Roadha Mihaaru
"އީދު ކުރަން އެންގީ ލަންކާގައި އުޅޭ ދިވެހިންނަށް"

އީދު ކުރަން އެންގީ ލަންކާގައި އުޅޭ ދިވެހިންނަށް: މިނިސްޓަ ޒިޔާދު

15 ޖޫން 2018

އިސްލާމީ ގައުމުތަކަށް މިއަދަކީ ފިތުރު އީދު ދުވަސް ކަމަށް ވާތީ މިއަދު އީދުކުރަން ލަފާދިނީ ހަމައެކަނި ސްރީ ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

އިސްލާމީ ގައުމުތަކަށް މިއަދަކީ ފިތުރު އީދު ދުވަސް ކަމަށް ވާތީ މިއަދު އީދުކުރަން ލަފާދިނީ ހަމައެކަނި ސްރީ ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު މިއަދު ވިދާޅުވެއްޖެ އެވެ.

އިސްލާމީ ބޮޑެތި ގައުމުތަކަށް ވުރެ ފަހުން ރޯދަ ހިފަން ފެށި ގައުމުތަކަށް އިއްޔެއާ ހަމައަށް ހިފިފައިވަނީ 28 ރޯދަ އެވެ. އެފަދަ ގައުމުތަކުގެ ތެރޭގައި އަވައްޓެރި ސްރީ ލަންކާ އާއި ބަންގްލަދޭޝް ހިމެނެ އެވެ.

ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިން ވެސް މިއަދު އީދުކުރަން އިސްލާމިކް މިނިސްޓްރީން އަންގައިފި ކަމަށް ލިޔުނު ހަބަރާ ގުޅިގެން އިސްލާމިކް މިނިސްޓަރު ޒިޔާދު ވިދާޅުވީ އީދާ ގުޅޭ ގޮތުން ސްރީ ލަންކާގެ މުސްލިމް ޖަމާއަތްތަކުގެ ދެމެދުގައި ހިޔާލު ތަފާތުވުން އުފެދިފައިވާތީ ގިނަ ދިވެހިން މިނިސްޓްރީއާ ސުވާލު ކުރުމުން ލަންކާގައި ދިރިއުޅޭ ދިވެހިން ވެސް މިއަދު އީދުކުރަން އެންގެވީ ކަމަށެވެ.

"އަޅުގަނޑުމެން އެންގީ މުޅި ދުނިޔެއަކަށް ނޫން. ދުނިޔޭގެ އިސްލާމީ ގައުމުތަކަށް އަދި އާންމުކޮށް ދިވެހިން އުޅޭ ގައުމުތަކަށް މިއަދު އީދު. އަޅުގަނޑުމެން ލަފާ ދީފައިވާނީ ލަންކާގައި ދިރިއުޅޭ ދިވެހިންނަށް،" މިނިސްޓަރު ވިދާޅުވި އެވެ.

މިއަދާ ހަމައަށް 28 ރޯދަ ހިފާފައިވާ މީހުން މި މަހުގެ ތެރޭގައި އިތުރު ރޯދައެއް ހިފުމަށް ވެސް ލަންކާގައި އުޅޭ ދިވެހިންނަށް ދިން ލަފާގައި ބުނެފައިވެ އެވެ.

މިއަދު އީދު ފާހަގަނުކުރާ ގައުމެއްގައި އުޅޭ ދިވެހިން އަމަލު ކުރާނީ ކިހިނެއްތޯ ސުވާލު ކުރުމުން މިނިސްޓަރު ވިދާޅުވީ އިސްލާމީ ގައުމުތަކަށް މިއަދު މިއީ އީދު ދުވަސްކަމަށް ވުމާ އެކު، ރާއްޖެއިން ބޭރުގައި އުޅޭ ދިވެހިން ވެސް ރާއްޖެއެކޭ އެއްގޮތަށް އީދު ދުވަސް ފާހަގަކުރަމުން އަންނަ ކަމަށެވެ.