Roadha Mihaaru
ހައްދުން ނެއްޓި، މަސްތުވާ ވޭޕް ވެސް ވިއްކަނީ!

ހައްދުން ނެއްޓި، މަސްތުވާ ވޭޕް ވެސް ވިއްކުން ރާއްޖޭގައި އާންމު ވަނީ!

25 މާޗް 2024

ވޭޕަކީ ރާއްޖޭގައި "ޕެންޑެމިކެއް" ހެން ފެތުރެމުން އަންނަ ނުރައްކާތެރި ވަބާ އެކެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ވޭޕަކީ ރާއްޖޭގައި "ޕެންޑެމިކެއް" ހެން ފެތުރެމުން އަންނަ ނުރައްކާތެރި ވަބާ އެކެވެ.

އެއްވެސް ހައްދެއް ނެތި ވޭޕް އެތެރެ ކުރުމާއި އޭގެ ވިޔަފާރި ކުރުމާއި ބޭނުންކުރުން ދޫކޮށްލާފައި އޮތުމުގެ ސަބަބުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދުމެންހެން ފެތުރި ޒުވާނުންގެ ތެރޭގައި ވައިގަ ހިފައިފި އެވެ. ކުޑަކުދިން ވެސް ވޭޕް ބޭނުން ކުރާ ވަރު އިތުރުވަމުން ގޮސް ސްކޫލްތަކުގައި ވޭޕް މަނާ ބޯޑު އަޅުވާ ހިސާބަށް އޮތީ ގޮސްފަ އެވެ.

ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް "ބަލަން ތިއްބާ" މިހާރު މި މައްސަލަ ވަނީ ހައްދުން ނެއްޓި މުޅިން އެހެން މިސްރާބެއް ޖަހައިފަ އެވެ. މަސްތުވާތަކެތީގެ ބޮޑު މައްސަލައަކަށް ބަދަލު ވާން ފަށައިފަ އެވެ. ތަފާތު ފްލޭވާ އާއި އެކި ވައްތަރުގެ ވޭޕް ރާއްޖެ އެތެރެ ކުރަމުން ދާ އިރު މިހާރު އެންމެ ޓްރެންޑު ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސް އިންފިއުޒް ކޮށްފައި ހުންނަ ވޭޕެވެ.

ރާއްޖެ އަށް ވަގަށް އެތެރެކޮށް ޒުވާނުންނާއި ކުޑަކުދިންގެ ތެރޭގައި ޑްރަގް ހިމެނޭ ވޭޕްތައް ދައުރުކޮށް، ވިޔަފާރި ފުޅާކުރަމުން އަންނަތާ އެތައް ދުވަހެއް ވެއްޖެ އެވެ!

މަސްތުވެދާނެ ކަމަށް ބެލެވޭ ބާވަތްތަކުގެ ވޭޕް ޓެލެގްރާމް ގުރޫޕެއްގައި އިޝްތިހާރު ކޮށްފައި

މަސްތުވެދާނެ ކަމަށް ބެލެވޭ ބާވަތްތަކުގެ ވޭޕް ޓެލެގްރާމް ގުރޫޕެއްގައި އިޝްތިހާރު ކޮށްފައި

ޓެލެގްރާމްގެ ވަގު ވިޔަފާރި، އަޑީގައި ގްރޫޕްތައް!

މި މައްސަލައިގެ ތެރެއަށް "މިހާރު" އިން ވަދެ ބެލުމުން އެނގުނު ގޮތުގައި ރާއްޖެ އަށް އެތެރެކޮށްގެން އެންމެ ގަދަ އަށް ވިއްކަމުން ދަނީ ކެނަބިޑިއޯލް (ސީބީޑީ) އާއި ޓެޓްރަހައިޑްރޯ ކެނަބިނޯލް (ޓީއެޗްސީ) ވޭޕްތަކެވެ.

އެއީ ކެނަބިސްގައި އެކުލެވޭ ދެ ސަބްސްޓެންސް އެކެވެ. ސީބީޑީ އިން މީހާ އަށް ސައިކޯއެކްޓިވް އިފެކްޓުތައް ކުރުވާ އިރު، ޓީއެޗްސީއަކީ ކެނަބިސްގައި މީހާ މަސްތުގެ އިހުސާސް ކުރުވާ ކޮމްޕައުންޑް އުފައްދާ އެއް މާއްދާ އެވެ.

މި ދެ ވައްތަރުގެ ސަބަބުން ވެސް ކެނަބިސް އިން ކުރާ ފަދަ އަސަރުތައް މީހާގެ ހަށިގަނޑަށް ކުރާނެ ކަމަށް ބޭރުގެ ތަޖުރިބާކާރުން ބުނެފައިވެ އެވެ. އޭގެ އެކި ބްރޭންޑުތަކުގައި މީހާ މަސްތުކޮށްލާ ވަރު އެކި ވަރަށް ހުރެ އެވެ.

