ ދަރަނީގެ މިންވަރު މިނާނީ، ދައުލަތުގެ ކުންފުނިތަކުން ނަގާފައިވާ ލޯނުތައް ހިމެނޭ ގޮތުންނެވެ. ދައުލަތުގެ ކުންފުންޏެއްގެ ބެލެންސްޝީޓަށް އަސަރު ކުރާ ކޮންމެ މުއާމަލާތަކުން، ދައުލަތުގެ ބެލެންސް ޝީޓަށް އަސަރު ނުކޮށެއް ނުދާނެއެވެ. ކޮންމެ ޚިދުމަތެއް ނަމަވެސް، އެ ޚިދުމަތެއް އުފަން ކުރުމަށް، ދައުލަތުގެ އިދާރާއަކުން ނޫނީ ދައުލަތުގެ ކުންފުންޏަކުން ނަމަވެސް، ޚަރަދުތަކެއް ނުހިނގައެއް ނުދާނެއެވެ.

ފެންބިލާއި ކަރަންޓުބިލުން ޑިސްކައުންޓު ދިނުމަކުން، އެ ޚިދުމަތެއް އުފަން ކުރުމަށް ކުރި އެއްވެސް ޚަރަދެއްގެ، ބައިކުޅަ ބައެއް ނަމަވެސް އުންޏެއް ނުވެއެވެ. ޑިސްކައުންޓް ދީ، ޑިސްކައުންޓް ކަނޑާ، ޑިސްކައުންޓު އިސްލާހު ކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ސަބަބުން، މުއައްޒަފުންގެ ޚަރަދު ހިމެނޭ ގޮތުން ކުންފުނީގެ ޖުމްލަ ޚަރަދު، ވިއްޔާވާނީ ޚަރަދު އިތުރެވެ.

ހިޔާފްލެޓްތަކުގެ ކުލި، ނުވަތަ، ރޭވިލޭރޭތަކާ ދިމާކޮށް ދޭ ފެނާއި ކަރަންޓުގެ ޑިސްކައުންޓް ދިނުމަކީ ހަމައަކަނި އެ ކުންފުންޏާ ގުޅޭ މައްސަަލައެއް ކަމުގައި ބުނުމަކުން ނުނިމޭނެއެވެ. މިހިނގާ 2024 އަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގައި، 2022-2024 އަށް 4.8 ބިލިއަން ރުފިޔާ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ކެޕިޓަލް ދޫކުރުމަށް ކަނޑައެޅިފައި ވެއެވެ. ނިމިދިޔަ 2023ގެ ބަޖެޓު ބުނާގޮތުން، ބީ.ޕީ.ޓީ.އާއި ޖީ.އެސް.ޓީ އާއި ޑިވިޑެންޑް ހިމެނޭގޮތުން ސަރުކާރު ކުންފުނިތަކުން 2.7 ބިލިއަން ރުފިޔާ، ސަރުކާރަށް ނުދައްކާ އެބައޮތެވެ.

ސަބްސިޑީތައް ގުނަ ކުރުމާއި، ކުންފުނިތަކުން ދެވޭ ޚިދްމަތްތަކުން ޑިސްކައުންޓް ކުރުމަކީ، އަދަކު އުފަންވި ފެޝަނެއް ނޫނެވެ. އެކި ސިފައިގައި، އެކިފެންވަރަށް ހުރިހާ ސަރުކާރުތަކުން ވެސް، ވަނީ މި ބަނޑިލައްވާ، މިމަގުގައި ހިނގައިފައެވެ. މިއަދުގެ ތަފާތަކީ ވޯޓާ އަޅާކިޔާ، ގިނަތަކެތި ހިލޭކޮށް ނުވަތަ ޑިސްކައުންޓް ކުރުމަށް ރައްޔަތު މީހާ ސިޔާސީގޮތުން ހޭލުންތެރި ވެފައިވާ މިންވަރެވެ.

ނަމަވެސް، ސަބްސިޑީ ގިނަކުރުމުން، ޚިދްމަތްތައް ޑިސްކައުންޓް ކުރުމަކުން، އެކަމަށް ހިނގި ޚަރަދުތަކެއް އުންޏެއް ނުވެއެވެ. އާޚިރުގައި މިހުރިހާ ފައިސާއެއް ދައްކަންޖޭނީ ހުރިހާ ރައްޔިތުންނެވެ. މިކަމުގައި އިސްތިސްނާއެއް ނޯންނާނެއެވެ.

ބާޒާރުމަތީގައި  ފިހާރައަކުން މީހަކު ބިސް ގަންނަނީ. ކޮންމެ ސަބްސިޑީއަކީ ރައްޔިތުންގެ ބޮލުގައި އެޅޭ އެއްޗެއް--- ފޮޓޯ: ނިޝާން އަލީ | މިހާރު

ބާޒާރުމަތީގައި ފިހާރައަކުން މީހަކު ބިސް ގަންނަނީ. ކޮންމެ ސަބްސިޑީއަކީ ރައްޔިތުންގެ ބޮލުގައި އެޅޭ އެއްޗެއް--- ފޮޓޯ: ނިޝާން އަލީ | މިހާރު

އަމިއްލަ ފައިމަތީ ކޮޅަށް ތިބޭނޭ ރައްޔަތެއް ބިނާކުރަން ފެށުން

ގައުމެއްގެ ނިސްބަތުން، ރައްޔިތަކަށް ދަސްކޮށްދޭން އެންމެ ބޭނުންތެރި ފިލާވަޅަކީ، ތިމާގެ ޚަރަދުތައް އަމިއްލައަށް ބެލެހެއްޓޭނޭ ފަދަ ދިރިއުޅުމެއް ފަރުމާކުރުމަށް ދަސްކޮށްދިނުމެވެ. އަމިއްލަ މަސައްކަތުން ހޯދާ އާމްދަނީން ތިމާ އާއި އާއިލާގެ ޚަރަދުތައް ބެލެހެއްޓުމަށްފަހު، ގައުމަށް ބޭނުންވާ ޓެކްސް ފައިސާ ދައްކާނޭ ރައްޔަތެއް ބިނާކުރުމެވެ.

ރައްޔަތުންގެ ގިނަބަޔަކީ، އަމިއްލައަށް ކުރާ މަސައްކަތުން ދިރިއުޅެ، ގައުމަށް ޓެކްސް ދައްކާ، އުފެއްދުންތެރި ދަރިފަސްކޮޅެއް ބިނާ ކުރުމަކީ، ދައުލަތެއް ދެމެހެއްޓުމަށް މަޖްބޫރު މާއްދާއެކެވެ. ކޮންމެ ރައްޔަތަކީ ކޮންމެ ދުވަހަކު، ދައުލަތުގެ ބުއްފުޅިއަށް ބަރޯސާވާ ބައެއްގެ ގޮތުގައި ބިނާ ކުރެވުމަކުން، އެކޮށްދެވުނީ، އެ ރައްޔިތަށް ހެޔޮކަމެއް ކަމުގައެއް ނުވާނެއެވެ. އަދި އެގޮތުގައި ގައުމަށް ދެމެހެއްޓެނިވި ތަރައްގީއެއް ނުވެސް ގެނެވޭނޭމެއެވެ.