Roadha Mihaaru
އެނަމާ ހާދިސާ: އާއިލާއަކުން ހަތަރު މަރު!

އާއިލާ އިން އެއްފަހަރާ ހަތަރު މަރު: ފައިދަށުން ބިންގަނޑު ކެހިގެން ދިޔަ ކަހަލަ!

17 މާޗް 2024

އޭނާ އަކީ ނޫސްވެރިއެކެވެ؛ އެހެންވެ "މި އުޅެނީ ކިހިނެއް ވެގެން ހެއްޔޭ" ވެސް އަހަނީ، އޭރު ރަށުގައި ހުރެގެން "މިއަދު" ނޫހުގައި މަސައްކަތް ކުރަމުން ދިޔަ މުހަންމަދު އަޚުތަރު ކައިރީގަ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އޭނާ އަކީ ނޫސްވެރިއެކެވެ؛ އެހެންވެ "މި އުޅެނީ ކިހިނެއް ވެގެން ހެއްޔޭ" ވެސް އަހަނީ، އޭރު ރަށުގައި ހުރެގެން "މިއަދު" ނޫހުގައި މަސައްކަތް ކުރަމުން ދިޔަ މުހަންމަދު އަޚުތަރު ކައިރީގަ އެވެ.

އެކަމަކު އެއަށް ދޭނެ ޖަވާބެއް އޭނާގެ ވެސް ނެތެވެ. އޭނާގެ އާއިލާ ވެސް އޮތީ "އެނަމާ" ބޯޓުގަ އެވެ.

"އެ ރޭގެ 7:30 އާއި 8:00 އާ ދޭތެރޭ ވިލިނިގިއްޔަށް ގޮސް ހުރި ކޮއްކޮއެއް ގުޅާފައި ބުނީ އެނަމާ ފަރަށް އަރައިގެން އެބަ އުޅެއޭ. އިތުރަކަށް ވީ ގޮތެއް ނޭނގެއޭ...،" އަޚުތަރު ބުންޏެވެ.

އެކަމަކު، ޒޯން މުބާރާތުގެ ފައިނަލް މެޗަށް ގދ. ތިނަދޫން ގއ. ވިލިނގިއްޔަށް ދިޔަ "އެނަމާ" ބޯޓު 122 މީހުންނާ އެކު އެނބުރި ރަށަށް އައި މަގުމަތީގައި ބޯޓު އެރީ ފަރަށް ނޫން ކަމާއި ބަންޑުން ޖަހާލީކަން ތިނަދޫގެ މުޅި ރަށުތެރެއަށް އިސާހިތަކު އެނގިއްޖެ އެވެ. އެންމެ ފުރަތަމަ ފެތުރުނީ އޭގައި ދަތުރުކުރި އެންމެން މަރުވި ކަމަށެވެ. އޭގެ ފަހުން އެނގުނީ މަރުވީ ބައެއް މީހުން ކަމެވެ.

"އާއިލާގެ ވެސް އެތައް ބަޔަކު އޭގެން ދަތުރުކުރި،" އަޚުތަރު ބުންޏެވެ.

އެހެންވެ އޭނާ ވެސް ދިޔައީ ރަށުގެ ޖެޓީއާ ދިމާއަށެވެ. އޭރު އޭނާ އަށް ފެނުނީ މުޅި ރަށް ހެން އެ ދިމާއަށް މިސްރާބު ޖަހާފައި އޮތް ތަނެވެ.

"މަޑުމަޑުން ޖެޓީއަށް ހިނގާފައި ދިޔައިރު ހީވީ ރަށް އެއް ފަރާތަށް އަރިވެފައި އޮތްހެން، ހުރިހާ އެންމެންގެ މިސްރާބު ހުރީ ޖެޓީއަށް. ހިތަށް އެރީ ހާދަ ބޮޑު ކަމެއްވީމައޭ މި މަންޒަރު ފެންނާނީ. އެއީ ވަރަށް ތަފާތު މަންޒަރެއް،" އެ ވަގުތު ސިފަކޮށްދީ އަހުތަރު ކިޔައިދޭން ފެށި އެވެ.

"ކޮނޑުގައި ކެމެރާ ވެސް އޮތް އޭރު. އެކަމަކު އޭރު ވެސް ބޮލުގައި އެނބުރެމުން ދިޔައީ މަންމަމެން ކޮއްކޮމެން ސަލާމަތްވި ބާއޭ."