ރާއްޖެ އަށް އެ ތަކެތި އެތެރެކޮށް ކުރާ ވިޔަފާރީގެ މައުލޫމާތު އެނގޭ މީހަކު "މިހާރު" އަށް ވިދާޅުވި ގޮތުގައި މި ވޭޕްތައް އެތެރެކޮށް ރާއްޖޭގައި މާކެޓު ކުރަމުން ދަނީ ވެސް "ހައި ވާން" ބޭނުން ކުރާ އެއްޗެއް ގޮތުގަ އެވެ. އެ ބޭނުންކުރާ އަދި ގަންނަ މީހުންގެ ތެރޭގައި ހިމެނެނީ ޒުވާނުންނާއި އުމުރުން 18 އަހަރު ނުފުރޭ ކުޑަކުދިންނެވެ.

އެ ވިޔަފާރި ކުރުމަށްޓަކައި ގިނަ ޓެލެގްރާމް ގްރޫޕްތައް ހިންގަ އެވެ. ގަވައިދުން އެ ތަކެތި ގަންނަ މީހުންގެ މެދުގައި ޕްރައިވެޓް ވަޓްސްއެޕް ގްރޫޕެތައް ވެސް ހަދާފައި ހުރެ އެވެ. މާލޭގެ ވޭޕް ވިއްކާ ބައެއް ފިހާރަތަކުން ވެސް ވަގަށް އެ ތަކެތި ވިއްކާ ކަމަށް ވެ އެވެ.

"މިހާރު" އިން ބެލި ޑްރަގް އިންފިއުޒް ވޭޕް ވިއްކާ އެއް ޓެލެގްރާމް ޗެނަލްގައި 200 އެއްހާ މީހުން ވަނީ ސަބްސްކްރަބް ކޮށްފަ އެވެ. އެއީ މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން ހިންގާ ކެނަބިސް ވޭޕްގެ ވިޔަފާރި ކުރަމުން އަންނަ ބައެކެވެ.

އެ ގްރޫޕްގައި ޓީއެޗްސީ ނެނޯސްޓިކް ކާޓްރިޖް އާއި ސީބީޑީގެ ލިކުއިޑް ރިފިލްތައް 500ރ. އާއި 5000ރ. އާ ހަމައަށް ވިއްކަން އެބަ ހުއްޓެވެ. ސްޓޮކް ހުސްވުމުންނާއި އަލުން ސްޓޮކް ލިބުމުން އެ ގްރޫޕްގައި ބަރާބަރަށް ނޮޓިފައިކޮށް އިސްތިހާރު ކުރެ އެވެ.

އޭގެ ވޭޕެއް ގަންނަން ބޭނުން ނަމަ ޓެލެގްރާމްގެ ވަކި އައިޑީއަކަށް ކޮށްލަން ޖެހެނީ މެސެޖެކެވެ.

"މިހާރު" އާ ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި އޭގެ ބައެއް ޗެނަލްތަކަކީ މާލޭގެ ކުށް ކުރާ ގްރޫޕްތައް ފަހަތުގައި ތިބެގެން ހިންގާ ޗެނަލްތަކެކެވެ. އެ މީހުން އާންމުކޮށް އެތަކެތި ޑިސްޓްރިބިއުޓް ކުރުމަށް ހަވާލު ކުރަނީ ޒުވާން ކުދި ބަޔަކާ އެވެ. އަދި ޑިސްޓްރިބިއުޓް ކުރާ މީހުން އެ މީހުން ދަންނަ މީހުންނާއި ގާތް ރައްޓެހިންނާއި ސްކޫލް ކުދިންނަށް ވިއްކަ އެވެ.

އެހެންވެ ބައެއް ޓެލެގްރާމް ގްރޫޕްތަކަކީ ބޮޑަށް އިސްތިހާރު ކުރުމުގެ ބޭނުމުގައި ހުންނަ ޗެނަލްތަކެއް ކަމަށް އޭނާ ބުންޏެވެ.

"ރާއްޖޭގައި ވޭޕް މަނާ ކުރަން ޖެހޭ، އެ މަސައްކަތް ކުރާނަން"

މިފަދަ މައްސަލަތަކުގައި ގާނޫނީ ގޮތުން ސަރުކާރަށް ލަފާ ދިނުމަށް ކަނޑައަޅާފައިވާ ޓޮބެކޯ ކޮންޓްރޯލް ބޯޑުގެ މެންބަރު އަދި އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް "މިހާރު" އަށް ވިދާޅުވި ގޮތުގައި ޑްރަގް އިންފިއުޒް ވޭޕް ވިއްކާ މައްސަލަ ރަސްމީ ގޮތެއްގައި އެ ބޯޑަށް ހުށަހަޅައިފައެއް ނުވެ އެވެ.

