Roadha Mihaaru
"އެނަމާ" ބަންޑުން ޖަހާލި ރޭގެ އެހެން ވާހަކައެއް

"އެނަމާ" ހާދިސާގައި ނޭނގި އޮތް ވާހަކައެއް؛ އަލިކަމެއް ނެތް ރަންވޭއަށް ކުރި ނުރައްކާ ދަތުރެއް

17 މާޗް 2021

މީގެ 17 އަހަރު ކުރިން، ގދ. ތިނަދޫ "އެނަމާ" ބޯޓު ބަންޑުން ޖަހާލި އިރު، ގދ. ކާޑެއްދޫ އެއާޕޯޓު އޮތީ ރޭގަނޑު ބޭނުންނުކުރެވޭ ހާލަތުގަ އެވެ. ހޮނު އަޅައި، ރަންވޭގެ ހުރިހާ ލައިޓުތަކެއް ހަލާކުވިތާ އޭރު މަސް ދުވަސް ވެއްޖެ އެވެ. އެއްވެސް އަލިކަމެއް ނެތުމުން، ރޭގަނޑު އެ އެއާޕޯޓަށް އޭރު ބޯޓެއް ނުޖައްސަ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

މީގެ 17 އަހަރު ކުރިން، ގދ. ތިނަދޫ "އެނަމާ" ބޯޓު ބަންޑުން ޖަހާލި އިރު، ގދ. ކާޑެއްދޫ އެއާޕޯޓު އޮތީ ރޭގަނޑު ބޭނުންނުކުރެވޭ ހާލަތުގަ އެވެ. ހޮނު އަޅައި، ރަންވޭގެ ހުރިހާ ލައިޓުތަކެއް ހަލާކުވިތާ އޭރު މަސް ދުވަސް ވެއްޖެ އެވެ. އެއްވެސް އަލިކަމެއް ނެތުމުން، ރޭގަނޑު އެ އެއާޕޯޓަށް އޭރު ބޯޓެއް ނުޖައްސަ އެވެ.

އެކަމަކު ކަނޑުވި މީހުން ސަލާމަތްކުރަން ދާން، ކެޕްޓަން އިބްރާހިމް ރަޝީދަށް އެންމެ ކުރު މަގަކަށް ފެނުނީ ކާޑެއްދޫ އެއާޕޯޓެވެ. އޭނާ އަށް އަމުރު އައީ ވެސް އެތަނަށް ދަތުރުކުރުމަށެވެ. އައިޖީއެމްއެޗުގެ ޑޮކްޓަރުންނާއި ނަރުހުންނާއި ކޯސްޓް ގާޑުގެ ޑައިވަރުންނާ އެކު، އިބްރާހިމް ރަޝީދާއި ކޯޕައިލެޓް މުހައްމަދު މުޖާ، ކަޅުފޮއެ ރެއެއްގައި، އަލިކަމެއް ނެތް ރަންވޭ އަށް ދަތުރު ފެށީ، އެއީ ކިހާ ނުރައްކާތެރި ކަމެއްކަން އެނގި ތިބެ އެވެ.

އެ ދަތުރާ ގުޅޭ ގޮތުން އިބްރާހިމް ރަޝީދާ ސުވާލުކުރުމުން އޭނާ އެދިވަޑައިގަތީ، އެ ހާލަތު ތަސައްވުރުކޮށްލުމަށެވެ.

"ކަޅުފޮއިރެއެއް. ރަންވޭގައި ކަރަންޓެއް ނެތް. މެންދަމު ދޭއް ޖަހާއިރު މި ދަތުރު ފެށީ ބައެއްގެ ފުރާނަ ސަލާމަތްކުރުމަށް، އަޅުގަނޑުމެންގެ ފުރާނަ އަތްމައްޗަށް ލައިގެން،" ސިފައިންގެ ވަޒީފާގައި އޭރު ހުންނެވި އިބްރާހިމް ރަޝީދު ވިދާޅުވި އެވެ.

އަލިކަމެއް ނެތް ރަންވޭއެއްގައި ޖެއްސުމަކީ އޭވިއޭޝަން އުސޫލުތަކުގައި މަނާ ކަމެކެވެ. މޯލްޑިވްސް ސިވިލް އޭވިއޭޝަންގެ ޑައިރެކްޓަރުކަން ވެސް ކުރެއްވި އަދި ރާއްޖޭގެ އެންމެ ފުރަތަމަ ޕައިލެޓުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އިބްރާހިމް ރަޝީދުގެ ބަހުން ނަމަ، "އެއީ މީހުން ކުރާ ކަހަލަ ދަތުރެއް ނޫނެ"ވެ.

