Roadha Mihaaru
އޯލެވެލްއިން ފާސްވާ ކުދިންގެ އަދަދު ދަށް: މިނިސްޓަރު

އޯލެވެލް އިން ފާސްވާ ކުދިންގެ އަދަދު މަދު، ތައުލީމީ ފެންވަރު ރަނގަޅުކުރަން ޖެހޭ: މިނިސްޓަރު

19 މާޗް 2024

ރާއްޖޭގައި އޯލެވެލް އިން ފާސްވާ ކުދިންގެ އަދަދު ނިސްބަތުން ދަށް ކަމަށާއި ތައުލީމީ ފެންވަރު ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ރާއްޖޭގައި އޯލެވެލް އިން ފާސްވާ ކުދިންގެ އަދަދު ނިސްބަތުން ދަށް ކަމަށާއި ތައުލީމީ ފެންވަރު ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ.

ދިވެހި ދަރިވަރުން އެވްރެޖުކޮށް 12 އަހަރު ސްކޫލްގައި ކިޔެވި ނަމަވެސް، ރާއްޖޭގެ ތައުލީމީ ފެންވަރު ދަށްވުމުގެ ސަބަބުން ހަތަރު އަހަރުގެ ކިޔެވުން އެ ކުދިންނަށް ގެއްލޭނެ ކަމަށް ވޯލްޑް ބޭންކްގެ ހިއުމަން ކެޕިޓަލް ރިވިއު ރިޕޯޓްގައި ވަނީ ބުނެފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ފުރުސަތުގައި އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ވަނީ މި ރިޕޯޓަށް އަލި އަޅުއްވާލައްވައި އެކަން ރަނގަޅުކުރުމަށް ކުރާ މަސައްކަތާ ގުޅޭ ގޮތުން ސުވާލުކުރައްވައިފަ އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ހަމައެކަނި ރާއްޖޭގެ އޯލެވެލް ތަފާސްހިސާބުތަކަށް ބެލިނަމަވެސް އެކަން ހާމަވަގެން ދާ ކަމަށެވެ. އޭނާ ވިދާޅުވީ، އޯލެވެލްގައި ފަސް މާއްދާއިން 65 ޕަސެންޓް ފާސްވުމުގެ ގައުމީ ޓާގެޓާ ހަމައަށް މިހާތަނަށް ހަގީގީ މާނައިގައި ވާސިލްވެވިފައިނުވާ ކަމަށެވެ.

ގައުމީ ލެވެލެއްގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލް ނުވާ ނަމަ، ލާނިން ލޮސްއެއް ހިނގާ ކަމަށާއި އެކަމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ތައުލީމުގެ ފެންވަރަށް ބަލާއިރު އަޅުގަނޑުމެން ގިނަ މަސައްކަތްތަކެއް ކުރަން އެބަ ޖެހޭ. އޯލެވެލް އިން ފާސްވާ ދަރިވަރުންގެ އަދަދު އަޅުގަނޑުމެންނަށް ދަަށް،" މިނިސްޓަރު ވިދާޅުވި އެވެ.

ދަރިވަރުންގެ މެދުގައި ސްކިލްސް އިތުރުކުރުމުގައި ވެސް ގޮންޖެހުންތައް ހުރި ކަމަށާއި ސްކޫލްތަކުގެ އިންފްރާސްޓްރަކްޗާ ނިޒާމު ބައްޓަންކޮށްފައި ވަނީ މިފަދަ ސްކިލްތަކަށް ބޭނުންވާ ލެބްތައް ގާއިމް ކުރެވޭ ގޮތަށް ނޫން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މިއީ އެޑިއުކޭޝަނަލް ޕޮލިސީ އެންޑް ޕްލޭނިން ހަރުދަނާ ކޮށްގެން، ދުރު ރާސްތާގެ ޕްލޭންތަކެއް ވެސް ދިވެހިރާއްޖޭގެ އެޑިއުކޭޝަން ނިޒާމުގެ ތެރެއަށް ލައިގެން، އަޅުގަނޑުމެން ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައި އޮތް ކަމެއް ކަމުގައި އަޅުގަނޑު ދެކެން،" އޭނާ ވިދާޅުވި އެވެ.

ވޯލްޑް ބޭންކުގައި ރިޕޯޓުގައި ރިޕޯޓްގައި ބުނީ މިހާރު ރާއްޖޭގައި އުފަންވާ ކުދިންނަށް، ފުރިހަމަ ސިއްހަތެއްގައި ހުރެ އުނގެނުމުގެ ފުރުސަތު ފަހިވެއްޖެ ނަމަ، އުމުރުން 18 އަހަރު ވާއިރު، އެ ކުދިންގެ ގާބިލްކަމުގެ 59.6 ޕަސެންޓް ހާސިލުވާނެ ކަމަށެވެ. މިއީ ރާއްޖެ ކަހަލަ އެހެން ގައުމުތަކާ އަޅާބަލާއިރު މަތީ އަދަދެއް ކަމަށް ބުންޏެވެ.