Roadha Mihaaru
ވައިގެ އަސްކަރީ ދެ ބޭސް ގަމާއި ފުނަދޫގައި ގާއިމްކުރަނީ

ވައިގެ އަސްކަރީ ދެ ބޭސް ގަމާއި ފުނަދޫގައި ގާއިމްކުރަނީ

23 އޮކްޓޯބަރ 2024

ރާއްޖޭގެ އިގުތިސާާދީ ސަރަހައްދު ބެލެހެއްޓުމުގެ ކަންކަން ހަރުދަނާ ކުރުމަށްޓަކައި ވައިގެ އަސްކަރީ ދެ މަރުކަޒު އައްޑޫ ގަމާއި ށ. ފުނަދޫގައި ގާއިމްކުރަން ސަރުކާރުން ނިންމައި އޭގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

ރާއްޖޭގެ އިގުތިސާާދީ ސަރަހައްދު ބެލެހެއްޓުމުގެ ކަންކަން ހަރުދަނާ ކުރުމަށްޓަކައި ވައިގެ އަސްކަރީ ދެ މަރުކަޒު އައްޑޫ ގަމާއި ށ. ފުނަދޫގައި ގާއިމްކުރަން ސަރުކާރުން ނިންމައި އޭގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

ރާއްޖޭގައި އަސްކަރީ ޑްރޯންތައް ފުރަތަމަ ފަހަރަށް ބޭނުންކުރަން ފަށާފައި ވަނީ މި އަހަރުގެ މާޗު 15 ގަ އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމަކަށް ތުރުކީ ސަރުކާރުން ދިން ވަރަށް ބޮޑު ލުޔަކާ އެކު، ދިވެހި ސަރުކާރުން ހަރަދު ކޮށްގެން ވަނީ ތިން ޑްރޯން ގެނެސްފަ އެވެ. މި ވަގުތު އެ ޑްރޯންތަކުގެ މައި މަރުކަޒެއްގެ ގޮތުގައި ބޭނުންކުރަނީ ނ. މާފަރު އެއާޕޯޓެވެ.

ނަމަވެސް ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން "މިހާރު" އާ ރޭ ވާހަކަ ދައްކަވަމުން ވިދާޅުވީ، ޑްރޯން ބޭސްއެއް ނުވަތަ ވައިގެ އަސްކަރީ ބޭސްއެއް ގަމާއި ފުނަދޫގައި ކަނޑައަޅަން ޑިފެންސް މިނިސްޓްރީ އާއި އެމްއެންޑީއެފްގެ ލަފާގެ މަތިން ސިފައިންގެ އެންމެ އިސްވެރިޔާ ރައީސް މުއިއްޒު ނިންމަވާފައިވާ ކަމަށެވެ.

އެހެންވެ، އެކަމަށް ބޭނުންވާ ބިން ފުނަދޫ ކައުންސިލުން މިހާރު ވަނީ ހަމަޖައްސައިދީފައި ކަމަށާއި އެ ރަށުގައި އަމަލީ މަސައްކަތް ފަށަން ތައްޔާރު ވެފައިވާ ކަމަށް ޣައްސާން ވިދާޅުވި އެވެ. ރާވާފައި ވަނީ ގަމުގައި ޔޫއޭވީ ބޭސް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ނިންމައި ފުނަދޫ ބޭސްގެ އަމަލީ މަސައްކަތް ފަށާށެވެ.