އެހެން ނަމަވެސް ނުރަސްމީ ގޮތެއްގައި އަދި ތުންތުން މަތިން އެފަދަ ވާހަކަތައް އަޑު އިވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެޑިކްޝަން ގެންނަ ކަމަށްވާ ނަމަ ވޭޕްގެ ތެރެއަށް ޑްރަގް އިންފިއުޒް ކުރުމާއި އެ ނޫން ވެސް އެހެން ފާޑު އެއްޗެހި ހިމެނުމަކީ ވަރަށް ގާތް ކަމެއް. އަދި އެ ކެމިކަލް މިކްސްޗާސްގެ ސަބަބުން މީހާ އަށް ބޮޑެތި ގެއްލުންތަކެއްވުން އެކަށީގެންވޭ." އައްފާލް ވިދާޅުވި އެވެ.

އަފްއާލް ވިދާޅުވި ގޮތުގައި ރާއްޖޭގައި ވޭޕް މިހާ ބޮޑަށް އާންމުވުމުގެ ކުރިން 2019 ހިސާބުގައި ޓޮބޭކޯ ބޯޑުން އެ މައްސަލާގައި ކަރުދާހެއް ތައްޔާރު ކުރުމުގެ މަސައްކަތް ކުރި އެވެ.

އެ ކަރުދާހަކީ އެހެން ގައުމުތަކުގައި ވެސް އަމަލު ކުރާ ގޮތަށް އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕް ފަދަ ތަކެތި އެތެރެ ކުރުން މަނާ ކުރުމަށް ސަރުކާރަށް ބާރު އަޅަން ތައްޔާރު ކުރަމުން އައި ކަރުދާހެކެވެ. އެހެން ނަމަވެސް ކޮވިޑާ ހެދި އެ މަސައްކަތް އޭރު އޮތީ މަޑުޖެހިފަ އެވެ.

ނަމަވެސް މިހާރު ބޯޑުން އަލުން އެ މަސައްކަތް ފަށައި އެ ކަރުދާސް ރިވިއު ކުރަމުން އަންނަ ކަމަށް އަފްއާލް ވިދާޅުވި އެވެ. އަދި ވަރަށް އަވަހަށް އެ މައްސަލާގައި ސަރުކާރަށް ލަފައެއް އަރުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރާއްޖެ ފަދަ ކުޑަ އާބާދީއެއް އޮންނަ ގައުމަކަށް ވޭޕް ކޮންޓްރޯލް ނުވެގެން އުޅޭ އިރު އިންޑިއާ އާއި ސްރީ ލަންކާ ފަދަ ބޮޑެތި ގައުމުތަކުގައި ވަރަށް ރަނގަޅު ފިޔަވަޅުތަކެއް އަޅަން ފަށާފައިވާ ކަމަށް އަފްއާލް ވިދާޅުވި އެވެ. ދުނިޔޭގައި މިހާރު 42 ގައުމަކުން ވޭޕް ބޭން ކޮށްފައިވާ ކަމަށާއި ރާއްޖެއިން ވެސް އަމަލު ކުރަންވީ ވަގުތު ޖެހިއްޖެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކަން ކުރާ އިރު ގައުމުތަކުން ކޮށްފައި އެކި ތަފާތު ޕްރެކްޓިސްތައް ހުރޭ. މިސާލަކަށް ލިކުއިޑް ކްލެސިފައި ކުރަނީ ކޮން ގޮތަކަށްތޯ. ވޭޕް ކުރާ ޕްލާސްޓިކް އެތިކޮޅު ވީމަ އޭގެން ޓެކްސް ނަގާ މިންވަރު ކިހާ ވަރެއްތޯ ކުރަނީ. އެހެން ގޮސް އެންވާރަމަންޓަލް ޓެކްސްގެ ވާހަކަ ވެސް މިހާރު ޑަބްލިއުއެޗްއޯގެ ފްރޭމްވޯކް ތެރޭގައި އެބަ ދެކެވޭ." އޭނާ ވިދާޅުވި އެވެ.

އަފްއާލް ވިދާޅުވި ގޮތުގައި ވޭޕްގެ މައްސަލާގައި ޓޮބޭކޯ ބޯޑްގެ މެންބަރުންގެ ވިސްނުން ހުރީ އެގޮތަށެވެ. އެހެން ނަމަވެސް އަދި އެ ބޯޑުން ރަސްމީކޮށް ނިންމުމެއް ނުނިންމަ އެވެ. ވަރަށް ރަނގަޅަށް ދިރާސާ ކުރުމަށް ފަހު ރައްޔިތުންނަށް އެންމެ ފައިދާ ވާނެ ލަފައެއް ސަރުކާރަށް އަރުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.