Roadha Mihaaru
ހަތުރުންނާއި މިތުރުން ހައިރާން ކުރުވައިފި: ޣައްސާން

ރައީސް ހޯއްދެވި ކުރިއެރުމަކީ ހަތުރުންނާއި މިތުރުން ހައިރާން ކުރުވި ކަމެއް: ޣައްސާން

16 މާޗް 2024

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި އަސްކަރީ ޑްރޯންތައް ބޭނުންކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްވެ ނިންމަވައި، ރޭގައި އެ ކަން ފެށުމަކީ ރާއްޖޭގެ ހަތުރުންނާއި މިތުރުންނަށް ވެސް ހައިރާންކަން ލިބުނު ކަމެއް ކަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ރޭ ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި އަސްކަރީ ޑްރޯންތައް ބޭނުންކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްވެ ނިންމަވައި، ރޭގައި އެ ކަން ފެށުމަކީ ރާއްޖޭގެ ހަތުރުންނާއި މިތުރުންނަށް ވެސް ހައިރާންކަން ލިބުނު ކަމެއް ކަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ރޭ ވިދާޅުވެއްޖެ އެވެ.

ތުރުކީގެ ސަރުކާރުގެ އެހީތެރިކަމާ އެކު، މިހާތަނަށް އަސްކަރީ ތިން ޑްރޯން ރާއްޖެ އަށް ދީފައިވާތީ އެ ޑްރޯންތައް ބޭނުންކުރަން ފެށުމުގެ ތާރީހީ ރަސްމިއްޔާތު ބޭއްވި ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގަ އެވެ. ރޭގެ ރަސްމިއްުޔާތުގައި ރައީސް އަދި ސިފައިންގެ އެންމެ މަތީވެރިޔާ މުއިއްޒު ވިދާޅުވި ގޮތުގައި އޭގެ ގިނަ އާލާތްތައް ރާއްޖެ އަށް ތުރުކީ އިން ދިނީ ހިލެ އެވެ. އަދި އިތުރު ޑްރޯންތައް ވެސް މި އަހަރުގެ ތެރޭގައި ގެންނަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.

ރޭގެ ޖަލްސާގައި ޑިފެންސް މިނިސްޓަރު ޣައްސާން ވިދާޅުވީ، މިހާރު ދުނިޔޭގައި ކަން ހިނގަމުންދާ ގޮތަކީ އެކި ގައުމުތަކުގެ ސިޔާދަތާއި އިސްތިގުލާލަށް ނުފޫޒު ފޯރުވުމުގެ މައްޗަށް ކަމަށެވެ. އެކަމަކު، މިފަދަ ހިނދެއްގައި ރާއްޖޭގެ މިނިވަންކަމަށްޓަކައި "ދެ ވަނަ ތެދުވުމަކުން" ރައީސް މުއިއްޒު ތެދުވެވަޑައިގަތްކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"ބޮޑުތިލަދުންމަތިން ތެދުވެވަޑައިގެން ދިވެހިރާއްޖޭގައި މިނިވަން މުސްތަގިއްލު ގައުމެއްގެ ގޮތުގައި އަޅުގަނޑުމެން އުޅުމުގެ ހައްގު އެބައޮތް ކަމަށް ވިދާޅުވެ، ހަށިފޮޅާލައި އަމިއްލަ ފައިމައްޗަށް ތެދުވުމަކީ ދިވެހިންގެ ވެސް ހައްގެއް ކަމަށް ވަރަށް ފާޅުގައި ވިދާޅުވެ، ކެރިގެން ކުރައްވާ ބުރަ މަަސައްކަތުން ހަލުވިކަމާ އެކު ދިވެހި ލަޝްކަރު އަލުން އަތުރާލައްވައި ތި ހޯއްދެވި ކުރިއެރުމަކީ ހަތުރުންނާއި މިތުރުން ހައިރާން ކުރުވި ކަމެއް،" ޣައްސާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރައީސް މުއިއްޒު ނިންމެވުމުގެ ސަބަބުން އެ މަނިކުފާނާ މެދު ރައްޔިތުންނަށް ލިބުނު ޔަގީންކަން ވަނީ ބޮޑުވެފަ އެވެ.