މިހާރު ވަރަށް ބާރަށް މަސައްކަތް ކުރިއަށް ދޭ. އަޅުގަނޑުމެން އުންމީދު ކުރަނީ ނޮވެމްބަރު މަސް ނިމުމުގެ ކުރިން ސ. ގަމުން ޔޫއޭވީ އޮޕަރޭޝަންތައް ފެށޭނެ ކަމަށް. މިހާރު ސިފައިން މަސައްކަތް އެ ކުރަނީ،"--- ޣައްސާން

މިނިސްޓަރު ވިދާޅުވިގޮތުގައި ގަމުގައި ޑްރޯން އަށް ހާއްސަ ޔޫއޭވީ މަރުކަޒުގެ މަސައްކަތްތައް އަންނަ ނޮވެމްބަރު މަހުގެ ފުރަތަމަ ދެ ހަފުތާގެ ތެރޭގައި ނިންމަން ޖެހެ އެވެ. އޭރުން ޑްރޯންތައް ބޭނުން ކުރަން ފަށާނީ ގަމުން ކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރުން ނިންމާފައި ވަނީ ގަމުގައި ޔޫއޭވީ ބޭސް ގާއިމްކޮށް ނިމެންވާއިރަށް އިތުރު ޑްރޯންތައް ގެންނާށެވެ. މިހާރު ރާއްޖޭގައި ބޭނުންކުރަނީ ތިން ޑްރޯން ކަމަށް ވިޔަސް އަލަށް ގެންނަ ޑްރޯންތަކުގެ އަދަދެއް ސަރުކާރުން އަދި ހާމައެއް ނުކުރެ އެވެ.

ތިން ޑްރޯނާއެކު ސިފައިންގޭގައި އެއާފޯސް އިފްތިތާހުކުރަން މާޗު 15 ގައި ބޭއްވި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު ޣައްސާން ވާހަކަ ދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ތިން ޑްރޯނާއެކު ސިފައިންގޭގައި އެއާފޯސް އިފްތިތާހުކުރަން މާޗު 15 ގައި ބޭއްވި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު ޣައްސާން ވާހަކަ ދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް

"މިހާރު ވަރަށް ބާރަށް މަސައްކަތް ކުރިއަށް ދޭ. އަޅުގަނޑުމެން އުންމީދު ކުރަނީ ނޮވެމްބަރު މަސް ނިމުމުގެ ކުރިން ސ. ގަމުން ޔޫއޭވީ އޮޕަރޭޝަންތައް ފެށޭނެ ކަމަށް. މިހާރު ސިފައިން މަސައްކަތް އެ ކުރަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

ޑިފެންސް މިނިސްޓަރު ވިދާޅުވީ، މާފަރު އެއާޕޯޓަކީ ޔޫއޭވީގެ މަރުކަޒެއްގެ ގޮތުގައި މިހާރު ބޭނުންކުރަނީ އެ މަސައްކަތް ވީހާ ވެސް އަވަހަކަށް ފަށަން ރައީސް ބޭނުންފުޅުވެގެން ކަމަށެވެ. ރާއްޖޭގައި މިހާރު ބޭނުންކުރަނީ ދުނިޔޭގައި އެންމެ ޑިމާންޑް ބޮޑު އަސްކަރީ ޑްރޯންތައް ކަން ފާހަގަކުއްވައި ޣައްސާން ވިދާޅުވީ، އެންމެ ހަތަރު މަހުން އެ ލިބުނީ ރައީސް މުއިއްޒާއި ތުރުކީގެ ރައީސާ ދެމެދު އޮތް ގާތް ގުޅުމުގެ ސަބަބުން ކަމަށެވެ.

"ޕްރޮޑަކްޝަން ލައިންގައި ކަމަށް ވަންޏާ އެންމެ އަވަހަށް ވެސް އެ ލިބޭނީ ހަތަރު އަހަރު ފަހުން ނޫނިއްޔާ ފަސް އަހަރު ފަހުން. އެހެންވީމާ ތުރުކީއޭގެ ސަރުކާރުގެ ވަރަށް ބޮޑު އެހީތެރިކަމަކާ އެކު މި ލިބުނީ. ރައީސް އެ ގައުމަށް ދަތުރުފުޅު ކުރެއްވީ މިދިޔަ އަހަރުގެ ނޮވެމްބަރު ހާތާނގައި. މާޗު މަހު އަޅުގަނޑުމެންނަށް [ޑްރޯންތައް] ލިބިއްޖެ،" މިނިސްޓަރު ވިދާޅުވި އެވެ.

