Roadha Mihaaru
މި ފަހަރު ވެސް ބޮޑު ޖަމާއަތުގައި އީދު ނަމާދު އޮންނާނެ

މާލެ ސަރަހައްދެއްގެ ހަތަރު ތަނެއްގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުން އޮންނާނެ

20 މާޗް 2024

މާލެ ސަރަހައްދުގައި މި އަހަރުގެ ފިތުރު އީދު ދުވަހު ވެސް ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުން އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މާލެ ސަރަހައްދުގައި މި އަހަރުގެ ފިތުރު އީދު ދުވަހު ވެސް ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުން އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި ވެސް ބޮޑު އީދު ނަމާދުކުރުން އޮންނާނީ ބޮޑު ޖަމާއަތުގައި ކަމަށެވެ. ބޮޑު ޖަމާއަތުގައި ނަމާދުކުރުން އޮންނާނީ މާލެ ސަރަހައްދުގެ ހަ ސަރަހައްދެއްގަ އެވެ.

އެއީ:

1. މާލޭގައި މާފަންނު ސްޓޭޑިއަމް.

2. ވިލިމާލޭގައި ފުޓްބޯޅަ ދަނޑު.

3. ހުޅުމާލެ 1 ގެ ސިންތެޓިކް ޓްރެކް.

4. ހުޅުމާލެ 2 ގެ ކްރިކެޓް ސްޓޭޑިއަމް.

5. އިސްލާމީ މަރުކަޒާއި އެ ތަނުގެ ސަރަހައްދު

6. ކިންގް ސަލްމާން މިސްކިތާއި އެމިސްކިތުގެ ސަރަހައްދު

މިނިސްޓްރީން ވަނީ ބޮޑު ޖަމާއަތުގައި ކުރާ އީދު ނަމާދަށް ތައްޔާރު ކުރުމުގެ މަސައްކަތުގައި އުޅޭ މީހުންނަށް ކެއުމާއި ސައި ހަދައިދޭނެ މީހުން ހޯދުމަށާއި އެ ތަންތަނުގައި ސައުންޑް ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމަށް ވެސް އިއުލާން ކޮށްފަ އެވެ.

އީދު ނަމާދަށް ދާއިރު ސަމާލުކަން ދޭންވީ ކަންކަމުގެ ތެރޭގައި، ގެއިން ވުލޫއު ކޮށްގެން ދިއުމަށާއި އަމިއްލަ މުސައްލައެއް އަދި ފެންފުޅިއެއް ވެސް ގެންދިއުމަށް ސަމާލުވުމަށް މިނިސްޓްރީން އަބަދުވެސް އަންގަ އެވެ.

އިސްލާމިކް މިނިސްޓްރީން އަންނަނީ މި އަހަރުގެ އީދު ނަމާދުކުރާ ގަޑި ހެނދުނު 7:00 އަށް އަވަސް ކުރުމަށް މަޝްވަރާތައް ކުރަމުންނެވެ.

ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ފިތުރު އީދު ދުވަހަކީ އަންނަ މަހުގެ 10 އެވެ.