Roadha Mihaaru
ޕްރިޔަންކާއާ އެކު ބަންސާލީ އެކްޝަން ފިލްމެއް ހަދަނީ

ޕްރިޔަންކާއާ އެކު ބަންސާލީ އެކްޝަން ފިލްމެއް ހަދަނީ

23 މާޗް 2024

ބޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ ޕްރޮޑިއުސްކުރާ އެކްޝަން ފިލްމަކަށް ޕްރިޔަންކާ ޗޯޕްރާ ސޮއިކުރަން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ ޕްރޮޑިއުސްކުރާ އެކްޝަން ފިލްމަކަށް ޕްރިޔަންކާ ޗޯޕްރާ ސޮއިކުރަން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މިހާރު އެމެރިކާގައި ދިރިއުޅޭ ޕްރިޔަންކާ މި ވަގުތު ހުރީ މި އަހަރުގެ ހޯލީ ފާހަގަކުރަން އޭނާގެ އާއިލާއާ އެކު އިންޑިއާގެ މުމްބާއީގަ އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި މި ދަތުރުގެ ތެރެއިން ޕްރިޔަންކާ އަންނަނީ އޭނާއަށް ހުށަހަޅާފައިވާ އެކި ފިލްމުތަކުގެ ސްކްރިޕްޓްތައް ކިޔަމުންނެވެ. އަދި އޭގެ ތެރޭގައި ބަންސާލީގެ ފިލްމެއް ވެސް ހިމެނޭ ކަމަށާއި އެ ފިލްމާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް އޭނާ ވަރަށް އަވަހަށް ބަންސާލީ ބައްދަލުކުރާ ގޮތަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

ބަންސާލީއާ ބައްދަލުކުރަނީ އެ ފިލްމަށް ސޮއިކުރުމަށް ކަމަށާއި އެ ބައްދަލުވުމުގައި މަސައްކަތް ފަށާނެ ތާރީހު ވެސް ފައިނަލް ކުރާނެ ކަމަށް ރިޕޯޓްތައް ބުންޏެވެ.

އަހަރުތަކަކަށް ފަހު ޕްރިޔަންކާ އިންޑިއާގެ ގިނަ ފިލްމުތަކެއްގައި މަސައްކަތްކުރަން ތައްޔާރުވަމުން އަންނަ ކަމަށް ނޫސްތަކުން ރިޕޯޓްކޮށްފައިވެ އެވެ.

ނޫސްތަކުގައި ބުނެފައިވާ ގޮތުގައި، ޕްރިޔަންކާގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް ޕާޕަލް ބަބުލް ޕިކްޗާސްގެ ދަށުން ވެސް ހަތަރު ވަރަކަށް ފިލްމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ޕްރިޔަންކާ ވަނީ މީގެ ކުރިން ވެސް ބަންސާލީއާ އެކު މަސައްކަތްކޮށްފަ އެވެ. އެއީ ބަންސާލީ ޑައިރެކްޓުކުރި "ބަޖިރާއޯ މަސްތާނީ"ގަ އެވެ. އޭނާ ޑައިރެކްޓުކުރި "ރާމް ލީލާ"ގެ އައިޓަމް ލަވައެއް ވެސް ޕްރިޔަންކާ ކުޅުނެވެ. އަދި ޕްރިޔަންކާ 2014 ވަނަ އަހަރު ކުޅުނު ކާމިޔާބު ބަޔޮޕިކް ފިލްމު "މެރި ކޮމް"ގެ ޕްރޮޑިއުސަރަކީ ވެސް ބަންސާލީ އެވެ.

ބަންސާލީ މިހާރު ތައްޔާރުވަމުން އަންނަނީ އޭނާގެ ފުރަތަމަ ވެބް ސީރީޒް "ހީރާމަންޑީ" ނެރުމުގެ މަސައްކަތަށެވެ. ވަރަށް އަވަހަށް ނެޓްފްލިކްސް އިން ސްޓްރީމްކުރަން ފަށަން ހަމަޖެހިފައިވާ މި ސީރީޒްގެ ލަވައެއް ވެސް މިހާރު ވަނީ އާންމުކޮށްފަ އެވެ. ނަމަވެސް ސީރީޒްގެ ޓްރެއިލާ އާއި ސްޓްރީމްކުރަން ފަށާ ތާރީހު ވެސް އަދި އިއުލާންކޮށްފައެއް ނުވެ އެވެ.