Roadha Mihaaru
ޕްރިޔަންކާ އަށް ބަންސާލީގެ ފިލްމެއް

ޕްރިޔަންކާ އަށް ފިލްމެއް ހުށަހަޅާފައިވާ ކަމަށް ބަންސާލީ ބުނެފި

23 މާޗް 2019

ޕްރިޔަންކާ ޗޯޕްޅާ އަށް ފިލްމެއް ހުށަހަޅާފައިވާ ކަމަށާއި އެ ފިލްމާ ބެހޭ ގޮތުން މިހާރު ވެސް މަޝްވަރާކުރަމުން އަންނަ ކަމަށް ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޕްރިޔަންކާ ޗޯޕްޅާ އަށް ފިލްމެއް ހުށަހަޅާފައިވާ ކަމަށާއި އެ ފިލްމާ ބެހޭ ގޮތުން މިހާރު ވެސް މަޝްވަރާކުރަމުން އަންނަ ކަމަށް ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ ބުނެފި އެވެ.

މިހާރު ސަލްމާން ހާނާއި އާލިއާ ބަޓް ހިމަނައިގެން "އިންޝާﷲ" ކިޔާ ފިލްމެއް ހަދަން ތައްޔާރުވަމުން އަންނަ ހުނަރުވެރި ޑައިރެކްޓަރު މީޑިއާއަކަށް ދިން އިންޓަވިއުއްގައި ބުނީ ޕްރިޔަންކާ އަށް ހުށަހަޅާފައި ވަނީ ލޯބީގެ ވާހަކައެއް ކިޔައިދޭ ފިލްމެއް ކަމަށެވެ.

"އެއީ އަހަރެން ހަދަން އުޅޭތާ ވަރަށް ގިނަ ދުވަސްތަކެއްވެފައިވާ ވަރަށް ރީތި ލޯބީގެ ވާހަކައަކަށް ހަދާ ފިލްމެއް. ޕްރިޔަންކާއާ އެކު މިހާރު ވެސް މި ޕްރޮޖެކްޓާ ބެހޭ ގޮތުން އަންނަނީ ވާހަކަ ދެކެވެމުން،" މިދިޔަ އަހަރު "ޕަދުމާވަތު" ގެނެސް ދިން ބަންސާލީ ބުންޏެވެ. "މި ފިލްމަކީ އަހަރެން އަހަރެން ހަދަން ވަރަށް ބޭނުންވާ ފިލްމެއް."

މީޑިއާތަކުން ބުނީ ޕްރިޔަންކާ އަށް ހުށަހެޅި ފިލްމުގެ ނަމަކީ "ގަންގުބާއީ" ކަމަށެވެ. އަދި އެ ފިލްމަކީ އިންޑިއާގެ ކުރީގެ މަޝްހޫރު ހިންދީ ކްލަސިކް ލަވަކިޔުންތެރިޔާ ގަންގުބާއީ ހަންގަލްގެ ވާހަކަ ކިޔައިދޭ ފިލްމެެއް ކަމަށް ބުނެފައިވެ އެވެ.

ނަމަވެސް ޕްރިޔަންކާ އަށް ހުށަހެޅީ އެ ފިލްމު ކަމެއް ބަންސާލީ ކަށަވަރެއް ނުކޮށްދެ އެވެ. އަދި އެ ފިލްމަކީ އޭނާ ޑައިރެކްޓް ކުރާނެ ފިލްމެއްތޯ ނޫނީ ހަމައެކަނި ޕްރޮޑިއުސް ކުރާނެ ފިލްމެއްތޯ ވެސް ކަށަވަރެއް ނުވެ އެވެ.

ޝާއިރީ އެތަކެއް ލަވައެއް އެހުންތެރިންނަށް ދޫކޮށްލާފައިވާ ގަންގުބާއީ ވަނީ 2009 ގައި މަރުވެފަ އެވެ.

ބަންސާލީއާ އެކު މީގެ ކުރިން ޕްރިޔަންކާ ވަނީ ދެ ފިލްމެއްގައި މަސައްކަތްކޮށްފަ އެވެ. އެއީ އޭނާ ސަޕޯޓިން ރޯލެއް ކުޅުނު 2015 ގެ "ބަޖިރާއޯ މަސްތާނީ" އާއި އައިޓަމް ލަވައެއް ކުޅުނު 2013 ގެ "ރާމް-ލީލާ" އެވެ. އެ ދެ ފިލްމުގެ ވެސް ލީޑް ތަރިންނަކީ މިހާރު ދެމަފިރިން ކަމަށްވާ ރަންވީރު ސިންގް އާއި ދީޕިކާ ޕަދްކޯނެވެ.

ބޮލީވުޑަށް ވުރެ ބޮޑަށް މިހާރު ހޮލީވުޑަށް ވަގުތު ދޭ ޕްރިޔަންކާގެ ކުރިއަށް އޮތް ހިންދީ ފިލްމަކީ މި އަހަރުގެ އޮކްޓޯބަރު 11 ގައި ރިލީޒް ކުރާ "ދަ ސްކައި އިޒް ޕިންކް" އެވެ.