Roadha Mihaaru
ކެމްޕެއިން ޕޯސްޓަރުތަކުގައި މޫނު ކަނޑައި ގެއްލުން ދެނީ

ކެމްޕެއިން ޕޯސްޓަރުތަކުގައި މޫނު ކަނޑައި ގެއްލުން ދެނީ

24 މާޗް 2024

މަޖިލިސް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕެއިން ޕޯސްޓަރުތަކަށް ގެއްލުން ދިނުމުގެ މައްސަލަ ބޮޑުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މަޖިލިސް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕެއިން ޕޯސްޓަރުތަކަށް ގެއްލުން ދިނުމުގެ މައްސަލަ ބޮޑުވެއްޖެ އެވެ.

އަންނަ މަހުގެ 21 ގައި އިންތިހާބު ބާއްވަން ހަމަޖައްސައި، ކެމްޕެއިން ކުރުމުގެ ހުއްދަ ދިނުމާ އެކު މާލޭގެ އެކި ސަރަހައްދުތައް ވަނީ ކެންޑިޑޭޓުންގެ ޕޯސްޓަރުތަކުން ފުރާލައިފަ އެވެ.

މީހުންގެ ފޮޓޯ ޖަހާފައި ހުންނަ ބިލްބޯޑްތަކަށް ގެއްލުން ދިނުމަކީ މީގެ ކުރިން ވެސް ކުރާ ކަމެކެވެ. އެކަމަކު އެކަން ހުއްޓިފައި އޮތުމަށް ފަހު މިފަހަރު އަލުން ފަށައި މާލެ އާއި ހުޅުމާލޭގައި ވެސް ވަރަށް ގިނަ ބިލްބޯޑުތަކަށް ވަނީ ގެއްލުން ދީފަ އެވެ.

ބިލްބޯޑުތަކުގައި ހުންނަނީ މީހުންގެ މޫނު ކަނޑާލައިފަ އެވެ.

މީގެ ބައެއް މައްސަލަތައް ފުލުހުންނަށް ހުށަހަޅާފައި ވިޔަސް މިކަމުގައި ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.

ކެމްޕެއިން ޕޯސްޓަރުތައް ހަރުކުރެވޭނީ މާލެ ސިޓީ ކައުންސިލްގެ ހުއްދަ ނަގައިގެންނެވެ. ކައުންސިލްގެ ހުއްދައަށް އެދުމުން އެ ޕޯސްޓަރުތަކާއި ބިލްބޯޑުތައް ހަރުކުރެވޭނެ ތަންތަނާއި އެ ތަކެތި ހުންނަންޖެހޭ ޝަރުތުތައް ހިއްސާކުރެ އެވެ.

އެއާ ހިލާފަށް، ޕޭވްމަންޓަށް ހޮޅި ޖަހައިގެން ހަރުކޮށްފައިވާ ކެމްޕެއިން ޕޯސްޓަރުތައް ނަގަން އެ ކައުންސިލުން ވަނީ ނިންމައިފަ އެވެ.