"ތުއްތު ކުދިންގެ ހިތްތަކުގައި ހުއްބުލްވަތަންގެ ދަންމަރު އަލުން ދިއްލާލި ކަމެއް. ކެރޭ ދިވެހި ސިފައިންގެ އަޒުމް އިތުރަށް ވަރުގަދަ ކުރުވި ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.

ރޭގެ ތާރީހީ ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު ޣައްސާން ވާހަކަ ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް

ރޭގެ ތާރީހީ ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު ޣައްސާން ވާހަކަ ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް

ޣައްސާން ވިދާޅުވީ، ދުނިޔޭގައި މިހާރު ހަނގުރާމަތައް ބޮޑަށް ބިނާވެފައި ވަނީ ޓެކްނޮލޮޖީގެ މައްޗަށް ކަމަށާއި އެއީ ލަޝްކަރީން ނުރައްކަލަށް ހުށަހެޅޭ ވަރު ކުޑަކުރަން ކަމަށެވެ.

ރާއްޖޭގެ އަސްކަރިއްޔާ އަށް ވެސް ރައީސް މުއިއްޒުގެ އިސްނެންގެވުމުގެ މަތިން ހޯދައި ދެއްވީ އެފަދަ ވަސީލަތެއްކަން ޑިފެންސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"ދިވެހި ސިފައިން ރައްކާތެރިކަމާ އެކު ތިބެގެން ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް ދެވޭނެ ނިޒާމެއް. މިއީ ދުނިޔޭގައި މިހާރު ކުރިއަރާފައިވާ ގައުމުތަކުގައި ބޭނުންކުރާ ސޮފިސްޓިކޭޓެޑް ޓެކްނޮލޮޖީ ޕްލެޓްފޯމެއް. ހަމަ އޭގެ އިތުރުން ސާވަޔަލަންސާއި ސާޗް އެންޑް ރެސްކިއު އަށް ފޯކަސްކުރާ އިރެއްގައި ވިޔަސް ދިމާވެދާނެ ހާލަތަކުން ދިވެހިރާއްޖޭގެ މިނިވަންކަން ދިފާއުކުރަން ޑިފެންސިވް މެނޫއަލްސް ނެގޭނެ، އަލިފާނުގެ ބާރު ނެގޭނެ ހަތިޔާރެއް [ޑްރޯންސްތަކުގައި ހުންނާނެ]" ޣައްސާން ވިދާޅުވި އެވެ.

ރޭގެ ތާރީހީ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވަނީ ދިވެހި އަސްކަރިއްޔާގައި ވައިގެ ސިފައިންގެ ހިދުމަތް ފައްޓަވައި ދެއްވައި ވައިގެ ސިފައިން އިތުރަށް ތަރައްގީ ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި "ހެލިކޮޕްޓަރު ސާވިސަސް" މި އަހަރު ނިމުމުގެ ކުރިން ފައްޓަވާނެކަން ވެސް އިއުލާން ކުރެއްވި އެވެ. ދެން ވިދާޅުވީ، މިހާރު ފަހަތަށް ސޮއްސާލާފައިވާ ކޯސްޓް ގާޑުގެ ކެޕޭސިޓީ ދެ ގުނަ އިތުރު ކުރައްވާނެ ކަމުގެ ޔަގީންކަމެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، ކޯސްޓް ގާޑުގެ ކެޕޭސިޓީ އިތުރުކުރުމަށް ކުރަންޖެހޭ ކަންކަން ތުރުކީ ފަދަ ގައުމުތަކުގެ އެހީތެރިކަމާ އެކު މިހާރު ވެސް ވަނީ ފަށައިފަ އެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ތުރުކީ އިން ގެނެސްފައިވަނީ އެ ގައުމުން އުފައްދާފައިވާ "ބައިރަކްތާރު ޓީބީ2" ގެ ތިން ޑްރޯން އެވެ. އޭގެ އިތުރު ޑްރޯންތައް ގެންނަން ވަނީ ނިންމައިފަ އެވެ. އެ ތަކެތި ރާއްޖޭގައި އޮޕަރޭޓް ކުރުމަށްޓަކައި ދިވެހި ސިފައިންގެ ޓީމެއް ތުރުކީ އަށް ފޮނުވައިގެން ވަނީ ތަމްރީނުކޮށްފަ އެވެ. ފުރަތަމަ ބެޗު މާލެ އައިސް ހިދުމަތަށް ނުކުމެފައިވާއިރު، ދެ ވަނަ ބެޗު ވަރަށް އަވަހަށް އަންނާނެ ކަމަށް ރޭ ރައީސް ވިދާޅުވި އެވެ.