"އެ ބޭފުޅުން އެހާ އަވަހަށް އެކަން ހަމަޖައްސަވައި ދެއްވާތީ ރައީސް ބޭނުންފުޅުވީ ފެށޭ އެންމެ އަވަސް ގޮތަކަށް ފަށަން. މިކަމަށް އެންމެ އެކަށީގެންވާ އެއާޕޯޓެއް އެ ވަގުތަށް ފެނުނީ މާފަރު. އެއީ ވަރަށް ބޮޑު ހެނގާއެއް [އޭރު ވެސް] ހުރީމާ."

ރައީސް މުއިއްޒު މިދިޔަ އަހަރު ނޮވެމްބަރު މަހު ތުރުކީ އަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގެ ރައީސް އުރުދުޣާންއާ ބައްދަލުކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު މިދިޔަ އަހަރު ނޮވެމްބަރު މަހު ތުރުކީ އަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގެ ރައީސް އުރުދުޣާންއާ ބައްދަލުކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް

މިނިސްޓަރު ވިދާޅުވި ގޮތުގައި ގަމާއި ފުނަދޫގައި ވެސް ހެނގާއެއް ހަދަނީ ސީދާ އެމްއެންޑީއެފްގެ ބަޖެޓުން ހަރަދު ކޮށްގެންނެވެ.

ޑްރޯން އޮޕަރޭޝަންތައް ހުއްޓައެއް ނުލާ

ޑްރޯން ބޭނުންކޮށްގެން އިގުތިސާދީ ސަރަހައްދު ބެލެހެއްޓުން ހުއްޓާލާފައިވާ ކަމަށް ދެއްކެވޭ ވާހަކަތަކާ ގުޅިގެން ޣައްސާން ވިދާޅުވީ، އެއީ ހަގީގަތެއް ނޫން ކަމަށެވެ. މި ވަގުތު އޮޕަރޭޝަންތައް މެދުކެނޑިފައި ވަނީ މާފަރު އެއާޕޯޓުގެ ރަންވޭ ދިގު ކުރުމުގެ މަސައްކަތެއް ކުރާތީ ކަމަށާއި އެކަމަކު އަންނަ ހުކުރު ދުވަހުން ފެށިގެން ޑްރޯން އޮަޕަރޭޝަންތައް އަލުން ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއާޕޯޓް ދިގު ކުރުމުގެ މަސައްކަތެއް ކުރަމުން ދަނިކޮށް އެ ތަނުން ޑްރޯން ނައްޓައެއް ނުލެވޭނެ. އެތަން ބޭނުން ނުކެރެވޭ ހާލަތުގައި ކިހިނެއްތޯ އެކަން ކުރާނީ؟ އެކަމަކު މި މަހުގެ 25 ގައި އަލުން ޔޫއޭވީ އޮޕަރޭޝަންތައް އަޅުގަނޑުމެން ފަށާނަން،" މިނިސްޓަރު ވިދާޅުވި އެވެ.

ވައިގެ އަސްކަރީ މަރުކަޒު ގަމުގައި ހެދުމުން ޓޫރިޒަމަށް ލިބޭނެ ގެއްލުމެއް ނެތް

އައްޑޫ ގަމުގައި ސިފައިން ތިބޭތާ 31 އަހަރު ވެފައިވާ ކަން ފާހަގަކުރައްވައި ޑިފެންސް މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ސިފައިން ގާއިމްވެ ތިބުމަކީ މުޅި ރާއްޖޭގެ ދިފާއަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ.