އެނަމާ ބޯޓުގެ ހާދިސާގައި ނިޔާވި އަޚުތަރުގެ ކޮއްކޮ އަމީޒާ

އެނަމާ ބޯޓުގެ ހާދިސާގައި ނިޔާވި އަޚުތަރުގެ ކޮއްކޮ އަމީޒާ

އަހުތަރުހެން އެންމެން ވެސް ތިބީ ވާނުވާ ނޭނގިފަ އެވެ. މުޅި ތިނަދޫ އޮތީ ހުއްޓުން އަރައި، ހިމޭންވެފަ އެވެ. ސައްހަ މައުލޫމާތު ލިބެން ފެށީ، އެ ތަނަށް ތިނަދޫން ދިޔަ ދޯނިތަކުން މީހުން ނަގައި ރަށަށް މީހުން ގެންނަން ފެށުމާ އެކު އެވެ.

ވިލިނގިލިން 6:50 ހާއިރު ފުރި ބޯޓު ބަންޑުން ޖަހާލާފައި އޮތީ އެ ދެ ރަށުގެ ސީދާ މެދަށެވެ. ހާދިސާގައި 22 މީހުން މަރުވެ، ދެ މީހަކު ވީނުވީއެއް ނޭނގި ވަނީ ގެއްލިފަ އެވެ. މަރުވި މީހުންގެ ތެރޭގައި އަޚުތަރުގެ މަންމަ އާއި އަންހެން ކޮއްކޮއެއްގެ އިތުރުން ބޮޑުދައިތަ އަކާއި ފަހަރިއެއް ވެސް ހިމެނެ އެވެ. މިއީ މި ހާދިސާގައި އެއް އާއިލާއަކުން އެންމެ ގިނަ މީހުން މަރުވި އާއިލާ އެވެ.

އެ ރޭ އަޚުތަރުގެ ހިތުން ދުވަހަކު ވެސް ފިލައިގެން ނުދާނެ އެވެ. ހަށިތަކާއި ދިރިތިބި މީހުން ރަށަށް ގެނައި މަންޒަރު އޭނާ އަށް މިހާރު ސިފަ ވަނީ ގާޒާއިން ފެންނަ މަންޒަރުތަކާ އެވެ. މުޅި ރަށް އޮތީ އެއްބައިވަންތަ ކަމުގަ އެވެ. އެންމެން ވެސް އުޅުނީ ވަކި މީހަކަށް ބެލުމެއް ނެތި މީހުން ހޮސްޕިޓަލަށް އުފުލުމުގަ އެވެ. އެ މީހުންނަށް ފަރުވާ ދިނުމުގަ އެވެ.

އަށް ވަރަކަށް އެނދު ހުރި، ތިނަދޫ ހޮސްޕިޓަލު ފުރި، ގިނަ މީހުންނަށް ފަރުވާދިނީ ތަޅުންގަނޑުގައި ބާއްވައިގެންނެވެ. ފިތި ބާރުވެގެން ހޮސްޕިޓަލުގެ ތެރޭގައި ހިނގޭނެ ޖާގައެއް ވެސް ނެތެވެ.

"އޭގައި މަރުވެފައި ތިބީ ކޮން ބައެއް ކަމެއް. ހޭނެތިފައި ތިބީ ކޮން ބައެއް ކަމެއް ވެސް ސާފެއް ނުވޭ. އެއްގޮތަކަށް ވެސް މިކަހަލަ ހާދިސާއަކަށް ތައްޔާރުވެފައިއެއް ނޫން އޮތީ. މި ދައްކަނީ މީގެ 20 އަހަރު ކުރީގެ ވާހަކަ ވިއްޔަ،" އަޚުތަރު ބުންޏެވެ.

ގަބުރުސްތާނު ގޭ ކުރިމަތީގައި، އެ ހަނދާންތައް ކޮންމެ ދުވަހަކު އާވޭ!

އަހްތަރު ބުނި ގޮތުގައި މެޗު ބަލަން އާއިލާގެ ވިއްސަކަށް މީހުން އެނަމާ ބޯޓުގައި ވިލިނގިއްޔަށް ދިޔަ އެވެ. އެހާ ގިނަ ބަޔަކު އާއިލާ އިން ދިޔައީ ރަށު ޓީމުގައި އާއިލާގެ ދެ ކުއްޖަކު ކުޅޭތީ އެވެ. ހަވީރު ފުރަން އޮތް އެ ބޯޓުގައި އަހުތަރު ވެސް އޮތީ ތިނަދު އަށް ދާ ގޮތަށެވެ. އެކަމަކު ބޯޓަށް އަރާފައި ވެސް ފައިބަން ޖެހުނީ މާލެއިން އަންނަ މީހަކު ބަލާ ކާޑެއްދު އަށް ދާން ޖެހިގެން ކަމަށް އޭނާ ބުންޏެވެ.

