Roadha Mihaaru
މިސް ޔުނިވާސް ހަޒްނާޒް ވެސް ބޮލީވުޑާ ދިމާލަށް

މި އަހަރުގެ މިސް ޔުނިވާސް ހަޒްނާޒް ވެސް ބޮލީވުޑާ ދިމާލަށް

24 ޑިސެމްބަރ 2021

މިސް ވޯލްޑާއި މިސް ޔުނިވާސްގެ ތާޖު ހޯދާ އިންޑިއާގެ ރީތީގެ ރާނީން ތާޖާ އެކީ ބޮލީވުޑަށް ނުކުތުމަކީ އާންމު ކަމެކެވެ. މި އަހަރުގެ މިސް ވޯލްޑްގެ މަގާމު ލިބުނު އިންޑިއާގެ ހަރްނާޒް ސަންދޫގެ ހުވަފެނަކީ ވެސް ކައިރި މުސްތަގުބަލެއްގައި ބޮލީވުޑަށް ނުކުނެ ފިލްމު ކުޅެން ފެށުމެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިސް ވޯލްޑާއި މިސް ޔުނިވާސްގެ ތާޖު ހޯދާ އިންޑިއާގެ ރީތީގެ ރާނީން ތާޖާ އެކީ ބޮލީވުޑަށް ނުކުތުމަކީ އާންމު ކަމެކެވެ. މި އަހަރުގެ މިސް ވޯލްޑްގެ މަގާމު ލިބުނު އިންޑިއާގެ ހަރްނާޒް ސަންދޫގެ ހުވަފެނަކީ ވެސް ކައިރި މުސްތަގުބަލެއްގައި ބޮލީވުޑަށް ނުކުނެ ފިލްމު ކުޅެން ފެށުމެވެ.

އޭނާ އަކީ މިހާރު ވެސް ބަތަލާއެކެވެ. އެހެންވެ އެކްޓިން އޮތީ އޭނާގެ ލެއާ ގުޅިފަ އެވެ. އީ-ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި 21 އަހަރުގެ ރީތީގެ ރާނީ ބުނީ އޭނާ ތިއޭޓަ މަސައްކަތްކުރާތާ މިހާރު ފަސް އަހަރުވެއްޖެ ކަމަށާއި އެހެންވެ އަބަދުވެސް އެންމެ ގަޔާވާ ޕްރޮފެޝަނަކީ އެކްޓިން ކަމަށެވެ.

"ބޮލީވުޑުން ފުރުސަތު ލިބޭ ކަމަށް ވަންޏާ ކުރިއަށް ދާން ނިންމައިގެން މި ހުރީ. ތިއޭޓަގެ ފަސް އަހަރުގެ ތަޖުރިބާ އަކީ ވެސް އެކްޓިން އަށް އަހަރެން ކިހާ ލޯބިވާކަން ހާމަކޮށްދޭ ކަމެއް." ހަރްނާޒް ބުންޏެވެ.

އޭނާ ބުނި ގޮތުގައި އިންޑަސްޓްރީ އަށް ނުކުމެ ކާމިޔާބު މީހަކަށް ވާން ބޭނުމެވެ. އަދި އެފަދަ އެތައް އަންހެނުނެއް މިހާރު ފިލްމު އިންޑަސްޓްރީގައި ތިބުމަކީ ވެސް ހިތްވަރެއް ކަމަށް ބުންޏެވެ.

"ވަރަށް އިންސްޕަޔަރިން އެތައް ބަޔަކު އެބަތިބި. އަހަންނަށް އަބަދު ވެސް އެފަދަ މިސްމީހުންގެ މަސައްކަތުގެ ނުފޫޒުން އަސަރުކުރޭ. އެހެންވެ ބޭނުންވޭ އެކްޓިން އަށް ކުރިއަށް ދާން،" ހަރްނާޒް ބުންޏެވެ. "އެއީ އަބަދުވެސް ހުވަފެނެއް."

ބޮލީވުޑްގެ ޑައިރެކްޓަރުންގެ ތެރެއިން މަސައްކަތްކޮށްލަން އެންމެ ބޭނުންވާ އެކަކީ ސަންޖޭ ލީލާ ބަންސާލީ ކަމަށާއި އޭނަގެ ފިލްމުތައް ވަރަށް ކަމުދާ ކަމަށް ހަރްނާޒް ބުންޏެވެ. އަދި އެކްޓަރުންގެ ތެރެއިން ޝާހްރުކްހާނާ އެކު މަސައްކަތް ކޮށްލަން ބޭނުންވާ ކަމަށް ހަރްނާޒް ބުންޏެވެ.

"ކާމިޔާބު މީހަކަށްވާން އިންސްޕިރޭޝަނަކަށް ބަލާ އިރު އެކްޓަރުންގެ ތެރެއިން ޝާހްރުކަކީ ދެވަނައެއް ނެތް ފަދަ މީހެއް،" އޭނާ ބުންޏެވެ. "އަހަރެން ވަރަށް އިހުތިރާމުކުރާ ވަރަށް މޮޅު އެކްޓަރެއް އެއީ."

ބައިނަލްއަގްވާމީ ރީތީގެ ރާނީންގެ ތާޖު ހާސިލުކުރި އިންޑިއާގެ އަންހެނުންގެ ތެރެއިން އެންމެ އަވަހަށް މިހާރު ބޮލީވުޑަށް ނުކުންނަން އުޅެނީ 2017 ގެ މިސް ވޯލްޑް މަނޫޝޫ ޗިލާރެވެ. އޭނަގެ އަލަތު ފިލްމަކީ އަންނަ މަހުގެ 21 ގައި ރިލީޒްކުރާ އަކްޝޭ ކުމާރުގެ "ޕްރިތުވީރާޖް" އެވެ. ބޮލީވުޑްގެ ބަތަލާއިންގެ ތެރެއިން އައިޝްވާރިއާ ރާއީ އާއި ޕްރިޔަންކާ ޗޯޕްރާ އަކީ ވެސް މިސް ވޯލްޑުންނެވެ. އަދި ސުޝްމިތާ ސެން އާއި ލާރާ ދައްތާ އަކީ މިސް ޔުނިވާސްއިންނެވެ.