Roadha Mihaaru
އަސްކަރީ ޑްރޯންތައް އިފުތިތާހު ކުރަން ރައީސް މާފަރަށް

އަސްކަރީ ޑްރޯންތައް އިފުތިތާހު ކުރައްވަން ރައީސް މާފަރަށް

15 މާޗް 2024

ރާއްޖޭގެ އިގުތިސާދީ ސަރަހައްދު ބަލަހައްޓަން ތުރުކީން ގަނެފައިވާ އަސްކަރީ ޑްރޯންތައް އިފުތިތާހު ކުރުމުގެ ރަސްމިއްޔާތަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނ. މާފަރަށް މިރޭ ވަޑައިގަންނަވަން ނިންމަވައިފި އެވެ.

ރާއްޖޭގެ އިގުތިސާދީ ސަރަހައްދު ބަލަހައްޓަން ތުރުކީން ގަނެފައިވާ އަސްކަރީ ޑްރޯންތައް އިފުތިތާހު ކުރުމުގެ ރަސްމިއްޔާތަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނ. މާފަރަށް މިރޭ ވަޑައިގަންނަވަން ނިންމަވައިފި އެވެ.

އެ ޑްރޯންތައް އިފުތިތާހު ކުރުމުގެ ރަސްމިއްޔާތު އޮންނާނީ މިރޭ މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގަ އެވެ.

ސަރުކާރުން ނިންމާފައި ވަނީ ރާއްޖޭގެ އިގުތިސާދީ ސަރަހައްދު ބެލެހެއްޓުމަށްޓަކައި ފުރަތަމަ ފަހަރަށް ގެނައި ޑްރޯންތައް އޮޕަރޭޓް ކުރުމުގެ ބޭސް މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި ގާއިމްކުރާށެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ދިވެހި ސިފައިން އަމިއްލަ އަށް ބެލެހެއްޓުމުގެ ގާބިލްކަން އިތުރުކުރުމަކީ ރައީސް މުއިއްޒު މަގާމުގެ ހުވާ ކުރެއްވި ދުވަހުން ފެށިގެން އެންމެ އިސްކަން ދެއްވާ އެއް ކަންތައްތައް ކަމަށް ވާތީ ޑްރޯންތައް ބޭނުންކުރަން ފަށަނީ ކަމަށް ދިވެހި ސަރުކާރުން ބުންޏެވެ.

މިހާތަނަށް ރާއްޖޭގެ އިގުތިސާދީ ސަރަހައްދު ބަލަހައްޓަނީ އިންޑިއާގެ އެހީތެރިކަމާ އެކު އެވެ. އުތުރުން ހއ. އުލިގަމުގައި ބަހައްޓާފައިވާ ރާޑަރުތައް ވެސް މޮނީޓަކޮށް އެ ރާޑަރުތައް މެދުވެރިކޮށް އިގުތިސާދީ ސަރަހައްދު ބެލެހެއްޓުމުގެ "ކޮންޓްރޯލް" ވެސް އޮންނަނީ އިންޑިއާއަށެވެ.

ރާއްޖެ ގެނައި އަސްކަރީ ޑްރޯންތަކުގެ ތަފުސީލެއް އަދި ދިވެހި ސަރުކާރުން ހާމައެއް ނުކުރެ އެވެ. އެކަމަކު، އެނގިފައިވާ ގޮތުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ތުރުކީ އިން ގެނެސްފައިވަނީ އެ ގައުމުން އުފައްދާފައިވާ "ބައިރަކްތާރު ޓީބީ2" ގެ ދެ ޑްރޯން އެވެ. އިތުރު ޑްރޯންތައް ވެސް ގެންނަން ވަނީ ނިންމައިފަ އެވެ.

ތުރުކީން ގެނައި ބައިރަކްތާރު ޓީބީ2 ޑްރޯނެއް.--

ތުރުކީން ގެނައި ބައިރަކްތާރު ޓީބީ2 ޑްރޯނެއް.--

އެމެރިކާއިން މިލިޓަރީ އާލަތްތައް ތުރުކީ އަށް ފޯރުކޮށްދިނުން ހުއްޓާލުމާ ގުޅިގެން، ތުރުކީގެ ޑްރޯން ކުންފުނި، ބައިކާރު އިން އުފެއްދި ޑްރޯންތަކުގެ ތެރޭގައި "ބައިރަކްތާރު ޓީބީ2" ޑްރޯންގެ އުދުހުންތައް ފަށާފައިވަނީ 2014 ވަނަ އަހަރުގެ ތެރޭގަ އެވެ.

މި ޑްރޯން އަކީ 27 ގަޑިއިރަށް ވުރެ ގިނަ އިރު 25،000 އަށް ވުރެ ފޫޓު މަތިން އުދުއްސޭ އުޅަނދެކެވެ. އެންމެ ޒަމާނީ އަސްކަރީ އަދި މުވާސަލާތީ އާލަތްތައް ހުރެ އެވެ. ދިގުމިނުގައި ހަ މީޓަރު، ފިޔަގަނޑުގައި 12 މީޓަރު ހުރެ އެވެ. ގާތްގަނޑަކަށް 700 ކިލޯގެ ފުލީ އޮޓޮމޭޓަޑް މި އުޅަނދުގައި މުވާސަލާތީ ހިދުމަތްތަކުގެ ރޭންޖު 300 ކިލޯމީޓަރާ ހަމައަށް ހުރެ އެވެ. މި ޑްރޯން އަކީ 70 އާއި 120 ނޮޓުގެ ސްޕީޑުގައި ދުއްވުމުގެ ގާބިލުކަން ދީފައިވާ ޑްރޯން އެކެވެ.

ބައިކާރުން ދުނިޔޭގެ ބޭރުގެ ގިނަ ގައުމުތަކަށް ސަޕްލައިކޮށްފައިވާ ޑްރޯންގައި ލޭޒާ ގައިޑަޑް މިސައިލް ހަރުކުރުމުގެ ގާބިލުކަން ވެސް ވަނީ ގާއިމުކޮށްފަ އެވެ. މިގޮތުން، މި ޑްރޯންގެ ޕޭލޯޑް ކެޕޭސިޓީއަކީ 150 ކިލޯ އެވެ.

ޑްރޯންތައް މިރޭ އިފުތިތާހު ކުރުމުގެ ކުރިން އޭގެ ޓެސްޓު ބުރުތަކެއް މާފަރުގައި ވަނީ ޖަހައިފަ އެވެ.

ތުރުކީގެ "ބައިރަކްތާރު ޓީބީ2" ގެ ޑްރޯން އޮޕަރޭޓް ކުރުމުގެ ތަމްރީނުތައް ހެދުމަށް ދިވެހި ސިފައިންގެ ޓީމެއް އެ ގައުމަށް ވެސް ދިޔަ އެވެ. އެނގިފައިވާ ގޮތުގައި ތަމްރީނުތަކަށް ފަހު އެ ޓީމު މިހާރު ވަނީ ރާއްޖެ އައިސްފަ އެވެ. ޑްރޯންތައް އޮޕަރޭޓް ކުރަން މިރޭ ފަށާނީ ވެސް ދިވެހި ސިފައިން ކަމަށް އެނގިފައި ވެ އެވެ.