އަޚުތަރުގެ މަންމަ އާއި ބައްޕަ

އަޚުތަރުގެ މަންމަ އާއި ބައްޕަ

އަޚުތަރު ބުނީ، ލޯންޗުތަކާއި ދޯނިތަކުން ކަނޑުވި މީހުން ގެނައި އިރު، އޭގެ ތެރޭގައި މަރުވީ އަދި ދިރިތިބީ ކާކު ކަން ވެސް ނޭނގޭ ކަމަށެވެ. ހޮސްޕިޓަލަށް މީހުން އުފުލަމުން ދިޔައިރު ވެސް އޭނާގެ މަންމަ އާއި ކޮއްކޮ އަށް ވީގޮތެއް ނޭނގެ އެވެ.

"މަންމަ އާއި ކޮއްކޮ [އަމީޒާ] މަރުވި ވާހަކައެއް އެއްވެސް މީހަކު ނުވެސް ބުނޭ. ހޭވެރިކަމެއް ނެތް އެކަކުގެ ވެސް އެއީ ކާކުތޯ، ކާކުގެ ދަރިއެއްތޯ ބަލާކަށް ވެސް އެ ގަޑީގައެއް،" އަޚުތަރު ބުންޏެވެ.

"އެވަގުތު ސަލާމަތްކުރެވެން އޮތް އެންމެން ސަލާމަތްކޮށް ނިމުން ފަހުން، މީހަކު އައިސް ބުނަނީ މަންމަ ވެސް އެބަ އޮތޭ [މަރުވި މީހުންގެ ތެރޭގައި]. އެއާއެކު ހީވީ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަހެން،" އަޚުތަރު ބުންޏެވެ.

އެ ހަބަރާ އެކު އަޚުތަރު ހުއްޓުން އެރި އެެ. އިތުރަކަށް އޭނާ އަކަށް ހިރިލެވޭ ގޮތެއް ނުވި އެވެ. މީހާ އެއްކޮށް މާޔޫސްކޮށްލި އެވެ. އެ ހިތްދަތިކަމުން އަރައި ނުގަނެވި އުޅެނިކޮށް ޖެހިގެން އައި ދުވަހު އެނގުނީ ކޮއްކޮގެ މަރުވެފައިވާ ހަށިގަނޑު ފެނިފައިވާ ކަމެވެ.

"އަހަރެން ގަބުވި ކަހަލަ. ކޮއްކޮ އާއި މަންމަ އާއި ފަހަރިއެއް ވެސް އަދި ބޮޑުދައިތަ ވެސް މަރުވީ،" އޭނާ ބުންޏެވެ. އަދި އިންޓަވިއު ދެނިކޮށް އޭނާ އަށް ރޮވެން ފެށި އެވެ.

އެ ހިތްދަތި ކަމާއި ހިތާމަތަކުން މުޅި އާއިލާ އަރައިގަންނަން އެތައް ދުވަހެއް ހޭދަވި އެވެ. ކުރީގެ އުފާވެރި ދިރިއުޅުން އަނބުރާ އަދިވެސް ނުވެއް އާދެ އެވެ. އެ ހަނދާންތައް އަދިވެސް ހުރީ ދިރިދިރި އެވެ. އެ ހަނދާންތަކާ ދުރަކަށް ވެސް ނުދެވޭނެ އެވެ.

އެނަމާ ބޯޓު ބަންޑުން ޖަހާލައިފައި

އެނަމާ ބޯޓު ބަންޑުން ޖަހާލައިފައި

ސަބަބަކީ، އަޚުތަރުމެން އުޅޭ ގެ އާ ޖެހިގެން ދޮރުމަތީގައި އޮތް ގަބުރުސްތާނެވެ. އޭނާގެ މަންމަ އާއި ކޮއްކޮ އަދި މި ހާދިސާގައި ނިޔާވި އެންމެން ވަޅުލީ އެ ގަބުރުސްތާނުގަ އެވެ. އެތަން ފެންނަ ކޮންމެ ވަގުތަކީ އެ ހަނދާންތައް އެނބުރި އާކޮށްދޭ ވަގުތެކެވެ.