ގަމުގެ ސަދަން އޭރިއާ ކޮމާންޑުގައި ސިފައިން ގާއިމްވެ ތިބޭއިރު، ސިފައިންގެ ތަމްރީނުތައް އެ ތަނުގައި ވަރަށް ފުޅާކޮށް ހިންގަ އެވެ. އޭގެ ތެރޭގައި "ލައިވް ފަޔާ" ގެ ތަމްރީނުތައް ވެސް ހިމެނެ އެވެ.

ރާއްޖެ އަށް ތުރުކީން ގެނައި އަސްކަރީ ޑްރޯންގެ އޮޕަރޭޝަން ފެށުމަށް މާޗު 15 ގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ.

ރާއްޖެ އަށް ތުރުކީން ގެނައި އަސްކަރީ ޑްރޯންގެ އޮޕަރޭޝަން ފެށުމަށް މާޗު 15 ގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ.

"ސަދަން އޭރިއާ ކޮމާންޑް އެހެރަ ތަނާ ޖެހިގެން ދެ ފަރާތުގައި އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ ޓޫރިޒަމް ކުރިއަށް ގެންދަން ވާނެހެން. އެއީ ލައިވް ފަޔާ އެކްސަސައިޒް ހަދާ ތަނެއް. ބަޑި ޖަހާ އަޑު އިވޭނެ. އަދި ސަލާމަތީ ގޮތުން ކިތަންމެ ގިނަ ފިޔަވަޅެއް ނެގިފައި ހުއްޓަސް ހަތިޔާރު ބޭނުންކުރަން ވާނީ އޮޅިގެން ވެސް އިންސާނަކަށް ނުވަތަ މުދަލަކަށް ގެއްލުން ނުވާ ގޮތަށް ތަމްރީނުތަކުގައި،" ޣައްސާން ވިދާޅުވި އެވެ.

އެހެންވެ، އަސްކަރީ ވެރިންނަށް ފެނުނީ ސަދަން އޭރިއާ ކޮމާންޑުގެ ދެ ފަރާތުގައި ޓޫރިޒަމްގެ ހަރަކާތްތައް ކުރިއަށް ގެންދިއުމުގެ ބަދަލުގައި އެއް ފަރާތް އެކަމަށް ހާއްސަ ކުރަން ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ތަނުން އަޅުގަނޑު ގަބޫލެއް ނުކުރަން އެއްވެސް ވަރެއްގެ ގެއްލުމެއް ދިވެހި ރައްޔިތުންނަށް ލިބޭނެ ކަމަކަށް. ހަގީގަތުގައި ގައުމެއްގެ ދިފާއީ ނިޒާމު ވަރުގަދަވުމަކީ އެ ގައުމު ކުރިއަރައިގެން ދާ ވަރަށް ބޮޑު ސިއްރެއް،"--- ޣައްސާން

"އެއީ ހަގީގަތުގައި ނިންމިފައި އޮތް ނިންމުމަކީ. އެހެންކަމުން [ސަން އޭރިއާ ކޮމާންޑުގެ] އިރުމަތީ ފަރާތް ޓޫރިޒަމްގެ ބޭނުމަށް އިތުރުކޮށް ނުދީ އެމްއެންޑީއެފްގެ ބޭނުމަށް އިތުރު ކޮށްދެއްވީ. އެނގިވަޑައިގަންނަވާނެ ސިފައިންގެ އެންމެ މަތީވެރިޔާ ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ އިސްކަމެއް ދެއްވާ ސިޔާސަތަކީ ދިވެހިރާއްގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގްލާލް ހިމާޔަތް ކުރެއްވުން،" މިނިސްޓަރު ވިދާޅުވި އެވެ.

ޣައްސާން ވިދާޅުވީ، ސަދަން އޭރިއާ ކޮމާންޑު ކައިރީގައި ލައިވް ވަޒަނާ އެކު، ތަމްރީނުތައް ބާއްވާއިރު، ޑްރޯން މަރުކަޒެއް އެ ސަރަހައްދުގައި ހެދިޔަސް ނުހެދިޔަސް ޓޫރިޒަމްގެ ބޭނުންތަކަށް ދޫކުރުން ރައްކާތެރި ނުވާނެ ކަމަށެވެ.