ހަމަ އޭގެ އިތުރުން ސާވަޔަލަންސާއި ސާޗް އެންޑް ރެސްކިއު އަށް ފޯކަސްކުރާ އިރެއްގައި ވިޔަސް ދިމާވެދާނެ ހާލަތަކުން ދިވެހިރާއްޖޭގެ މިނިވަންކަން ދިފާއުކުރަން ޑިފެންސިވް މެނޫއަލްސް ނެގޭނެ، އަލިފާނުގެ ބާރު ނެގޭނެ ހަތިޔާރެއް [ޑްރޯންސްތަކުގައި ހުންނާނެ] --- ޣައްސާން

އެމެރިކާއިން މިލިޓަރީ އާލަތްތައް ތުރުކީ އަށް ފޯރުކޮށްދިނުން ހުއްޓާލުމާ ގުޅިގެން، ތުރުކީގެ ޑްރޯން ކުންފުނި، ބައިކާރު އިން އުފެއްދި ޑްރޯންތަކުގެ ތެރޭގައި "ބައިރަކްތާރު ޓީބީ2" ޑްރޯންގެ އުދުހުންތައް ފަށާފައިވަނީ 2014 ވަނަ އަހަރުގެ ތެރޭގަ އެވެ.

އެންމެ ޒަމާނީ އަސްކަރީ އަދި މުވާސަލާތީ އާލަތްތަކާ އެކު އުފައްދާފައިވާ މި ޑްރޯން އަކީ 27 ގަޑިއިރަށް ވުރެ ގިނަ އިރު 25،000 އަށް ވުރެ ގިނަ ފޫޓު މަތިން އުދުއްސޭ އުޅަނދެކެވެ.

ދިގުމިނުގައި ހަ މީޓަރު، ފިޔަގަނޑުގައި 12 މީޓަރު ހުންނަ ގާތްގަނޑަކަށް 700 ކިލޯގެ ފުލީ އޮޓޮމޭޓަޑް މި އުޅަނދުގައި މުވާސަލާތީ ހިދުމަތްތަކުގެ ރޭންޖު 300 ކިލޯމީޓަރާ ހަމައަށް ހުރެ އެވެ. މި ޑްރޯން އަކީ 70 އާއި 120 ނޮޓުގެ ސްޕީޑުގައި ދުއްވުމުގެ ގާބިލުކަން ދީފައިވާ ޑްރޯން އެކެވެ.

ބައިކާރުން ދުނިޔޭގެ ބޭރުގެ ގިނަ ގައުމުތަކަށް ސަޕްލައިކޮށްފައިވާ ޑްރޯންގައި ލޭޒާ ގައިޑަޑް މިސައިލް ހަރުކުރުމުގެ ގާބިލުކަން ވެސް ވަނީ ގާއިމުކޮށްފަ އެވެ. މިގޮތުން، މި ޑްރޯންގެ ޕޭލޯޑް ކެޕޭސިޓީއަކީ 150 ކިލޯ އެވެ.