"އަޅުގަނޑަކީ ވަރަށް މަންމައާ ގާތްކޮށް އުޅުނު މީހެއް. ދެން އެހެން މީހުންނަށް ގަބުރުސްތާނު ވަނީ ތަންކޮޅެއް ބީރައްޓެހި ތަނަކަށް. އެކަމަކު އަޅުގަނޑުމެން ތަފާތު... ދެން އަބަދުވެސް ވަރަށް ހަނދާންވޭ، ވަރަށް ކައިރިގައި އެންމެން ތިބޭހެން ހީވަނީ،" މަންމަ އާއި ބައްޕަގެ ދެ އަންހެން ކުދިންނާއި ހަތަރު ފިރިހެން ކުދިންގެ ތެރެއިން އެންމެ ދޮއްޓަށް ހުރި އަހްތަރު ބުންޏެވެ.

"ދުވަހަކު ވެސް މިކަން ހިތަކުން ފޮހެވިގެނެއް ނުދާނެ."

އެނަމާ ބޯޓުގެ ހާދިސާގައި ނިޔާވި ބައެއް މީހުންގެ ސަންދޯއް -- ފޮޓޯ: މުހަންމަދު އަޚުތަރު

އެނަމާ ބޯޓުގެ ހާދިސާގައި ނިޔާވި ބައެއް މީހުންގެ ސަންދޯއް -- ފޮޓޯ: މުހަންމަދު އަޚުތަރު

ބޯޓާ ގުޅޭ ތަހުގީގެއް ނުހިންގުމުން ކަންބޮޑުވުން!

ރާއްޖޭގައި މިހާތަނަށް ކަނޑުމަތީގައި އެންމެ ގިނަ ބަޔަކު މަރުވި ހާދިސާ ހިނގީ ކީއްވެގެން ކަން އެއީ އަދިވެސް ރަސްމީ ސިފައެއްގައި ބެލިފައި އޮތް ކަމެއް ނޫނެވެ. އަޚުތަރުގެ ވެސް ކަންބޮޑުވުމަކީ އެއީ އެވެ. އޭނާ ބުނާ ގޮތުން އެހާ ގިނަ ބަޔަކު މަރުވީ ބޯޓު ބަންދުވެފައި އޮތުމުން ބޯޓު ތެރޭގައި ތާށިވެގެންނެވެ. އެކަމަކު މިހާތަނަށް އެކަމާ ގުޅޭ ތަހުގީގެއް ކޮށްފައެއް ނުވެ އެވެ.

އެނަމާ ބޯޓުގެ ހާދިސާއާ ގުޅިގެން މިދިޔަ ވިހި އަހަރުގެ ތެރޭގައި ރަށުތެރޭގައި އެކި ގޮތްގޮތަށް ވާހަކަތައް ފެތުރިފައިވެ އެވެ. އަހުތަރު ބުނީ ވޯޓު ތިނަދޫން ފުރިއިރު ވެސް އޮތީ ހުންގާނުގެ ބައެއް ނައްޓައިގެން ގޮސްފައި ކަމަށެވެ.

"އަރުތަ ދޯނީ (އެ ބޯޓު ކައިރިން ދިޔަ އެހެން ދޯންޏެއް) ގެ ރާޅެއް އައި ގަޑީގައި ހުންގާނު ނެއްޓުމަކީ ވެސް އެކަށީގެންވާ ކަމެއް. އޭގެ ސަބަބުން ބޯޓު ކޮންޓްރޯލް ގެއްލި އެ ފުށް މިފުށަށް ޖެހުނީ ކަމަށް ވެދާނެއޭ މީހުން ބުނެ އުޅޭ،" އަޚުތަރު ބުންޏެވެ.

އަޚުތަރު

އަޚުތަރު

އޭނާ ބުނީ ބޯޓު އަރިއަޅާލި ވަގުތު ފަލްކާތައް ނެއްޓި، އޭގެ ތެރޭގައި ވެސް މީހުން މަރުވެފައި ތިބި ކަަމަށެވެ.

އެ ހާދިސާގެ ރަނގަޅު ތަހުގީގެއް ހިންގާފައި ނެތުމުން އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އަހުތަރު ބުނީ އެ ތަހުގީގު ހިންގި ނަމަ، މިހާރު އުޅަނދު ފަހަރަށް ގެންނަން ޖެހޭ ބަދަލުތައް ވެސް ދެނެގަނެވޭނެ ކަމަށެވެ.

"މި ބޯޓަށް އެ ހާދިސާ ދިމާވީ ކީއްވެތޯ މިކަމެއް ނުބަލާ. ހައްތަހާ ވެސް ބެލީ މަރުގެ ހާދިސާ އާއި މިޔަރެން ދޯނި ނުނެގި މައްސަލަ،" އަޚުތަރު ބުންޏެވެ.