ޣައްސާން ވިދާޅުވި ގޮތުގައި އަސްކަރީ ޑްރޯންތައް ގެންނަން ސަރުކާރުން ނިންމިއިރު ވެސް ޑްރޯންތަކަށް ހާއްސަ މަރުކަޒެއްގެ ގޮތުގައި ކަނޑައެޅީ އައްޑޫ ގަމެވެ. އެއީ ރާއްޖޭގެ އެންމެ ދެކުނަށް ވެފައި އަދި ރާއްޖޭގެ ދެކުނުން ފެށިގެން 200 މޭލުގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން ބެލެހެއްޓުމަށްޓަކައި ޑްރޯންތައް ނައްޓާލަން އެންމެ އެކަށީގެންވާ އެއާޕޯޓެއް އޮތީ ގަމުގައި ކަމަށް ވުމެވެ.

"އަދި އެއީ ޓްރެފިކް އެހާ ހައި ތަނަކަށް ނުވާތީ ވަރަށް ފަސޭހައިން އަޅުގަނޑުމެން ބޭނުން އޮޕަރޭޝަންތައް ހިންގަން ވަގުތު ލިބޭނެ ޓޭކް އޮފް އެންޑް ލޭންޑިން އަށް. މި ކަހަލަށް ސަބަބުތަކަށްޓަކައި އެމްއެންޑީއެފަށް ފެނިގެން މި ތަނުގެ އޮޕަރޭޝަނަލް ކޮމާންޑަރުން ޗީފް އޮފް ޑިފެންސް ފޯސްއާ މަޝްވަރާ ކުރައްވާފައި މިނިސްޓްރީ އޮފް ޑިފެންސަށް ހުށަހެޅުއްވި ގޮތް އަޅުގަނޑުމެން ރައީސުލްޖުމްހޫރިއްޔާ އަށް ހުށަހެޅުއްވީ،" ޑިފެންސް މިނިސްޓަރު ވިދާޅުވި އެވެ.

ޣައްސާން ދެކެވަޑައިގަންނަވާ ގޮތުގައި ރާއްޖޭގެ ވައިގެ އަސްކަރިއްޔާ ފުޅާވާއިރު ގަމުގެ މަރުކަޒު ވަރަށް މުހިންމު ދައުރެއް ކުޅޭނެ އެވެ. '

"އެ ތަނުން އަޅުގަނޑު ގަބޫލެއް ނުކުރަން އެއްވެސް ވަރެއްގެ ގެއްލުމެއް ދިވެހި ރައްޔިތުންނަށް ލިބޭނެ ކަމަކަށް. ހަގީގަތުގައި ގައުމެއްގެ ދިފާއީ ނިޒާމު ވަރުގަދަވުމަކީ އެ ގައުމު ކުރިއަރައިގެން ދާ ވަރަށް ބޮޑު ސިއްރެއް،" މިނިސްޓަރު ވިދާޅުވި އެވެ.

ސިންގަޕޫރާއި ޔޫއޭއީ ފަދަ ގައުމުތަކަކީ އޭގެ މިސާލުތައް ކަމަށް އޭނާ ވިދާޅުވި އެވެ.

ޣައްސާން ވިދާޅުވީ، ދިވެހިންނަށް "ޓްރާންސްފޯމޭޝަނަލް" ބޮޑު ބަދަލެއް ގެނެސްދޭން ރައީސް މަސައްކަތްޕުޅު ކުރައްވާއިރު، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު އެންމެ ފުރިހަމަ މާނައިގައި ރައްކާތެރި ކުރުމަކީ ވަރަށް ބޭނުންތެރި ކަމެއް ކަމަށެވެ.