Roadha Mihaaru
ރަހީނުކުރި މައްސަލަ: ސިފައިންގެ އޮފިސަރުން ސަސްޕެންޑް

މީހަކު ރަހީނުކުރި މައްސަލާގައި ތުހުމަތުވާ ސިފައިންގެ ދެ މީހުން ސަސްޕެންޑްކޮށްފި

19 ސެޕްޓެމްބަރ 2024

މާލޭގައި މީހަކު ރަހީނުކޮށް އިނގިލި ބުރިކޮށްލި މައްސަލާގައި ތުހުމަތު ކުރެވޭ ފަސް މީހުންގެ ތެރޭގައި ހިމެނޭ ސިފައިންގެ ދެ އޮފިސަރުން ވަޒީފާއިން ސަސްޕެންޑްކޮށްފައިވާ ކަމަށް އެމްއެންޑީއެފް އިން މިއަދު ބުނެފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

މާލޭގައި މީހަކު ރަހީނުކޮށް އިނގިލި ބުރިކޮށްލި މައްސަލާގައި ތުހުމަތު ކުރެވޭ ފަސް މީހުންގެ ތެރޭގައި ހިމެނޭ ސިފައިންގެ ދެ އޮފިސަރުން ވަޒީފާއިން ސަސްޕެންޑްކޮށްފައިވާ ކަމަށް އެމްއެންޑީއެފް އިން މިއަދު ބުނެފި އެވެ.

މާލޭގެ ދެ އެޕާޓްމެންޓެއްގެ ތެރޭގައި މީހަކު ރަހީނުކޮށް އޭނާއަށް ޖިސްމާނީ ބޮޑެތި އަނިޔާތަކެއް ދިން މައްސަލާގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އެމްއެންޑީއެފްގެ ދެ އޮފިސަރުން ކަމަށްވާ މުހައްމަދު ނަފާހް، ފުލްމޫން ކ. މާފުށި، އަދި އަހުމަދު ޒަޔާން، ތުނޑީ އަވަށު ލިންކް ލ. ގަން އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު ވިދާޅުވީ ރަހީނުކުރި މައްސަލާގައި ދެ އޮފިސަރުން ހައްޔަރުކޮށް ތަހުގީގު ކުރަމުންދާތީ އެ ދެ މީހުން ސިފައިންގެ ވަޒީފާއިން ސަސްޕެންޑްކޮށްފައިވާ ކަމަށެވެ.

ފުލުހުން މި މައްސަލައިގެ ތަހުގީގު ފެށީ އަނިޔާ ލިބުނު މީހާ ބޮޑެތި ޒަހަމްތަކަކާ އެކު ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔުމުން އެތަނުގެ ޑިއުޓީގައި ތިބި ފުލުހުންގެ ސަމާލުކަމަށް އައި ހިސާބުންނެވެ. އަނިޔާ ލިބުނު މީހާ ހޮސްޕިޓަލަށް ގެންދިޔައީ އޭނާގެ މަންމަ އެވެ.

އަނިޔާ ލިބުނު 30 އަހަރުގެ މީހާއަށް ޖިސްމާނީ ބޮޑެތި އަނިޔާތަކެއް ދީފައިވާއިރު ވާތު ލޮލަށް ވަރަށް ބޮޑަށް ލޭއަރާފައި ހުއްޓެވެ. އެ މީހާގެ ހަށިގަނޑުގެ އެކި ތަންތަނުގައި އަލިފާން ޖައްސައި، މާރާމާރީ ހިންގި ކަމުގެ ޒަހަމްތައް ހުއްޓެވެ. އަދި އޭނާގެ ވާތުގެ އިނގިއްޔެއްގެ ދެވަނަ ބަދައިން ފެށިގެން ތިރި ބުރިކޮށްލާފައިވެ އެވެ.

މި މައްސަލައާ ގުޅިގެން އެމްއެންޑީއެފްގެ ދެ އޮފިސަރުންގެ އިތުރުން ހައްޔަރުކޮށްފައި ވަނީ އަލީ ސާމީ، މެހުރާ ރ. ކަނދޮޅުދޫ، އާއި އަހުމަދު ސާއިފް ވަހީދު، ހުދުވެލި ގދ. ގައްދޫ އަދި މުހައްމަދު ނަހުޝާން ހުސެއިން، ތ. ތިމަރަފުށީ، އުތުރުގެއާގެ އެވެ.

ހައްޔަރުކުރި ފަސް މީހުންގެ ތެރެއިން ހަތަރު މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވާއިރު ނަފާހު ބަންދުކޮށްފައިވަނީ މައްސަލާގެ ތަހުގީގު ނިމެންދެނެވެ. މީގެ ތެރޭގައި ކުށުގެ ރެކޯޑު އޮތް މީހުން ވެސް ހިމެނެ އެވެ.

ފުލުހުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ އަނިޔާ ލިބުނު މީހާ ރަހީނުކޮށް އަނިޔާކުރީ ތުހުމަތު ކުރެވޭ މީހުންގެ ނަމުގައި ކުއްޔަށް ނަގާފައިވާ ދެ އެޕާޓްމެންޓެއްގައި ކަމަށެވެ. އެ މައްސަލާގައި ތުހުމަތު ކުރެވޭ މީހުންނަކީ އަނިޔާ ލިބުނު މީހާ މެދުވެރިކޮށް މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ބައެއް ކަން ފާހަގަ ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ އެޕާޓްމެންޓުން މަސްތުވާތަކެތި ބަންދުކުރާ ޕެކެޓްތަކާއި ކައްޓާ ވެސް ފެނިފައިވާ ކަމަށް ޝިފާއު ވިދާޅުވި އެވެ. އަދި އެތަނުގައި އޮތް ވޮލެޓެއް ތެރެއިން މަސްތުވާތަކެތި ފެނުނުއިރު ބަނގުރާ ފުޅި ވެސް އެތަނުން ފެނިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝިފާއު ވިދާޅުވީ މި އަމަލު ހިންގުމުގައި 18 އަހަރު ނުފުރޭ ތިން ކުއްޖެއްގެ ބައިވެރިވުން ވެސް އެބަ އޮތް ކަމަށާއި އެކަން ވެސް ބަލަމުން އަންނަ ކަމަށެވެ.