އެކަމަކު ކަނޑުވި ބައެއްގެ ފުރާނަ ސަލާމަތްކުރަން އެ ރިސްކު ނެންގެވީ އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ވަގުތު ވިސްނެވީ، އޭވިއޭޝަން ދާއިރާގެ ޕައިލެޓަކަށް ވުރެ، ސިފައިންގެ މީހެއްގެ ހައިސިއްޔަތުންނެވެ. ބިރު އޮތީ އެންމެ ފަހަތުގަ އެވެ. ދެ ވަނަ ވިސްނުމަކީ ކާޑެއްދުއަށް ނުޖެއްސިއްޖެ ނަމަ އައްޑޫ ގަމު އެއާޕޯޓަށް ޑައިވާޓްކުރުމެވެ.

ޑޯނިއާ ފްލައިޓެއްގައި ސިފައިން ކުރި ކުއްލި މި ދަތުރުގެ ވާހަކަ، އޭރު ކާޑެއްދޫ އެއާޕޯޓުގައި، އެއާ ޓްރެފިކް ކޮންޓްރޯލާއަކަށް ހުރި ސައްދާމު އަހުމަދު ސައީދަށް އިވުނީ، ތިނަދޫގައި ހުއްޓަ އެވެ.

އެނަމާ ބޯޓުން ދަތުރުކުރި މީހުންގެ ތެރޭގައި އޭނާގެ އާއިލާގެ މީހުން ވެސް ހިމެނެ އެވެ. އެކަމަކު އެ ވަގުތު ސަލާމަތްވީ އަދި މަރުވީ ކޮން ބައެއް ކަމެއް ނޭނގެ އެވެ. ރަށުގެ އެންމެންހެން ކަހަލަ ގޮތަކަށް އަތިރިމައްޗަށް އެއްވެފައި ތިބި އިރު، ކަނޑުވި އެއްވެސް މީހަކު އޭރު ރަށަކަށް ނުގެނެ އެވެ. ވާނުވާއެއް އޮޅުމެއް ނުފިލަ އެވެ.

ކާޑެއްދޫ އެއާޕޯޓު: އެތަނަށް ސިފައިން ކުރީ ރިސްކީ ދަތުރެއް

ކާޑެއްދޫ އެއާޕޯޓު: އެތަނަށް ސިފައިން ކުރީ ރިސްކީ ދަތުރެއް

ޑިއުޓީ ނިންމާލުމަށް ފަހު، ތިނަދުއަށް ގޮސް ހުރި ސައްދާމަށް، ސިފައިންގެ ކުއްލި ދަތުރުގެ ޚަބަރު ލިބުމުން ވަރަށް ކަންބޮޑުވި އެވެ. އަލިކަމެއް ނެތް ރަންވޭއަށް ބޯޓު ޖައްސާނީ ކިހިނެއް ހެއްޔެވެ؟ އޭނާގެ ވަޒީފާ އަކީ ބޯޓު ޖެއްސުމުގައި ޕައިލެޓުންނަށް އެހީވުން ކަމަށް ވެފައި އަދި "ކޮންމެ ގޮތެއް ހަދައިގެން ވެސް ރަންވޭ ދިއްލުމަށް" އެންގުމުުން، އެ މަސައްކަތަށް ވަގުތުން އޭނާ ކާޑެއްދުއަށް ނައްޓާލި އެވެ.

އެތައް ބައެއްގެ ފުރާނަ ގެއްލުނު އެނަމާ ބޯޓު ހާދިސާ އަށް ފަހު ކާޑެއްދޫ އެއާޕޯޓުގައި އޭރު ތިބީ މަދު މުވައްޒަފުންކޮޅެކެވެ. ދިގު ރަންވޭ އަލިކުރުމަށް ލިބުނީ އެންމެ ފަސް ހޮޅިބުރި އެވެ. އެއަށް ގުޅަން އެކަށީގެންވާ ވަރަށް ކަރަންޓް ކޭބަލެއް ވެސް ނެތެވެ. އެންމެ ފަހުން މަގުމަތީގައި ހުރި ކަރަންޓު ހޮޅި ދަނޑިއަކަށް ގުޅައިގެން، އެ ހޮޅިބުރިތައް ދިއްލި އެވެ. އަދި ރަންވޭގެ ހަތަރު ކަން ފާހަގަވާނެ ގޮތަކަށް، ހޮޅިބުރިތައް ތަންތަނުގައި އަތުރާލި އެވެ. އެކަމަކު އެއީ ބޯޓެއް ޖައްސަން އެކަށީގެންވާ އަލިކަމެއް ނޫނެވެ. އެހެންވެ ސައްދާމުގެ ވިސްނުމަށް އައީ ހޮޅިބުރިތަކުގެ އަލި ފާހަގަކުރަން މުޅި ރަށް އެއްކޮށް ނިއްވާލުމެވެ. އެ ދަންވަރު އެކަން ވެސް ކުރި އެވެ. ރަންވޭއަށް ކިރިޔާ ވެސް ކުޑަ އަލިކަމެއް ދެވުނު އިރު، ބޯޓު ޖައްސަން ކައިރި ވަނީ އެވެ.

