Roadha Mihaaru
ވިލް ސްމިތު ޤުރުއާން ހަތިމްކޮށްފި

ވިލް ސްމިތު ޤުރުއާން ހަތިމްކޮށްފި

21 މާޗް 2024

އެމެރިކާގެ އެކްޓަރު ވިލް ސްމިތު ޤުރުއާން ހަތިމްކޮށްފި އެވެ.

އެމެރިކާގެ އެކްޓަރު ވިލް ސްމިތު ޤުރުއާން ހަތިމްކޮށްފި އެވެ.

ކްރިސްޓިއަނެއް ކަމަށްވާ ސްމިތު ޤުރުއާން ހަތިމްކުރި ކަމަށް ބުނީ މިސްރުގެ ނޫސްވެރިޔާ އަމްރު އަދީބްގެ ޕޮޑްކާސްޓް "ބިގް ޓައިމް"ގައި ވާހަކަދައްކަމުންނެވެ. މިދިޔަ ޑިސެމްބަރު މަހު ދިން އެ އިންޓަވިއު ސޯޝަލް މީޑިއާގައި އާންމުވީ އަދި ކިރިޔާ އެވެ.

އެ އިންޓަވިއުގައި ސްމިތު ވަނީ އޭނާގެ ދީނީ ކަންކަމާ ގުޅޭ އެތައް ވާހަކަތަކެއް ހިއްސާކޮށްފަ އެވެ.

ސްމިތު ބުނީ މިދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ސަމާވީ ދީންތަކުގެ ފޮތްތައް ކިޔަމުން އަންނަ ކަމަށެވެ. އަދި މިދިޔަ ރޯދަމަހު އޭނާ ގުރުއާން ހަތިމްކުރި ކަމަށް ވެސް ބުންޏެވެ.

"އެނގޭނެ މިދިޔަ ދެ އަހަރެއްހާ ދުވަހަކީ އަހަރެންގެ ހަޔާތުގައި އައި ވަރަށް އުނދަގޫ ދުވަސްތަކެއް، އެހެންވެ އަހަރެންގެ ވިސްނުންތައް ވަރަށް ބޮޑަށް ބަދަލުވި. އެ ދުވަސްވަރު އަހަރެން އެހެން މީހެއް ކައިރީގައި ވެސް ބުނިން ސަމާވީ ދީންތަކުގެ ފޮތްތައް ކިޔަމުން އަންނަ ކަމަށް. އަހަރެން ޤުރުއާން ވެސް ކިޔެވިން. މި ރޯދަމަހު [މިދިޔަ އަހަރު] ޤުރުއާން ހަތިމް ވެސް ކުރިން. މިއީ އަހަރެންގެ ހަޔާތުގައި ތެދުމަގު ހޯދަން ކުރާ ދަތުރު. ވީހާ ވެސް ބޮޑަށް މީހާގެ ވިސްނުމާއި ފިކުރު ފުޅާކޮށް ހިތްތިރިކަން އިސްކޮށް ކުރިއަށް ދިއުމަށް ހިތްވަރުކުރާ ވަގުތު،" އޭނާ ބުންޏެވެ.

"ޤުރުއާން ދޭހަވުން އެހާ ފަސޭހަ، ވަރަށް ސާފު. އެކަން އަހަންނަށް ވަރަށް ކަމުދިޔަ... އެއްވެސް އެއްޗެއް، ކަމެއް އޮޅިގެން އުޅެން ނުޖެހޭނެހާ ސާފު."

މިދިޔަ ދެ އަހަރަކީ އުނދަގޫ ދުވަސްތަކެއް ކަމަށް ސްމިތު ބުނީ 2022 ވަނަ އަހަރު ބޭއްވި އޮސްކާ އެވޯޑު ހަފުލާގައި އޭނާގެ އަންހެނުންނަށް ނިސްބަތްކޮށް ޖޯކު ޖެހިކަމުގެ ތުހުމަތުގައި އެވޯޑެއް ޕްރެޒެންޓްކުރަން ސްޓޭޖު މަތީގައި ހުރި އެމެރިކާގެ ކޮމީޑިއަން ކްރިސް ރޮކްގެ މޫނުމަތީގައި އޭނާ ޖެހުމުން ފިލްމު އެކެޑަމީން އޭނާ ސަސްޕެންޑްކުރުމުންނެވެ. އަދި އޭގެ ފަހުން ސްމިތުގެ އަންހެނުން ޖެޑާ ސްމިތު ވަނީ އެ މީހުން ކައިވެނިކޮށްގެން އުޅުނަސް ވަކިން ދިރިއުޅެމުން އަންނަތާ ހަތް އަހަރު ދުވަސް ވެއްޖެ ކަމަށް ބުނެފަ އެވެ.

އެ ދެމީހުން ދެކުދިން ވެސް ތިބެ އެވެ. ވަރިނުވެ ތިބީ އެ ދެ ކުދިންނަށްޓަކާ ކަމަށް ޖެޑާ ބުނެފައިވެ އެވެ.