ދެން ސައްދާމު ގޮސް ޓަވަރަށް އަރައި، އެތަނުގައި އޮންނަ ސިގްނަލް ލައިޓުން ބޯޓަށް އަލިކުރަން ފެށީ، ރަންވޭ އޮންނާނެ ގޮތް، ކެޕްޓަނަށް އަންގައިދިނުމުގެ ގޮތުންނެވެ. އަދި އިބްރާހިމް ރަޝީދާ ވާހަކަ ދައްކައި، ބޯޓު ޖައްސަން އެހީތެރިވި އެވެ.

ރަންވޭގައި ހުރި ކުޑަ ހޮޅިބުރީގެ އަލި ބޯޓަށް ފެންނާނީ ކިހާ ތިރިއަކަށް އާދެވުމުންކަން، ސައްދާމަށް އެނގެ އެވެ. ބޯޓު ޖައްސަން އައި ވަގުތު އޭނާއަށް ވެސް ޖެހުނީ ނޭވާ ހިފަހައްޓާލައިގެން ހުންނާށެވެ. ސަލާމަތުން ބޯޓު ޖެއްސި ތަން ފެނުމުން، ހެއްދެވި ފަރާތަށް ހަމްދު ކުރެވުނެވެ.

"ހޮޅިބުރީގެ އައިޑިއާ އައީ ކިހިނެއްކަމެއް ވެސް އަޅުގަނޑަކަށް ނޭނގެ. އެކަމަކު އެންމެ އުފާވީ އެކަހަލަ ހާލަތެއްގައި، ކެޕްޓަން އެހާ އިތުބާރު ކުރެއްވީމަ،" މިހާރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މަސައްކަތް ކުރަމުން އަންނަ ޒުވާނާ ކިޔައިދިނެވެ.

މިހާރު ފްލައިމީގައި މަސައްކަތްކުރައްވާ އިބްރާހިމް ރަޝީދު ވިދާޅުވި ގޮތުގައި އެރޭ ބޯޓުން ދަތުރު ކުރި މީހުންނާއި އެއާޕޯޓުގައި ތިބި އެންމެންގެ ފަރާތުން ވެސް ފެނުނީ، މީހުން ސަލާމަތްކުރަން އެހީވާން ބޭނުންވެފައި ތިބި މިންވަރެވެ. ކޮންމެ މީހަކީ ވެސް "ބަތަލެއް"ގެ ގޮތުގައި ސިފަކުރެއްވި އެވެ.

އެނަމާ ބޯޓު ބަންޑުން ޖަހާލައިފައި -- ފޮޓޯ؛ ސޯޝަލް މީޑިއާ

އެނަމާ ބޯޓު ބަންޑުން ޖަހާލައިފައި -- ފޮޓޯ؛ ސޯޝަލް މީޑިއާ

އޭނާ ވިދާޅުވީ ސިފައިން އެފަދަ ނުރައްކާތެރި ދަތުރެއް ކުރުމަކީ އާދަޔާހިލާފު ކަމަކަށް ނުވި ނަމަވެސް، ބޯޓުގައި ތިބި ޑޮކްޓަރުންނާއި ނަރުހުން އެ ދަތުރުގައި ބައިވެރިވުމަކީ ވަރަށް ހިތްވަރު ގަދަ ކަމެކެވެ.

އެ ދަތުރުގެ ބައިވެރިން، އެނަމާ ބޯޓުން ކަނޑުވި މީހުން ސަލާމަތް ކުރުމަށް، ކާޑެއްދޫން ތިނަދުއަށް ފުރި ނަމަވެސް، އިބްރާހިމް ރަޝީދުމެން ދެން ވަޑައިގަތީ ބޯޓަށް ތެޔޮ އަޅަން ސ. ގަމަށެވެ. އަދި ބަންޑުން ޖަހާލި އެނަމާ ބޯޓު އޮތް ތަނަށް ވަޑައިގެން މީހުން ހޯދައި އެހީވުމުގެ މަސައްކަތް ފަހުން ފެއްޓެވި އެވެ.

ގއ. ވިލިނގިލީގައި އޮތް ފުޓުބޯޅަ މެޗެއް ބަލަން ކުރި ދަތުރަށް ފަހު، އެނބުރި ތިނަދުއަށް ދަތުރުކުރަނިކޮށް އެނަމާ ބޯޓު ބަންޑުން ޖަހާލުމުން 24 މީހުން މަރުވެ ދެ މީހަކު ގެއްލުނެވެ. މުޅި ގައުމު ރޮއްވާލި އެ ހާދިސާ އަށް މިއަދު 17 އަހަރު ފުުރުނުނީ އެވެ. އެތައް އާއިލާއެއް ހިތާމައިގެ ކަނޑަކަށް ގަންބާލި އެ ދުވަހު، ކަނޑުވި މީހުން ސަލާމަތް ކުރަން އެތައް ބަޔަކު ފުރާނަ އަތްމައްޗަށް ލައިގެން ނަމޫނާ ވެސް ދެއްކި އެވެ.